ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެނޑިޑޭޓުގެ އުއްމީދު ގުޅިފައިވަނީ، އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓިގެ ނިންމާ ނިންމުމުގެ މައްޗަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހާމަކުރައްވައި މިދިޔަ ބުދަ ދުވަހު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެމްޑީޕީއަށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭ ނަމަ އެކަމަށް އޮތް ޗޮއިސްއަކީ އެމަނިކުފާނު ކަމަށެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވުމާއެކު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވިކަން އެމަނިކުފާނު އެ ޕާޓީއާ ހިއްސާ ކުރައްވާފައިނުވާ ކަމަށެވެ. އަދި އެކަމަށް އެއްޗެއް ވިދާޅުވާން މާއަވަސް ކަމަށް ގާސިމުވެސް ވަނީ ވިދާޅުވެފައެވެ.
ގާސިމް އެހެން ވިދާޅުވެފައިވަނިކޮށް، ރައީސް ސޯލިހު އިއްޔެ ވަނީ ކުއްލި ނުރަސްމީ ދަތުރުފުޅެއްގައި ގާސިމްގެ އަރިހަށް، މާމިގިއްޔަށް ވަޑައިގެންފައެވެ. އަދި ރޭ ސަން އައިލެންޑް ރިސޯޓުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއެކު ރައީސް ވަނީ ގާސިމްއާ ބައްދަލުކުރައްވައިފައެވެ.
އެކަންތައްތަކާ ގުޅިގެން މިއަދު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު އިއުލާން ކުރެއްވީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީއާވެސް މަޝްވަރާކުރެއްވުމެއް ނެތި ކަމަށެވެ. އަދި ކެންޑިޑެންސީ އިއުލާން ކުރެއްވުމަށްފަހު ރައީސް ސޯލިހަށް ޖެހިވަޑައިގެންނެވީ މާމިނގިއްޔަށް ފުރާވަޑައިގަތުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"ކެންޑިޑެސީ އިއުލާންކުރެއްވުމާއެކު ރައީސަށް ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް. އެހެންނަމަވެސް ޖޭޕީ ގޮތެއް ނިންމެވި ތަނެއް ނުފެނޭ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑަސީގެ އުންމީދު އެއްގޮތަކަށްވެސް ކުރިއަށް ދެވެން އޮތީ ޖޭޕީން ނިންމާ ގޮތެއްގެ މައްޗަށް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 2023ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް ކެންޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތައް ކުރެއްވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ނޫން ކެންޑިޑޭޓުންވެސް އެކަމަށް ނުކުންނަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު