ޚަބަރު

ހާޝިމްގެ ހިތުގެ މައްސަލައެއް ހުރުމުން އޮޕަރޭޝަން ކުރަން ދަތިވެފައި

ރިފާ ހަލީލު

އެކްސިޑެންޓެއްގައި ހާލު ސީރިއަސްވެފައިވާ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަދި އެމްޑީޕީގެ ހދ. ވައިކަރަދޫ ދާއިރާގެ ކުރީގެ ރައީސް އަހުމަދު ހާޝިމްގެ ހިތުގެ މައްސަލަތަކެއް ހުރުމުން ބޮލުގެ އޮޕަރޭޝަން ކުރުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ ޖަލު ހުންނަ ސަރަހައްދު ބޮޑުތަކުރުފާނު މަގުން، މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ހާޝިމްގެ ހާލަތާ ގުޅޭ ގޮތުން "ވަން"އަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މިއަދު ވިދާޅުވީ ހާޝިމް އެކްސިޑެންޓުވީ އެ ސަރަހައްދުގެ ބޭރު ތޮށިގަނޑު މަތީގައި ހުރެފައި ޓޯޔާޑު ކައިރީގައި އޮންނަ ޕާކިން ޒޯނަށް ޖަހާފައި ހުރި ސައިކަލް ނަގަން، މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި އެ މަގުން އައި ސައިކަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާޝިމް މަގު ހުރަސްކުރަން އުޅުނީ ކަފިހި ހުރަސް މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހާޝިމްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ސިކުނޑިއަށް ލޭ އެޅި، މޭ މަތިން ދެ ކަށިގަނޑެއް ބިއްދައިގެން ގޮސްފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ. އަދި އޮޕަރޭޝަން ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް ހާޝިމަކީ މީގެ ކުރިން ހާޓްއެޓޭކެއް ޖެހި ބްލަޑް ތިނާ (ލޭނާރުތަކުގައި ހުންނަ ބްލޮކްތައް ފިލުވުމަށް ބޭނުން ކުރާ އެއްޗެއް) ބޭނުންކުރާ މީހެއް ކަމުން އޮޕަރޭޝަން ކުރަން ދަތިތަކެއް އެބަހުރި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނާއިލް ވިދާޅުވިއެވެ.

"އަދިވެސް ހާޝިމްގެ ހާލު ވަރަށް ކްރިޓިކަލް. އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ. ސާޖަރީއެއް ނުހަދާ އަދިވެސް. އެއީ ހާޝިމަކީ މީގެ ކުރިން ހާޓްއެޓޭކެއް ޖެހި ބްލަޑް ތިނާ ބޭނުން ކުރަމުންދާ މީހެއްވީމަ، ސިކުނޑިއަށް ލޭއެޅިފަ އިން ގޮތުން އޮޕަރޭޝަނެއް ކޮށްފި ނަމަ ރިސްކީ ވެދާނެތީ ބޭސް ބޭނުންކޮށްގެން އެ ލޭތައް ސަބްސައިޑް ކުރެވޭތޯ ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އެ އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނީ އެ އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:23 ހާއިރު ކަމަށާއި ހާޝިމް ގައިގާ ޖެހުނު ސައިކަލް ދުއްވި މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.