ޚަބަރު

ރައީސް ސޯލިހުގެ ރަނިންމޭޓުކަން ގާސިމަށް ވަނީ ހުށަހަޅާފައި: ތޯރިގު

މުހައްމަދު އިޝާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމަށް ހުށަހަޅުއްވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ތޯރިގު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާސިމްގެ ރިޔާސީ އުންމީދު ރައީސް ސޯލިހު ނިމުމަކަށް ގެންނަވައި ރަނިންމޭޓުގެ މަގާމު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ރަނިންމޭޓޫގެ މަގާމު ވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައްގުނުވާނީތޯ ތޯރިގު ސުވާލު އުފެއްދެވިއެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ރިޔާސީ އުންމީދު ނިމުމަކަށް ގެނެސް، ރައީސް ސޯލިހުގެ ރަނިންމޭޓުކަން މިވަނީ ހުށަހަޅާފައި. އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައީސް ސޯލިހުގެ ރަނިންމޭޓުގެ މަގާމުވެސް ހައްގުނުވަނީ ދެއްތޯ؟،" ތޯރިގު ވިދާޅުވިއެެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން އޭނާ ހުށަހެޅުއްވި ކަމަށާއި ނަމަވެސް ރައީސް ސޯލިހުގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު ވެސް އެ ފުރުސަތު ގާސިމަށް ނުދެއްވި ކަމަށް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދޭނެ ކަމަށް ވައުދުވެގެން ކަމަށާއި ދައުރު ނިމިގެންދާއިރު ވެސް އެ ވައުދު ފުއްދިފައިނުވާ ކަމަށެވެ.

"ކޯލިޝަންގެ އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާނެ ކަމަށް ވައުދުވި. ދައުރު ނިމޭއިރުވެސް، އެފަދަކަމެއް މަޖިލީހަކަށް ހުށަނާޅުއްވާ،" ތޯރިގު ވިދާޅުވިއެވެ.

ގާސިމަށް ރަނިންމޭޓޫގެ މަގާމު ހުށަހަޅައިފައިވާ ކަމަށާއި އަދި ސަރުކާރު ކޯލިޝަނާ ބެހޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ތޯރިގު ވާހަކަދައްކައިފައިމިވަނީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރު މިއޮތް ސަރުކާރު ކޯލިޝަނާއެކު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ، ރިޔާސީ އިންތިހާބު 2023 ގައި. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މި ހުރީ ޗޮއިސްއެއް،" ރައީސް އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު މިއަދު ވަނީ އދ. މާމިގިއްޔަށް ވަޑައިގެން ގާސިމްއާ ބައްދަލުވެސް ކުރައްވައިފައެވެ. 2023 ވަނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި ފަހުން މިއީ ކޯލިޝަންގެ ލީޑަރަކާ ރައީސް ސޯލިހު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ގާސިމަށް ރަނިންމޭޓުގެ މަގާމު ރައީސް ސޯލިހު ހުށަހަޅުއްވާފައިވާ ކަމަށް ތޯރިގު ވިދާޅުވަނީ އެ ބައްދަލުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު، ތޯރިގުގެ ޓުވީޓަށް ރައްދުދެއްވައި ވަނީ ގާސިމަށް ރަނިންމޭޓު ހުށަހެޅުއްވިކަން ދޮގުކުރައްވައިފައެވެ. އަދި ތޯރިގުގެ އެ ވާހަކަތަކަކީ ރައީސް ސޯލިހާއި ގާސިމް އެކުގައި ފެނިވަޑައިގަތުމުން ކަންބޮޑުވެގެން ދައްކަވާ ވާހަކަތަކެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރު ދައުރަކަށް ކުރިމަތިލައްވާކަމުގެ އިޝާރާތެއް ކުރެއްވުމާ ގުޅިގެން އަލީ ސޯލިހު "ވަން"އަށް އިއްޔެ ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އެ ޕާޓީއާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވެފައިވެއެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނަމަ ކެނޑިޑޭޓަކަށް ވާނީ އެވަގުތަކު ހުންނަވާ އެ ޕާޓީގެ ލީޑަރެވެ. މިވަގުތު ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އަލީ ސޯލިހު ވިދާޅުވެފައިވަނީ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނުމުގެ މާނައަކީ ކޯލީޝަނަކާއެކުވެސް އިންތިހާބުގައި ވާދަކުރުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ނިންމެވުމެއް އެ ޕާޓީއާ އަދި ހިއްސާކުރައްވާފައި ނުވާތީ އެކަމާ ބެހޭގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ކަމަށާއި، ރިޔާސީ އިންތިހާބާ ބެހޭގޮތުން އެއްވެސް ހުށަހެޅުމެއް އަތުވެއްޖެ ނަަމަ ގޮތެއް ނިންމާނީ ޕާޓީން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.