މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަސްކުރަން އެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް 185 މިލިއަން ރުފިޔާ ދިންކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހަޅައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، އެ މައްސަލަ އެ އިދާރާއަށް ހުށަހަޅައިފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ މިއަދު ރަޖިސްޓްރީ ކުރުމަށްފަހު ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ދިރާސާ ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ފާހަގަވެއްޖެނަމަ އޭސީސީން އެ މައްސަލައެއް ތަހުގީގު ކުރާނެއެވެ. ކޮރަޕްޝަންގެ އަމަލެއް ފާހަގަނުވާނަމަ އެ މައްސަލައެއް ބޭރުކޮށްލާނެއެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ތިލަމާލެ ބުރިޖު އެޅުމަށް ދިވެހި ސަރުކާރުން އެފްކޮންސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ބޭރުން 26 މިލިއަން ޑޮލަރު ދޭން ނިންމައި، އޭގެ ތެރެއިން 12 މިލިއަން ޑޮލަރު މިހާރު ދޫކޮށްފައިވާ ކަމަށެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައިވަނީ އެއްބަސްވުމުގެ ބޭރުން އެފްކޮންސްއަށް ފައިސާ ދީފައިވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ހަރަދުކުރަން ކަމަށެވެ. އަދި އެއީ ބުރިޖު އަވަސްކުރުމުގެ ބޭނުމުގައި ދިން ފައިސާއެއް ނޫން ކަމަށެވެ.
އެފްކޮންސްއަށް އެއްބަސްވުމުގެ ބޭރުން ފައިސާތަކެއް ދިން ވާހަކަ އޭސީސީން ދިރާސާކުރަން ފެށިއިރު، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، އެފްކޮންސްއަށް 26 މިލިއަން ޑޮލަރު ދީފައިނުވާނެ ކަމަށެވެ. ނަމަވެސް ބުރިޖުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެ ކުންފުނީގައި އެދުމުން މަސައްކަތް އަވަސްކުރެވޭނީ އިތުރަށް 26 މިލިއަން ޑޮލަރުން ދިނުމުން ކަމަށް އެކުންފުނިން އެންގި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ވާހަކަދެއްކިން އަވަސްކުރަން ވެގެން. އެއީ ވީހާވެސް އަވަހަށް އެކަން ކުރެވިއްޖެއްޔާ ފައިދާތައް ބޮޑުވީމަ. އެކަމަކު އަޅުގަނޑުމެން އެކަމަށް ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން ކުރާ ގޮތަކަށް ނޫން މިތިބީކީއެއް. އެކަމަކު އަދިވެސް ނެގޯޝިއޭޓް ކުރަމުން ގެންދާނަން ވީހާވެސް އަވަހަކަށް އެ ބްރިޖު ނިންމޭތޯ. އެކަމަކު އިތުރަށް 26 މިލިއަން ޑޮލަރު ދީގެން މިއަންނަ އަހަރު ޖޫންއަކަށް އެކަން ނިންމުމަކީ ބޭނުން ކަމެއް ކަމަަކަށް މިވަގުތަކު އަޅުގަނޑަކަށްވެސް ނުފެނޭ،" ރައީސް ވިދާޅުވެފައިވެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ.
އެފްކޮންސް އިން ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024 ގެ ނޮވެންބަރު މަހަށް ފުރިހަމަ ކުރެވޭނެކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ.
މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.