މިއީ ފަހަރެއްގައި ގަބޫލު ކުރަން ފަސޭހަ ނޫން ވާހަކައަކަށްވެސް ވެދާނެއެވެ. މިއީ ދޮގެކޭވެސް ހީވެދާނެއެވެ. އެކަމަކު ނޫނެކެވެ. މިއީ ތެދުހިތުން، ސީދާބަހުން ކިޔައިދީފައިވާ ވާހަކައެކެވެ. މިވާހަކަ އަޑުއެހިއިރު ހިތަށް ކުރި އަސަރު ބުނެދޭކަށް ފަސޭހައެއް ނޫނެވެ. މިމަންޒަރު ހިތަށް ސިފަކުރެވުމުން ގައިން ވަރުދޫވާނެއެވެ. އިންސާނުންގެ ތެރޭގައި ބައެއްފަހަރު ހައިވާނުންގެ ދަރަޖައިންވެސް ދަށަށް، ޝައިޠާނުންނާ އެއްހަމައަކަށްދާ މީހުންވެސް ތިބޭކަން އެއީ ވަރަށް ހިތި ހަގީގަތެކެވެ.
ދާދި އިހަކަށް ދުވަހު ހަބަރު ފަތުރާ ވަސީލަތްތަކެއްގައި ގެނައި ވާހަކައެކެވެ. ދަރިން ސުކޫލަށް ނުފޮނުވައި، ގޭގައި ގެންގުޅުނު ބައްޕައަކަށް ހުކުމް ކުރި ވާހަކައެވެ. މިއީ އާ ކަމެއް ނޫނެެވެ. އެހެންނަމަވެސް މިފަދަ މައްސަލައެއް ތަހުގީގު ކުރެވި ހުކުމަކާ ހަމަޔަށް ދަނީ ހާލަކުން ފަހަރަކުއެވެ. ދަރިން ދުނިޔެއަށް އައުމަށްފަހު، ބޯހިޔާވަހިކަމާއި، އުނުއޮރިޔާން ނިވާކުރުމާއި، ބޭސްފަރުވާ ކުރުމާއި، ތައުލީމު ހޯދައިދިނުމާއި މިހެންގޮސް މައިންބަފައިން ދަރިންނަށް ކޮށްދޭން ޖެހޭ ކިތަންމެ ކަމެއް ހުރެއެވެ. ކިޔައިދޭން މިއުޅޭ ވާހަކައަކީވެސް، ދަރިންނަށް ކޮށްދޭންޖެހޭ ކަންތައްތަކުން އެކުދިން މަހުރޫމު ކުރުމުގެ ނަތީޖާއެއްގެ ވާހަކައެކެވެ. ދަރިންނަށް އިސްލާމްދީނުގެ ގަވާއިދާއި ހަލާލާއި ހަރާމް، ހެވާއި ނުބައި ބުނެދިނުމާއި ގުޅުންތައް ކިޔައިދިނުމާއި ތައުލީމު ނުދިންތާ، ދަރިންނަށް އެއްވެސް ވަރެއްގެ އަޅައިލުމެއް، ސަމާލުކަމެއް ނުދިނުމުން ދިމާވި ކަންތައްތަކުގެެ ވާހަކައެވެ.
މިވާހަކަ ކިޔައިދޭން ފެށުމުގެ ކުރިން، މީގެ އަހަރުތަކެއް ކުރިން އެއްދުވަހެއްގައި މުޅި ދިވެހި ރާއްޖެ ސިއްސުވާލި ހަބަރެއްގެ ހަނދާން އާކޮށްލާނަމެވެ. 2011 ވަނަ އަހަރުގެ ކޮންމެވެސް ދުވަހެއްގައި ހުރިހާ ދިވެހިންހެން ހައިރާންކޮށްލީ "އެގާރަ އަހަރުގެ އަންހެންކުއްޖަކު ބަލިވެ އިނދެ، ވިހޭ" ވާހަކައެވެ. ރާއްޖޭގެ ދެކުނުން އައްޑޫސިޓީގެ ފޭދޫގައި ހިނގައިދިޔަ ހާދިސާއެކެވެ. ކަމާބެހޭ ފަރާތްތަކުން މައްސަލައިގެ ތަހުގީގުކޮށް، މައްސަލައިގައި ކުށްވެރިވާ ދެ ފިރިހެނުންނަށް ޖަލުހުކުމް އިއްވައި، އެދެމީހުން މިއަދުވެސް ތިބީ ޖަލުގައެވެ.
އެގާރަ އަހަރުގެ އަންހެންކުއްޖަކު ބަލިވެ އިންކަން އެނގި، އެކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުންނަށް އަދަބުވެސް ދެވުނެވެ. ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު މިކަހަލަ ކިތައް މައްސަލަ ފެންމަތިވެ، މިފަދަ ކަންތައް ކުރާ ކިތައް މީހުން ހައްޔަރު ކުރެވުނުބާވައެވެ. ކުޑަކުޑަކުދިންނަށް ޖިންސީގޯނާކޮށް އެކުދިންގެ މުޅި ދުނިޔެ އަނދިރިކޮށްލާ ކިތައްމީހުން އަދުގެ ތަމައްދުންވެ ތަހުޒީބުވެފައިވާ ރާއްޖޭގައިވެސް އުޅޭބާވައެވެ؟ ކުޑަކުދިންނަށް އެންމެ އަމާން މާހައުލުކަމަށްވާ އެކުދިންގެ ގޭތެރޭގައި އެކުދިންނަށް އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯވެއެވެ. އަމިއްލަ މައިންބަފައިންނަށްވެސް އިތުބާރު ކުރެވޭވަރަށް ވުރެ ދުނިޔޭގެ ހާލަތު ދަނީ ދަށްވަމުންނެވެ.
އުފަން ބައްޕައަށް އިތުބާރު ކުރާން ނުކެރޭ ހިސާބަށް ކަންކަން ދަނީއެވެ. އެއްބަނޑު އެއްބަފާ ބޭބެއިންނަށް ޔަގީންކަން ދޭކަން ނުކެރެއެވެ. ބޮޑުބޭބެއިންނާ ކައިރިވާކަށް ނުކެރެއެވެ. އެއިން މީހަކު ފެނުނަސް އަވަހަށް ފިލޭތޯ ބަލަން ޖެހޭ ހާލަތު އެބަ އާދެއެވެ. މިއީ ކުދިންގެ ހާލަތެވެ. މިފަދަ މާހައުލަކަށް ބޮޑުވާ ކުދިންގެ މުސްތަގުބަލު އަނދިރިވީމަ އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ހުރިހާ ކަމެއް ފުރިހަމަކޮށްދިނީމޭ، ގެއިން ބޭރަކަށް ނުފޮނުވަމޭ، ދެން މިހެން ވާން ޖެހުނީ ކީއްވެގެންހޭ ކިޔައި ހައިރާންވާއިރު ގޭތެރޭގައި ކުއްޖާއަށް އެއްވެސް އަމާންކަމެއް ނެތްކަން އެނގޭބާވައެވެ.
މިއީ އަންހެންކުއްޖެއްގެ ހިތްދަތި ދިރިއުޅުމެއްގެ ވާހަކައެކެވެ. މިފަދަ ކިތަންމެ އެހެން ހާދިސާތައްވެސް ހިނގާފައި ހުރެދާނެއެވެ. މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ވެފައި ތިބި ކުދިން، މިހާރުވެސް އެކަންކަމުން ސަލާމަތް ނުވެވިގެން އުޅޭނަމަ ހިތްވަރުކޮށްލާފައި، ކަމާބެހޭ ފަރާތްތަކަށް މައްސަލަތައް ހުށަހެޅުން ރަނގަޅެވެ. ފަހަރެއްގައި، މިފަދަ ވާހަކައެއް ކިޔައިދޭ ވަރަށް ގާތް، ނުވަތަ އިތުބާރު ކުރެވޭ، ނުވަތަ އެހީވާނެކަމުގެ ޔަގީންކަން އޮތް މީހަކު، އަމިއްލަ އާއިލާގައި ނުވަތަ ގާތްމީހުންގެ ތެރޭގައި ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެއްޔާ އަވަހަށް ކަމާބެހޭ ފަރާތަށް ދިއުން ބުއްދިވެރިއެވެ. އަދި މިފަދަ ކަމެއް ހިނގާކަމުގެ ހިލަމެއް ވެފައިވާ މީހަކު ނަމަވެސް އަވަހަށް ކަމާބެހޭ ފަރާތަށް އަންގާށެވެ. ތިމާގެ ސަބަބުން މައުސޫމު ދިރިއުޅުމެއް ސަލާމަތް ކުރެވިއްޖެނަމަ އެއީ ބޮޑު ހެޔޮކަމެކެވެ.
ރާއްޖޭގެ އުތުރުގެ އެރަށަކީ ޒަމާނީ، ފަހުގެ ފެޝަންގެ ކަންތައްތައް އޭރު އެއްވެސް ވަރަކަށް ނެތް، މާލެއާއި ތަހުޒީބުގެ ގޮތުން ދަށުގައި އޮތް ރަށެކެވެ. އަދި މިހާރުވެސް މާ ތަހުޒީބެކޭ ނުބުނެވޭނެއެެވެ. ނަމަވެސް އޭރާ ބަލައިފައި ހޭލުންތެރި މީހުން ގިނައެވެ. އޭރު ސުކޫލަށް ނުފޮނުވައި، އެންމެ ކުޑަމިނުން އެދުރުގެއަކަށް ނުލައި ތިބި ކުދިންވެސް ތިއްބެވެ. ދަރިން ވިހައިގެން ނަން ކިޔުން ފިޔަވައި، އެހެން އެއްވެސް ކަމެއް އަދާ ނުކުރާ މީހުން ތިއްބެވެ. ގަބޫލު ކުރަން ދަތިވިޔަސް ބައެއް ކުދިންގެ އައިޑީ ކާޑެއް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުންގަނޑެއްހާ ވަރުވެސް ނެތް ކުދިން ތިބިމެއެވެ. މިފަދަ ރައްޓެއްސަކު ދާދި ފަހުން ކައިވެނި ކުރަންވެގެން ފޫޅުމައި ފޯމު ހޯދަން އޭނާއާއެކު އުޅެވިފައި ހުރުމުން މިއީ ހަގީގަތުގައިވެސް އޮތް ކަމެއްކަން ގަބޫލު ކުރެވެއެވެ.
މިއީ މީގެ ފަންސަވީސް، ސައްބީހަކަށް އަހަރު ކުރީގައި ފެށިގެން ދިޔަ ކަންތައްތަކެއްގެ ވާހަކައެކެވެ. 1990 އިގެ މެދުތެރޭގެ އަހަރުތަކުން ދެހާހުގެ މެދަކާ ހަމައިގެ ވާހަކައެވެ. އުތުރުގެ މިރަށުގެ ގެއެއްގައި، މަންމައަކާއި ބައްޕައަކަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން ޖޫލީއަކީ ހަގު ކުއްޖާއެވެ. ދޮށްޓަށް ހުރީ ޖޫލީއަށްވުރެ ދިހައަހަރު ދޮށީ އަޖޭއެވެ. އަޖޭ ކިޔެވީ ދެވަނަ ކުލާހާ ހަމައަށެވެ. މަހަށްދާން ފެށިއިރު އަޖޭގެ އުމުރުން ތޭރަވެސް ނުވާނެއެވެ. އޭރު ކުޑަކުޑަ ޖޫލީ ކިރިޔާ ހުއްޓި ކިޔާވަރުވީއެވެ.
މަންމަ ކަތްދާދީއަކީ ރަށުތެރޭގައި އަނގަތަޅަމުން، އެގޭ އޮޅިގަނޑުން، މިގޭ ބޮޑުއަށިން، އުޅޭ މީހެކެވެ. ކަތީބުގޭ ބަދިގޭ ހަވާދު ހަނާ ކޮށްދޭން އިނދެ، އަންހެންވެރިންނާއެކު ބޭކާރު އަނގަތެޅުމުގައި ފުންނާބު އުސް އަންހެނެކެވެ. މަޖުދީއާ އިނދެގެން ދަރިން ލިބުމުން ކަތްދާދީ ވިސްނީ އޭނާއަށް ހަރަދުކުރާނެ، ފައިސާ މެޝިންތަކެއް ލިބުނުކަހަލަ ގޮތަކަށެވެ. ކުދީންނަށް ނަން ދިނުމުގައިވެސް ހިންދުސްތާނު ފިލްމުތަކުން ފެންނަ ނަންތައް ކިޔާފައި ވުމާއި، ތާއަބަދު އެގޭދޮށުން، މިގޭދޮށުން، ފިލްމުބަލަމުން، ދުންގަނޑު އަޅައިގެން ގުޑުގުޑާ ދަމަމުން ހިނގުމަކީ، ކަތްދާދީގެ ވާޖިބެއްކަހަލައެވެ.
މަޖުދީއަކީ އެކިމޫސުމަށް އެކިމަސައްކަތް ކުރާ މީހެކެވެ. މާބޮޑު އުޅުމެއް، ގޮތެއްފޮތެއް ނުހުރެއެވެ. އެގެއަކު ގޮނޑިއެއް ޖަހައިދީފައި، މިގެއަކު ސަލަވާތް ކިޔަވާ މީހުނާއެކު އާމީން ކިޔައި ބޯ ހަމަކޮށްލަން ގޮސްލުމުން، ކާއެތިކޮޅަކާއި ދުފާއެއްޗެހީގެ އިތުރަށް، ބިޑިބޮނޑިއެއް ލިބެއެވެ. ކޮންމެއަކަސް ދެމަފިރިންނަށް ދަރިން ލިބުމުން، އެކުދިންނަށް ތަރުބިއްޔަތާއި ތައުލީމު ދިނުމަކީ ދެމީހުން ކުރެ އެކަކަށްވެސް މުހިންމު ކަމަކަށް އޮތީ ނުވެފައި ކަހަލައެވެ. ނުވިތާކަށް އެކުދިންނަށް ހަމައަށް ކާންދީ، އަސާސީ ބޭނުންތައްވެސް ފުއްދައިދީ އުޅެނީ މަޖުދީގެ ދައްތަގެ ތަންކޮޅެއް ފޯރާ ތަނަވަސްކަމެއް ހުރުމުންނެވެ.
ދެވަނައަށް ހުރި ސޫރަޖު ކިރިޔާ ބާރައަހަރުވީތަނާ ރަށުން ފުރައިގެން ދިޔަ ދޯންޏެއްގައި ރިސޯޓަށް ހިނގައްޖެއެވެ. މިއީ ތިންވަނަ އަށް އިން ނީލަމް އާއި އެންމެ ހަގު ޖޫލީގެ ވާހަކައެވެ. ގޭގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް ކުޑަކުޑަ ނީލަމް އަބަދުވެސް ކޮއްކޮ ހިމާޔަތްކޮށް، ކޮއްކޮއަށް އަޅައިލައި، ބޮޑުމީހެއްހެން ކޮއްކޮގެ ކަންތައްކޮށްދޭއިރު ހުދު ނީލަމަކީވެސް، ޖޫލީއަށްވުރެ އެންމެ ދޮޅުއަހަރު ދޮށިވިޔަސް ހަމަ ކުޑަކުއްޖެކެވެ.
ގޭގައި ގިނަވަގުތު ދެކުދިން ތިބެނީ އެކަނިމާއެކަންޏެވެ. އިރުއޮއްސި، ރޭގަނޑުވުމާއެކު، ގޭތެރޭގައި އަޑުގަދަވެ، ހަލަބޮލިވެގަނެއެވެ. އަޖޭ މަހުން ލެފުމަށްފަހު ރައްޓެހިންނާއެކު ތާސްކުޅުމާއި ރާޒުވާ ކުޅުމުގެ ބުރުތައް ފެށިގެންދާނެއެވެ. މަޖުދީ އެމޫސުމެއްގައި އޭނާ ކުރާ މަސައްކަތުގެ ދާއިރާގެ ބަޔަކާއެކު، ގޭގެ އަސްކަނީގައި ހުންނަ އުނދޯލީގައި ދެފައި ވަށްކޮށްލައިގެން ދުފުމާއި، ސުއްޓާ ބުއިމުގެ ބުރުތަކެއްގެ ތެރެއިން، އެދުވަސްވަރަކު ކުރަމުންދާ މަސައްކަތުގެ ވާހަކައިން ފޯރި ނަގަމުންދާނެއެވެ. ކަތްދާދީ މެންދުރު ކޮންމެވެސް ގެއަކުން ކާއެއްޗެއް ލިބުނިއްޔާ ނީލަމް އަތަށް ތަށްޓެއްގައި ހުންނަ ކާއެތިކޮޅު ދީފައި ބޭރަށް ހިނގައިދާނެއެވެ. ނޫނީ މެންދުރު ގޭގެ ބަދިގޭ ދަރުއުނދުނުން ކައްކާފައި ހުންނަ ބަތްތަވައަކާއި ގަރުދިޔަ ތެލިން، ބަތާއި ގަރުދިޔަ ބޯތަށްޓަކަށް އަޅައިގެން ގެންގޮސް ނީލަމް އަތަށް ތަށި ދީފައި ވަރުގެ ކޮޅަށް ހެދިލައިގެން ބޭރަށް ހިނގައިދެއެވެ. ދުވަސްތައް މިގޮތުގައި ދަމުން ގޮސް، އަޖޭގެ މަސައްކަތުން ގޭގައި ތެޔޮއުދުނެއް ބަހައްޓައި، ފަންކާއެއްވެސް ގެނެސް ބަހައްޓައިފިއެވެ. އެކަމަކު މަންމަގެ ކެއްކުމަކަށް ބަދަލެއް ނާދެއެވެ.
މިއީ ރާއްޖޭގެ ރަށްތަކުގައި ޓީވީތަކާއި ވީސީއާރުތައް ގެނެސްގެން ވީޑިޔޯޓޭޕް ބެލި ދުވަސްވަރު ނިމިގެން ޑިޝްއެންޓަނާ ޖަހައި، ޑުރާމާތަކުގެ ދުނިޔެއަށް ހޭލުނު އަހަރުތަކެވެ. ދެހާހުގެ އަހަރުތައް ކުރިއަށް ދަނީއެވެ. ކޮންމެވެސް ރައްޓެއްސެއްގެ ގޭގައި "ކަސައުޓީ ޒިންދަގީ ކީ"، "ކުސުމް" އިން ފެށިގެން "ކަހާނީ ގަރްގަރްކީ" އިން ގޮސް "ކަހީނާ ކަހީތޯ ހޯގާ"އާ ހަމައަށް ރޭގަނޑުގެ ޑުރާމާތައް ބަލަންގޮސް އިންނައިރު، މީރުކޮށް ނޫޑުލްސް ކަހަލަ، ބިރިޔާނީ ފަދަ ކެއުން ކައިގެން، ދުފާލައިގެން ގުޑުގުޑާ ދަމާއިރު، ގޭތެރޭގައި ވަށްބޯޅައެއް ކަހަލަ ލޯބިލޯބި، މައުސޫމު، ހެދެމުން، ބޮޑުވަމުން އަންނަ ދެއަންހެންދަރިން ތިބިކަމުގެ ކުޑަވެސް ހަނދާނެއް ކަތްދާދީގެ ނުހުންނަކަހަލައެވެ. ގިނަރޭރޭ ޑުރާމާތައް ނިމިގެން ރައްޓެހިންނާއެކު ކޮންމެވެސް އަނގައެއް ތަޅާލަން، ނޫނީ ކޮންމެވެސް ނުބެލި އޮތް ޑުރާމާއެއް ބަލަން ކަހަލަ ކަމެއްގައި އުޅެފައި ގެއަށް އާދެވޭއިރު ހުންނާނީ މެންދަމުން އަލިވެފައެވެ. ގޭގެ އަސްކަނި ނުވަތަ ބޮޑުފެންޑާ ތަނަވަސްވެ، ޖާގަ އޮތަސް، ތަޅަންމަތީގައި ތަރުފާލެއްހާ މިންވަރެއްވެސް ނޯވެއެވެ. ގޭގައި ކޮޓަރިއެކޭ ކިޔާވަރުގެ އެންމެ ތަނެއް ހުރެއެވެ. އެއީ އެންމެންވެސް ނިދާ ތަނެވެ.
ނީލަމްގެ އުމުރުން ކޮން ދުވަހެއްގެ ކޮންމެ ގަޑިއެއްގައި ފެށުނު ކަމެއްކަމެއް އެފަކީރަކަށް ނޭނގެއެވެ. މިއަދުގެ މިހިނދުކޮޅުވެސް ނީލަމް އެކަމާ ވިސްނައެވެ. ދެރަވެއެވެ. ދަންވަރުތަކުގައި ނަމާދުކޮށް، ފަށްފަށުން ތައުބާވެއެވެ. ރޮއި އާދޭސް ނުކުރާ ރެއެއް މަދެވެ.
މައުސޫމު ނީލަމްގެ އުމުރުން އެންމެ ހަތް އަހަރުވީއިރު ހުރިހާ ކަމެއްހެން ކުރަމުން ދިޔައީ އަމިއްލައަށެވެ. އަދި ކޮއްކޮގެ ކަންތައް ކޮށްދީ އުޅެނީ ބޮޑުމީހެއް ފަދައިންނެވެ. ނިދަނީ ކޮއްކޮގެ ތަންމަތިގަނޑު ކައިރީގައި ތުނި ގޮދަޑިގަނޑެއްގެ މަތީގައެވެ. މި ގޮދަޑިއަކީ ބޮޑު އެނދެއްގެ ސައިޒުގެ ގޮދަޑިއެކެވެ. ހުރިހާ ކުދިންވެސް ނިދަނީ ގާތްގާތުގައެވެ. ސޫރަޖު ފުރައިގެން ދިޔަފަހުން އަޖޭއާއި ނީލަމް ނިދަނީ މިގޮދަޑީގައެވެ. އަޖޭ ކޮންމެވެސް ތަނަކުން ގެނެސްދިން ބޮޑު ކަފަ ތަންމަތިގަނޑެއް ޖޫލީއަށް ހާއްސަކޮށްފައިވާތީ ޖޫލީ އޮންނަނީ އޭގައެވެ. ކޮޓަރީގެ އަނެއް ކަނުގައި ހުންނަނީ ރޯނުފުރި އެނދެކެވެ. އެއީ ސިންގަލަކަށްވުރެ ބޮޑު، އަމިއްލައަށް ހަދާފައިވާ މާކުރީގެ އެނދެކެވެ. އޭގައި ނިދަނީ މަންމައާއި ބައްޕައެވެ. އެނދުގައި ހުންނަނީ މަދިރިގެ ދަމާފައެވެ. ކޮޓަރީގައި ހުންނަނީ ޓިއުބްހޮޅިބުރިއެކެވެ. ނިދާގަޑި ޖެހުމުން އެހޮޅިބުރި ނިވާލުމަށްފަހު އެކޮޓަރި ތެރޭގައި ކިތަންމެ ގާތުގައި މީހަކު ހުއްޓަސް ނުފެންނަހާ އަނދިރިއެވެ.
މިއަނދިރިކަމުގެ ތެރޭގައި، ރީތިކަމުން އެހާ ކުޑައިރުވެސް މުޅިރަށުގައި ހިންދީ ފިލްމުކުޅޭ "ނީލަމް"އަކަށް ދޫނުކުރާވަރުގެ ނަލަނަލަ، ބުދެއްކަހަލަ ނީލަމްގެ އިއްފަތާއި އިއްޒަތާއި އަބުރު ނީލަން ކިޔުނީ ކިހިނެއް ކޮންއިރަކު ކަމެއް ހުދު އެފަކީރަކަށްވެސް ނޭނގެއެވެ، އެނގޭހާވެސް ވަރަކީ "ފުރާވަރަށް"އަރައި، "ބޮޑު"ވީއިރު، ނީލަމް ބޮޑުވިތާ ކިތަންމެ ދުވަހެއް ވެއްޖެކަމެވެ. ފިނިފިނިރޭރޭ ހީފިލުވަން ގައިމަތީ އަޅާ ރަޖާގެ ދަށުގައި އިތުރަށް ހީފިލުވައިދޭ މީހާއަކީ ކާކުކަމެއް ނޭނގެއެވެ. އެކަމަކު އެނގޭ ވަރަކީ ގުގުރީގެ އަޑަށް، ބުޅާތައް ހޭރިގަންނަ އަޑަށް، ބިރުން، ސިހިގެން ގޮސް އެމީހާގެ އެހީ ހޯދިފައިވާކަމެވެ. ބާރައަހަރުވީއިރު އެމީހަކީ ކާކުކަންވެސް އެނގިއްޖެއެވެ. އެކަމަކު އޭރު އެދެމެދުގައި އެއްވެސް ލަދެއް، ހުރަހެއް ނެތެވެ. ހުރިހާ ފަރުދާއެއް ވަނީ ކެހި ނިމިފައެވެ.
ހެވާއިނުބަޔަކީ ކޮބައިކަމެއް ނީލަމަކަށް ނޭނގެއެވެ. ކޮއްކޮ ސުކޫލަށް ފޮނުވުމަށް ބޭނުންވާތީ ނީލަމް ސުކޫލަކަށް ނުދެއެވެ. އާއިލާގައި އެ ފެންވަރު ނެތީމައެވެ. ދީނެއް، ދުނިޔެއެއް، އާހިރަތެއް، އެކައްޗެއްވެސް ނޭނގި، 'ގަހުގަތްބުރަށް' ހެދިބޮޑުވެފައި އިން ނީލަމްއަށް ހުރިހާވެސް މީހަކީ ދޮންބޭބެއެވެ. މައްސަރު ކަންތައް ޖެހުނީމާ ޕެޑްފޮށި ގެނެސްދެނީ ދޮންބޭބެއެވެ. ލާ އަންނައުނުގެ އަޑިން ލާން ބޭނުން ކުރާ އަންނައުނު ގެނެސްދީ، ބޭނުންވާ ރީތިވާ ސާމާނާއި އެހެނިހެން ތަކެތި ވެސް ގެނެސްދެނީ ދޮންބޭބެއެވެ. އެންމެ ކުޑައިރު، ތަނެއްދޮރެއް ވަކިނުވި ދުވަހު، ބަލިވެ ތަންމަތި ވުމުން، ހޭހަން ކޮށްދީ، އުނގުގައި ބާއްވައިގެން ބޯމޮޑެދީ، ހޭހަން ކޮށްދިނީ ދޮންބޭބެއެވެ.
ދޮންބޭބެގެ ސިފައިގައި ހުރި މީހާއަކީ ލޯބިވެރިޔާކަމާއި އެމީހާއާ ކައިވެނިކުރަން ބޭނުންވާ ވަރަށް ކަންތައް ދިޔަކަން އެނގުނުއިރު އެއީ ކިހާވަރެއްގެ ކަމެއްކަން ނީލަމް ފަކީރަކަށް ނޭނގެއެވެ. ހަރާމާއި ހަލާލު އޮޅިފައި އޮތް ވަރަކީ، މީހުންނަށް ނޭނގޭހެން ޒިނޭ ކުރުމަކީ ފާފައެއް ނޫންކަމަށް ވިސްނިފައި އޮތުމެވެ. ފާފައަކަށް ވަނީ މީހުންނަށް އެނގޭނެހެން ބަނޑުބޮޑުވެ، ވިހެއުމުން ކަމަށް ވިސްނިފައި އޮތުމެވެ. ދޮންބެއަކީ އެފަކީރަށް އަލިފުބާ ކިޔައިދީ، ކިރިޔާވެސް އެނގޭ އެއްޗެއްނަމަ އޭނައަށް ބުނެދިން ހެޔޮލަފާ މީހާއެވެ. އެވަރުގެ ދޮގެއް ބޭބެއަކު ނަހަދާނެ ނޫންހެއްޔެވެ. ބޭބެ ކިޔައިދީފައިވާ ގޮތުގައި އެއްބަނޑު އެއްބަފާ ބޭބެއާއި ކޮއްކޮ ކައިވެނި ކުރުމަކީ އިސްލާމްދީނުގައި ހުއްދަކޮށް ކުރެވިފައިވާ ކަންކަމެވެ. އެކަމަކު ދީނާއި ދުނިޔެ އުނގަންނައި ދިނުމުގައި ބޭބެއަކު އެހާވަރަށް، ޖިންސީ ދަހިވެތިކަމުގައި އެއްބަނޑު އެއްބަފާ ކޮއްކޮއަކަށް ދޮގުހަދައި އޮޅުވައިލަފާނެ ބާވައެވެ. އުމުރުން ވިހި އަހަރު ވީއިރުވެސް ހިނައިގަންނާކަށް، ނަމާދު ކުރާކަށް، ގުރުއާން އަކުރެއް ލޮލުން ބަލައިގެން ކިޔާކަށް، މިފަދަ އެކައްޗެއްވެސް ނީލަމް އަކަށް ނޭނގެއެވެ. މިހާ ވަރަށް އެކުއްޖާ ވަނީ ވާ ވަދެފައެވެ.
ކަންތައްތަކުގެ ފަރުދާ ކެހެން ފެށީ ކޮއްކޮ ޖޫލީއަށް ބޭބެގެ ގޯނާ ފޯރަން ފެށި ހިސާބުންނެވެ. ޖޫލީ ނިދާފައި އޮންނައިރު ބޭބެ ޖޫލީއާ މާ ގާތްވާކަން އެނގި އެމައްސަލަ ޖެހުނީއެވެ. އެހިސާބުން އެއްވެސް މީހަކަށް މިވާހަކަތައް ކިޔައިނުދިނުމަށާއި، ބޭބެއަށް ދެކޮއްކޮވެސް ހުއްދަވާނެއޭ ކިޔައި ދޮންބޭބެ ދެއްކި ވާހަކަ ނީލަމަކަށް ކަމަކު ނުދިޔައެވެ. ގޭގައި މިއިން އެއްވެސް ވާހަކައެއް ކިޔައިދީ، ހިޔާލެއް ހޯދައިލާނެ މީހަކު ނެތެވެ. އެކަމަކު ކޮއްކޮއާ ދޮންބެ އެއްވެސް ގުޅުމެއް އުފައްދާކަށް ނީލަމް ހުއްދައެއް ނުދިނެވެ. ތެދަށް ބުނަންޏާ އޭނާއަށް ކޮންމެވެސް ގޮތަކުން އިހުސާސެއްވީއެވެ، އޭރު ގޭގައި ރޭޑިޔޯގަނޑެއް ހުއްޓެވެ. އެއިން އިވެމުންދިޔަ ވާހަަކަތަކާއި ހޭލުންތެރިކުރުމުގެ ހަބަރުތަކުންނާއި ދީނީ ބަސްތަކުން ނީލަމްގެ ހަތަރެސްފައި ފިނިވެ، ބިރުގަންނަން ފެށިއެވެ. އެކަމަކު އެހީވާނެ އެއްވެސް މީހަކު ނެތެވެ. އަނެއްކޮޅުން ކޮއްކޮގެ ދުނިޔެ އޮތީ ނުރައްކަލުގެ ތެރޭގައެވެ.
ނަމާދުކުރަން ނޭނގުނަސް މިސްކިތަށް ގޮސް މީހުންގެ ފަހަތުގައި ހުރެ ހަރަކާތް ކުރުމާއެކު ނީލަމް އެހީއަށް އެދުނީ ކަލާނގެ ހަޒުރަތުންނެވެ. އެކަލާނގެ އެނިކަމެތި އަންހެން ކުއްޖާއަށް މަގެއް ދެއްކެވީއެެވެ. ދޮންބޭބެގެ ގޯނާ ތަކުން ޖޫލީ ސަލާމަތް ކުރުމުގައި މުޅީން ކާމިޔާބުނުވިނަމަވެސް އޭނާއަށް ވީގޮތް ކޮއްކޮއަށް ވުމުގެ ކުރިން ކޮއްކޮ ގޮވައިގެން އެގެއިން ނުކުތީއެވެ.އެރަށުން، އަދި އެ އަތޮޅުން ވެސް ފުރައިގެން ދިޔައީއެވެ. އޭނާއަށްވުރެ ބާރައަހަރު ބޮޑު މީހަކަށްވިޔަސް ވާނީ ކީއްހެއްޔެވެ. ހާލިދަކީ އަނބިމަރުވެ ދަރިން ބަލާނެ މަންމައަކަށް ބޭނުން ޖެހިފައި ހުރި ހެޔޮލަފާ، ހުލްގުހެޔޮ އިންސާނެކެވެ. އެރަށަށް ގޮސް އުޅުނީ އޮޑިއެއް ބަނުމަށެވެ. މާވަޑިއަކަށްވީތީ ވަރަށްވެސް ފޯރުންތެރިއެވެ.
މިހާރު ހައްދުންމަތީ އުތުރުބުރީގެ ތަރައްގީވެފައި އޮތް ރަށެއްގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޖޫލީއަކީ ޖުމުލަ ހަތަރު ކުދިންގެ މަންމައެކެވެ. ތިން އަންހެންދަރިންނާއި ފިރިހެން ދަރިފުޅެކެވެ. ހާލިދުގެ ދެއަންހެންކުދިންވެސް ނީލަމް ދެކެ ވަރަށް ލޯބިވެއެވެ. ބިރުވެރި ދިރިއުޅުން ދޫކޮށް މިދިރިއުޅުމަށް އައިފަހުންވެސް އަޖޭގެ ފޯނުކޯލުތައް ނީލަމަށް އުނދަގޫ ކުރިއެވެ. އެހެންނަމަވެސް ފިރިމީހާއަށް ސީދާ ކިޔައިނުދިންނަމަވެސް ބޭބެއަކީ އޭނާއާއި ކޮއްކޮއަށް މާހެޔޮ މީހެއް ނޫންކަމަށް ބުނެ، ފިރިމީހާގެ އެހީ އޭނާ ހޯދީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީއެވެ. މިހާރު ނީލަމް ރަށުގެ ޓީޗަރުންގެ އެހީގައާއި އޮންލައިންކޮށް ގުރުއާނާއި އިނގިރޭސި، ދިވެހި، ހިސާބު ކިޔަވާތާވެސް ދުވަސްތަކެއް ވެއްޖެއެވެ.
މިފަދަ ހައިރާން ކުރުވަނިވި، ކިތައް ކަންތައް މިރާއްޖޭގައި ހިނގައިފައިވާނެބާވައެވެ. މިވާހަކައިގައި ކުށްވެރިވަނީ ހަމައެކަނި ނީލަމް ހެއްޔެވެ؟
އޭނާގެ މަންމައާއި ބައްޕަ ކޮބައި ހެއްޔެވެ؟ އެމީހުންގެ ވާޖިބަކީ ހަމައެކަނި ކުދިން އުފަން ކުރުން ހެއްޔެވެ؟ ދަރީން ތަރުބިއްޔަތު ކުރުން ކޮބައިހެޔެވެ؟ ދަރީން އަނދިރިކަމުގެ ތެރެޔަށް ވެއްޓިގެންދާ ފަދަ މާހައުލެއް އަމިއްލަ ގޭތެރޭގައި އުފަން ކުރުވީ ކޮން ބަޔަކު ހެއްޔެވެ؟ މިފަދަ ވާހަކަތަކުން އަހަރެމެންގް މުޅި މުޖުތަމައުވެސް އިބުރަތް ހޯދާކަށް ނުވޭ ހެއްޔެވެ؟ މިއަދުވެސް މިފަދަ ހާލަތަށް ވެއްޓިފައި ހުރި މާހައުލުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މުހިންމީ އެކަންކަމާ ވިސްނައި، ދެވަނަ ނީލަމަކާއި އަޖޭއެއް އުފެދުމުގެ ފުރުސަތު ނުދިނުމެވެ. އެފަދަ ދޮރުތައް ބަންދުކުރުމެވެ.