ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

މުހައްމަދު އިޝާން

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެރަށު އެއާޕޯޓު ތަރައްގީކުރުމުގެ 55 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ބިލްޑިން މަސައްކަތުގެ 87 ޕަސެންޓާއި ރަންވޭ މަސައްކަތުގެ 70 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފަޔާ ޕެޑާއި ފަޔާ ރޯޑެއް ގާއިމުކުރުމާއި ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުންވެސް ހިމެނެއެވެ.