އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގުރޫޕް ސްޓޭޖުގައި، ރާއްޖެ ހިމެނޭ ގުރޫޕުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާނުން ސްރީ ލަންކާ ބަލިކޮށްފިއެވެ.

އޭޝިއަން ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމަށް ރާއްޖެއަށް މިފަހަރު ލިބޭނެ އެންމެ ފަހު ފުރުސަތުގައި ކުޅެވޭ ގުރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖެ އާއި ސްރީ ލަންކާ، މެޗުތައް ހޯސްޓް ކުރާ ގައުމު އުޒްބެކިސްތާން އަދި ތައިލެންޑެވެ. އެ ގުރޫޕުގައި ރާއްޖެއިން އިއްޔެ ހަވީރު ނުކުތީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮތް އޭޝިއަން ކަޕްގެ ގަދަ 16 ގައި ކުޅުނު ތައިލެންޑާ ދެކޮޅަށެވެ. އެ މެޗުން ގައުމީ ޓީމު ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ފަހު ބުރުގައި ހަ ގުރޫޕުގެ އެއްވަނަ ޓީމާއި ހަ ގުރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ. އިއްޔެގެ ބައްޔާއެކު ރާއްޖެއަށް ގުރޫޕުގެ ދެވަނަ ހޯދަންވެސް ދެން އޮތީ އުނދަގޫ މަގެކެވެ. ރާއްޖެއިން ދެން އޮތް މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، ގުރޫޕުގެ ފޭވަރިޓުންނަކީވެސް އެއީއެވެ.

އުޒްބެކިސްތާނުން ރޭ ކުޅުނު މެޗުގައި ލަންކާ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އުޒްބެކިސްތާނުގެ ގޯލުތައް ޖެހީ ޖަލާލުއްދީން މަޝަރިޕޯވްއާއި ޑޮސްޓޮންބެކް ހަމްދަމޯވް އަދި ފާރޫކް ސައިފޭއެވެ.

ކޮލިފިކޭޝަންގައި ސަރަހައްދީ ޓީމުތަކުން އިއްޔެ ކުޅުނު މެޗުތަކަށް ބަލައި އިރު، ގުރޫޕް ޑީގައި ރޭ އިންޑިއާއިން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 އިން ކެމްބޯޑިއާ ބަލިކޮށްފައެވެ. މެޗުގެ ދެ ގޯލުވެސް ޖެހީ ކެޕްޓަން ސުނިލް ޗެތުރީއެވެ. އެ ގުރޫޕުގައި ދެން ހިމެނޭ އަފްގާނިސްތާނުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ހޮންގްކޮން އަތުން ބަލިވީ 2-1 އިންނެވެ.

ބަންގްލަދޭޝް އިން ގުރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުގައި ބަހްރެއިން އަތުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ނޭޕާލުން ގުރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަން ކައިރީ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ހިމެނޭ ގުރޫޕުން އޭޝިއަން ކަޕަށް ފުރުސަތު ދެމެހެއްޓުމަށް، ދެން އަންނަ ހޮނިހިރު ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު މުހިންމުވާނެއެވެ. އެ މެޗަށްފަހު ރާއްޖެއިން ކުޅޭ ކޮލިފިކޭޝަން ފަހު މެޗުގައި އަންނަ ހަފުތާ އަންގާރަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.