އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އޭގެ ފަހު މެޗުތައް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާއި ސުޕަ ޔުނައިޓެޑް (ސަސް) އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް އޭގައި ހަތަރު ޓީމު ވާދަކުރާ އިރު، އެ ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީންކުރީ ޔޫވީއެވެ. ގުރޫޕުގެ ދެވަނަ ޓީސީ ސްޕޯޓްސް ކްލަބަށް ލިބުނު އިރު، އެ ގުރޫޕުގެ ފަހު ދެ މެޗަށް އިއްޔެ ނުކުތްއިރުވެސް ސެމީއަށްދާ ޓީމުތައް އޮތީ ޔަގީންވެފައެވެ. ޔޫވީއާއި ޓީސީ ވާދަކުރި މެޗުން މޮޅުވާ ޓީމަކަށް އޮތީ ގުރޫޕުގެ އެއްވަނަ ހޯދުމެވެ.
ޔޫވީން ގުރޫޕުގެ އެއްވަނަ ހޯދީ އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި 6-0 އިން ޓީސީ ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު ރަޒާން އިއްޔެގެ މެޗުގައި ދެ ގޯލު ޖެހި އިރު، ޔޫވީގެ އަނެއް ގޯލުތައް ޖެހީ އަހުމަދު އަޒުލާން އަލީ، އަހުމަދު އަލްތަފް އަޒީމް، މުހައްމަދު އަރުޝަދު ސަލީމް އަދި މުހައްމަދު މާޔަން ނިޔާޒެވެ.
ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫވީ ސެމީއަށް ދިޔައީ ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ޓީސީއަށް ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދައިގެންނެވެ.
މެޗަށް ނުކުތްއިރުވެސް ސެމީގެ ފުރުސަތު ގެއްލިފައި އޮތް ސަސްއާއި މާޒިޔާ ރޭ ކުޅުނު މެޗު، ސަސްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ސަސްގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ޝައްފާން މުހައްމަދެވެ.މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާއެވެ.
ސޯޅަ އަހަރުން ދަށުގެ މުބާރާތުގެ ގުރޫޕް ބީގެ ފަހު މެޗުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް ކުޅޭނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެއެވެ. މެޗު އެއްވަރުވެއްޖެ ނަމަ ސެމީން ފުރުސަތު ލިބޭނީ އީގަލްސްއަށެވެ. އެ ގުރޫޕުގެ އެއްވަނަ ވެލެންސިއާއިން ޔަގީން ކޮށްފައިވާއިރު، ދެވަނައިގައި ސެމީއަށްދާ ޓީމެއް، ފައިނަލުގެ ޖާގައެއް ހޯދަން ކުޅެން ޖެހޭނީ ޔުނައިޓެޑް ވިކްޓްރީއާއެވެ. ގުރޫޕް ބީގެ އެއްވަނަ ޓީމު ވެލެންސިއާ ސެމީގައި ކުޅޭނީ ޓީސީއާ ދެކޮޅަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް