ޚަބަރު

ރައީސް ސޯލިހުގެ ރައްދު ރައީސް ޔާމީނަށް: ސިނަމާލެ ބުރިޖު ހިލޭ ނޭޅުއްވީ ކީއްވެތޯ؟

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބުރިޖު ހިލޭ ނޭޅުއްވީ ކީއްވެގެންތޯ ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ، މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބުރިޖަކީ މާލީ ބޮޑު ބުރައެއް ކަމަށެވެ. އަދި އެ ބުރިޖަކީ އެޅުން ލާޒިމު ބުރިޖެއް ނޫން ކަމަށާއި ބުރިޖު ނުވެސް އެޅޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

"ޗައިނާ ސަރުކާރުން ޒީ ޖިންޕިން، ޗައިނާގެ ޕްރެޒިޑެންޓް އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުން ނަމަ ހިލޭ އެ ބުރިޖު ދޭން ބުނެފައި. އެހެންކަމުން ބުރިޖު އަޅާކަށް މިއީ މުނާސަބު ވަގުތެއް ނޫން. މި ސަރުކާރު އިތުރަށް ދަރަނީ. އެހެންވީމާ މި ބުރިޖު އަޅާކަށް ނުޖެހޭ،" ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާގެ 142 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހެދި ސިނަމާލެ ބުރިޖުގެ ސަބަބުން އެތައް ބަޔަކަށް އޭގެ މަންފާ ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބުރިޖަށް ދައުލަތުން ދައްކަން ޖެހެނީ އެންމެ 68 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސިނަމާލެ ބުރިޖަށް ދައުލަތުން 400 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

"ބަޔަކު އަދި ބުރިޖު އެޅިޔަސް، ބުރިޖު އަޅާކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައީސް ސޯލިހު ރައްދުދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޔާމީން ސިނަމާލެ ބުރިޖު ހިލޭ ނޭޅުއްވީ ކީއްވެތޯ އައްސަވައިފައެވެ. އަދި ވިދާޅުވީ ހިލޭ ބުރިޖު އަޅާނަމަ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ހިތަށް އަރަނީ ކީއްވެގެންބާއޭ ފުރަތަމަ އެޅި ބުރިޖު ހިލޭ ނޭޅީ. ހިލޭ އަޅަން މާ ކުޑައެއް ނޫންތޯ. އަނެއްކާ އަޅުގަނޑު ކައިރީގައި އަޅުގަނޑުގެ ރަށްޓެއްސެއް ބުނީ، މިއީ ބައި ވަން ގެޓް ވަން ފްރީ ގޮތަށް އޮންނަ ކަމެކޭ. ބައި ވަން ގެޓް ވަން ފްރީ، އެކަތި ގަތީމަ އަނެކެތި ހިލޭ ލިބެނީހޭ ކަހަލަ ގޮތަކަށް ކުރާނީ ހެއްޔޭ މި ބުރިޖު އެޅުމަކީ؟" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބުރިޖު މަޝްރޫއިން ރައްޔިތުންނަށާއި އިގުތިސޯދަށް ފައިދާ ނުކުރާ މާލީ ބުރައެއްގެ ގޮތުގައި ޔާމީން ވިދާޅުވެފައިވާތީ ރައީސް ސޯލިހު ވަނީ އެ ވާހަކަތަކަށް ވެސް ރައްދުދެއްވައިފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ތިލަމާލެ ބުރިޖު އަޅަނީ ކޮންސެންޝެނަލް ލޯނެއް ނަގައިގެން ކަމަށާއި އެ ލޯނު ނަގާފައިވަނީ ކުޑަ އިންޓްރެސްޓު ރޭޓެއްގައި ދިގު މުއްދަތަކުން ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ލޯނުގެ ގްރޭސް ޕީރިއަޑުގެ ގޮތުގައި ފަސް އަހަރު ލިބޭ ކަމަށާއި، އެހެންކަމުން މިވަގުތު އެ ލޯނުގެ އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިގުތިސޯދީ ގޮތުން ދަތިތަކެއް ހުރިކަމުގައިވިޔަސް، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭ ކަމަށާއި އެ ބުރިޖުގެ ސަބަބުން މާލޭގެ ޓްރެފިކް މައްސަލަ ބޮޑުތަނުން ހައްލުވެ ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ލަފާ ލިބޭ ގޮތުގައި އެއީ މިވަގުތު ކުރަން ޖެހޭކަމެއް، ބުރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުން. އޭގެ ސަބަބުން ލިބޭ ވަރަށް ގިނަ ފައިދާތަކެއް އެބަހުރި. ބުރިޖާއެކީ މިއަންނަނީ ހަމައެކަނި ބުރިޖެއް ނޫން، ގުޅިފަޅު ޕޯޓު އެބަ ޑިވެލޮޕްކުރެވޭ. އެތަނަށް މާލޭގެ ޕޯޓު އެބަ ބަދަލުކުރެވޭ. އޭގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އެބަ ދަށް ކުރެވޭ. އޭގެ މާނައަކީ ތަކެތީގެ އަގަށް އަންނާނެ ހެޔޮ ބަދަލެއް. މާލެއަށް ލުއި ލިބިގެން އެބަދޭ، މާލޭގެ ޕޯޓުގައި ހުރި ހުރިހާ ތަނެއް ގުޅިފަޅަށް އެބަ ބަދަލު ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ޔާމީނަށް ރައްދު ދެއްވައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ބުރިޖު އަޅަނީ ސިޔާސީ މަންފާއަކަށް ނޫން ކަމަށާއި އަދި ބަޔަކު ބުރިޖެއް އެޅީތީކީއެއް ވެސް ނޫން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ތިލަމާލެ ބުރިޖަކީ މާލޭ ސަރަހައްދަށް މުހިންމު ބުރިޖެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މާލޭ ސަރަހައްދުގައި އިތުރު ބުރިޖުތަކެއް ވެސް އަޅަން ޖެހިދާނެ ކަމަށެވެ.