ރިޔާސީ އިންތިހާބުގައި ޖުމުލަ ވޯޓުގެ 30 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވީ ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީގެ 111 ވަނަ މާއްދާގައި މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވާނީ ވޯޓު ދިން މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު އެމީހަކަށް ލިބިގެން ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށްވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ އެ އިންތިހާބު ބާއްވާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަން ހިމަނުއްވައި ރައީސް ނަޝީދު ގާނޫނުއަސާސީއަށް ގެންނަން ނިންމަވާފައިވާ ބަދަލުތަކުގެ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ލިސްޓެއް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީއަށް ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވާ އިސްލާހުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނީ، ޖުމުލަ ވޯޓުގެ 30 ޕަސެންޓް އެއްވެސް ކެނޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ނަޝީދުގެ އެ ހިޔާލުފުޅަށް އެ މަނިކުފާނު ތާއިދު ނުކުރައްވާ ކަމަށެވެ.
"30 ޕަސަންޓް ކާމިޔާބުކޮށްގެން އަންނަ މީހަކު ވެރިކަމަށް އާދެވުމަކީ އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން. އެއަކަށް އަޅުގަނޑުގެ ތާއީދެއް ނެތް. ވެރިކަމަށް އަންނަން ވާނީ ރައްޔިތުންގެ 50 ޕަސެންޓް ލިބޭ މީހަކަށް. އެއީ އަޅުގަނޑު ތާއީދު ކުރާ ގޮތަކީ، އެކަން ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފުރަތަމަ ފަހަރަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ރިޔާސީ އިންތިހާބުގައި 50 ޕަސެންޓް ވޯޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު ތިއްބެވި ކޯލިޝަންގެ ބައިވެރިންނާއެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގައުމީ މަޖިލީހުގެ މެންބަރުންނަށް އެމަނިކުފާނު އެއިރު ވިދާޅުވެފައި ވަނީ، އެ ބަދަލުތައް ގެންނަން ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ފަހުގައި ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެމްީޑީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ބޭފުޅަކު ވެރިކަން ކުރެއްވުމުގެ އިސްލާހާ މެދު ގޮތެއް ނިންމާނީ އެޕާޓީގެ ކޮންގްރެސްގައެވެ. އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު