ޚަބަރު

އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ ޗޮއިސްއަކީ އަޅުގަނޑު: ރައީސް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ރިޔާސީ އިންތިހާބުގައި 50 ޕަސެންޓް ވޯޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު ތިއްބެވި ކޯލިޝަންގެ ބައިވެރިންނާއެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މި ހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އޮތް ނަމަ، އެކަން ކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

"ދެން އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނަންތޯ ނުވަތަ ނޫންތޯ ތި ކުރެއްވި ސުވާލުގެ، އެންމެ މުހިންމީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީއަށް ވެރިކަން ލިބުން. އެއީ މުޅި ރާއްޖެއަށް ވެސް އޮތް އެންމެ ފައިދާ ހުރި ގޮތް. އޭގެ އިތުރުން މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކޮންޓިނިއު ވާން އެބަ ޖެހޭ ޖެހޭ،" ރައީސް ވިދާޅުވިއެވެ.