އުތުރުގެ 3 އަތޮޅަށް ހާއްސަކޮށްގެން ހިންގާ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލައިފި އެވެ.
އިންޓާނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮޖެކްޓެކެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައެވެ.
މިޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުކޮށްދިނުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފު ކޮށްދިނުން ހިމެނެއެވެ.
އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް، ސްކީމް އަމާޒުކުރެވިފައިވާ ފަރާތްތައް:
- ދަނޑުވެރިކަން ކުރާ ވަކި ފަރުދުން
- ކޯޕަރޭޓިވްސް
- ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތް
- ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާމާ ފޯރަމްގެ މެމްބަރުން (އައިއެފްއެފް)
- އެންމެ ކުދިކުދި އަދި މެދުފަންތީގެ ވިޔަފާރިތައް.
ގްރާންޓްގެ ދެވަނަ ބުރު އަމާޒުކުރެވިފައި ވަނީ ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ގްރީން ހައުސްގައި ހެއްދުމަށް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ. އެޕްލިކޭޝަންތައް ހުށަހަޅާނީ އެސްއެމްއީ ޑިޖިޓަލް އަށް، ހުށަހަޅާފަރާތުގެ އީ.ފާސް މެދުވެރިކޮށެވެ.
މި ޕްރޮގްރާމްއަށް ހުށަހަޅަންޖެހޭ ލިޔެކުއިންތަކުގެ މައުލޫމާތު ސާފުކުރުމަށް އެސްއެމްއީ ޑިޖިޓަލް ގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅާލުމުން ލިބޭނެ ކަމަށާއި [email protected] އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެޕްލިކޭޝަނަށް ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ގައިޑްލައިންގެ އެއްވެސް ބާބަކަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވިއްޖެނަމަ އެ މައުލޫމާތު އާންމުކުރާނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ދަނޑުވެރިކަން
ދަނޑުވެރިކަން
ދަނޑުވެރިކަން
ދަނޑުވެރިކަން
ކޮމެންޓް