ކެންސަރުގެ އެކި ބަލިތަކަށް ފަރުވާދިނުމަށްޓަކައި 2028 ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމްކޮށް ހިދުމަތް ދޭން ފެށޭނެ ކަަމަށް \މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ ހޮސްޕިޓަލްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުން ފިލުއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކުރާ މި ހޮސްޕިޓަލަކީ 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ކަމަށެވެ.

މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓާނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭނެ ކަމަށެވެ. މި ހޮސްޕިޓަލްގައި އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ހިދުމަތްތައް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިކަމަށް 374 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ކެންސަރުގެ ފަރުވާ މިހާރު ވެސް ދެމުން އަންނަކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް ހިމެނޭހެން ނުވަ އެނދު، ކެންސަރު ފަރުވާއަށް ހާއްސަކޮށްފައިވާ ކަމަށެވެ. އަދި އައްޑޫސިޓީ، ހދ، ޅ، ރ، އަދި ގދ އަތޮޅުގެ ހޮސްޕިޓަލްގައިވެސް އެ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ އެއް ކެންސަރުގެ ބާވަތް ކަމަށްވާ އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމް ޓެސްޓް ހެދުމުގެ ހިދުމަތް ރީޖަނަލް ފަސް ހޮސްޕިޓަލާއި ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅު ހޮސްޕިޓަލްގައި މިހާރު ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިންޑިއާގެ 15 ހޮސްޕިޓަލާއި ލައްކާގެ ދެ ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.