އާސަންދަ ސްކީމްގެ ދަށުން، އިންޑިއާގެ 15 ހޮސްޕިޓަލަކުންނާއި ސްރީލަންކާގެ ދެ ހޮސްޕިޓަލަކުން ދިވެހިންނަށް ކެންސަރު ބަލީގެ ފަރުވާ ހޯދުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންސަރު ފަރުވާދިނުމުގެ އިންތިޒާމުތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމަށް 374 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެކަންތައްތަކާ ގުޅިގެން ކެންސަރު ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މިނިސްޓަރު މިއަދު ވިދާޅުވީ، ކެންސަރުގެ އެކި ބަލިތަކަށް ފަރުވާދިނުމަށްޓަކައި 2028 ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމްކޮށް ހިދުމަތް ދޭން ފެށޭނެ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކުރާ މި ހޮސްޕިޓަލަކީ 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ކަމަށެވެ.

މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓާނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭނެ ކަމަށެވެ. މި ހޮސްޕިޓަލްގައި އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ހިދުމަތްތައް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.