ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ، ޕޮލިސް ކްލަބުން ހޯދައިފިއެވެ.
ޕޮލިހުން ފައިނަލުގެ ފަހު ޖާގަ ހޯދީ މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މުބާރާތުގެ ތިންވަނަ ސެމީ ފައިނަލް މެޗުގައި ތިން ސެޓު އެއް ސެޓުން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ. ޕޮލިހުން ފައިނަލް މެޗުގައި ނުކުންނާނީ ފުރަތަމަ ސެމީ ފައިނަލު ކާމިޔާބުކުރި ކްލަބު ވެމްކޯއާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލަށް ވެމްކޯ ދިޔައީ ފުރަތަމަ ސެމީގައި ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ. ޕޮލިހާއި ވެމްކޯ ސެމީގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނުނު އިރު، އެ މެޗު ވެމްކޯއިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. އެ ދެޓީމުން ކުޅޭ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި ދިހަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެ ދިހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ގުރޫޕް ސްޓޭޖު ކުޅެފައިވާ އިރު، ސެމީ ފައިނަލަށް ފުރުސަތު ލިބިފައިވަނީ ކޮންމެ ގުރޫޕަކުން ދެ ޓީމަށެވެ. މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން މިފަހަރު ސެމީގައި ކުޅޭނީ ފައިނަލް ޕްލޭ އޮފް ތިން މެޗެވެ. އެއީ ސެމީ ފައިނަލުގެ ތިން މެޗެކެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ގުރޫޕުގެ އެއްވަނައަށް ދާ ދެ ޓީމު ވާދަކުރި އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. އެ މެޗުން ބަލިވާ ޓީމަށް އަދި ތިންވަނަ ސެމީގައި ވާދަކުރަން ފުރުސަތު އޮންނާނެއެވެ. ދެވަނަ ސެމީން ބަލިވާ ޓީމު ކަޓާ އިރު، މޮޅުވާ ޓީމު ދާނީ ތިންވަނަ ސެމީއަށެވެ.
މިރޭ ޕޮލިހުން ނުކުތީ ފުރަތަމަ ސެމީން ބަލިވި ޓީމުގެ ގޮތުގައެވެ. އީގަލްސް ނުކުތީ ދެވަނަ ސެމީގައި ކްލަބު ވޮލީބޯލް ބަލިކޮށްފައި އޮވެގެންނެވެ. ޕޮލިހާއި އީގަލްސް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ޕޮލިހުން ފަސޭހަކަމާއެކު ގެންގޮސްފައި އޮތް ނަމަވެސް މިރޭގެ މެޗުގައި ވާދަވެރިކަން ފެނުނެވެ.
މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން 14-25 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓަށް ނުކުމެ އީގަލްސްއިން ހިތްވަރު ކުރިއެވެ. އެ ސެޓު ކްލަބު އީގަލްސްއިން ގެންދިޔައީ 25-17 އިންނެވެ. ސެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަންދާނީގެ ރަނގަޅު ސްޕައިކްތަކެއް ފެނުނެވެ.
ތިންވަނަ ސެޓުވެސް ދިޔައީ ގާތްގާތުންނެވެ. އެހެން ނަމަވެސް ޕޮލިހުން ވަނީ ފަހު ވަގުތު ހިތްވަރުކޮށް، 25-20 އިން ސެޓު ގެންގޮސްފައެވެ. އެ ސެޓުގައި ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި މަރިޔަމް އަޒީފާ އަދި އައިމިނަތު ޝަހާ ޝާމިންގެ ރަނގަޅު ސްޕައިކްތަކެއް ފެނުނެވެ. އޭގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ކަމަނާ ބިސްތާވެސް ތަފާތު ދެއްކިއެވެ.
އެ ފޯމުގައި ހަތަރުވަނަ ސެޓަށް ގޮސްވެސް ހައްވައާއި ޝަހާ ފެނުނީ ރަނގަޅަށް ކުޅުނުތަނެވެ. މެޗުގެ ފަހު ސެޓުވެސް ޕޮލިހުން ގެންދިޔައީ 25-20 އިންނެވެ. މިރޭގެ ސެމީ ފައިނަލުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ޝަހާއެވެ.
މެޗަށްފަހު ސެކަންޑް ރަނަރަޕްގެ މަގާމު ހޯދި އީގަލްސްއަށް ވަނީ މެޑަލް ދީފައެވެ. އެޓީމަށް މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރު ލެޖެންޑް ސައްޔިދު އަލީއެވެ.