ރިޕޯޓް

ފައްޔާޒުގެ ޗެއާޕާސަން ކަމާއެކު، ބަދުނާމުކުރުމާއި ޖަދަލުކުރުމުގެ އެމްޑީޕީ ޖަގަހައަކަށް މަޖިލިސް!

އިބްރާހިމް ޒަކީ

އެމްޑީޕީ ތެރޭގައި ހިނގައިދިޔަ ބޮޑު ކޯޅުންގަނޑަކަށްފަހު، ޗެއާ ޕާސަންގެ ގޮނޑި ކާމިޔާބު ކުރެއްވި، އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް އޭނާގެ ރަސްމީ މަސައްކަތާ ހަވާލުވެ ވަޑައިގެންނެވީ، މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ޗެއާޕާސަން ކަމުގެ އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ސިޔާސީ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ކުރިމަތި ލައްވައިގެންނެވެ. އެ އިންތިހާބުގައި ފައްޔާޒާ ވާދަ ކުރެއްވީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

މި އިންތިހާބުގައި ވާދަވެރިކަން ބޮޑުވެ މުޅި އެމްޑީޕީ ފަޅައިގެން ދިޔަލެއް ބޮޑުކަމުން ގިނަ ބަޔަކު ހީކުރީ އެ ޕާޓީ އަލުން އެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިންތިހާބަށްފަހު، ޕާޓީ ހަމަޖެހިލައި އެއް ބަޔަކު އަނެއްބަޔަކާ ހިތްރުހޭކަން ދައްކަން ފެށިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. އިންތިހާބުގެ ދުވަސްވަރު ޕާޓީ ތެރޭގައި އޮތް ވާދަވެރިކަން މަޖިލިސް ތަޅުމުން މިހާރުވެސް ފެންނަމުން އެބަ ދެއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރު ވަކި ކުރުމަށް މަޖިލިސް ތަޅުމުގައި އިއްޔެ ކުރި މަސައްތަކާއި، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައާބެހޭގޮތުން، މަޖިލިސް ތަޅުމުގައި އިއްޔެ ކުރި ބަހުސުންވެސް އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރަން ހުށަހެޅި މައްސަލައަށްވުރެން ބޮޑަށް އެމްޑީޕީ މެންބަރުން ދެއްކެވީ، ޗެއާޕާސަން ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ފައްޔާޒު ޗެއާ ކުރެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ވާހަކައެވެ.

ފައްްޔާޒަށް ތާއީދު ކުރެއްވި މެންބަރުން އެ ޖަލްސާ ދިފާއު ކުރެއްވި އިރު، އިންތި އާއި އޭނާއަށް ތާއީދު ކުރެއްވި މެންބަރުން މަސައްކަތް ކުރެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ، މިހާތަނަށް ބޭއްވި، އެމްޑީޕީގެ އެންމެ ހިތާމަވެރި އަދި އެންމެ ގޯސް ނިންމުން ނިންމި ބައްދަލުވުމުގެ ގޮތުގައި ސިފަ ކޮށްދެއްވުމަށެވެ.

ފައްޔާޒު ޗެއާޕާސަންކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ބޭއްވި، ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ:

އެ ޖަލްސާ ބޭއްވީ ހުސްވި މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ. އެމްޑީޕީ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމަށް އެރޭގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ މެމްބަރޝިޕް ސާފު ކުރުމަށް ހިންގާ މަސައްކަތުގެ ދަށުން، ގަރާރެއްގެ ގޮތުގައި ގައުމީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އެ ގަރާރު ފާސްކުރީ، ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 90 މެންބަރުންގެ ތެރެއިން 70 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

އެ ގަރާރުގައި ބުނަނީ، އެމްޑީޕީގެ މެންބަރުން ހިމެނޭ އެ ޕާޓީގެ ދަފްތަރުގައި އެހެން ޕާޓީތަކުގެ މެންބަރުން ތިބުމުގެ ސަބަބުން ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި އެމްޑީޕީއާ ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ޕާޓީއަށް މާލީ އެއްވެސް މަންފާއެއް ނުކުރާ ގޮތަށް ހަމައެކަނި އިންތިހާބުތަކުގައި ވޯޓުލާން އެތައް ހާސް ބަޔަކު ތިބި ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 94،000 އަށްވުރެ ގިނަ މެންބަރުން ތިބި ކަމަަށް ޕާޓީގެ ދަފްތަރުން ދައްކާއިރު، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެ ޕާޓީގެ ދަފްތަރުގައި ތިބެނީ 54،599 މެންބަރުންނެވެ. އެހެންކަމުން އީސީގެ ދަފްތަރުގައި ނެތް 39،911 މީހުން އެ ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލާނެއެވެ.

އިބުރޭ ހުށަހެޅި ގަރާރުން ފާސް ކޮށްފައިވަނީ، އީސީގެ ދަފްތަރުގައި ނެތް 39،911 މީހުން ޕާޓިީގެ ދަފްތަރުގައި ޖެހުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް މަގާމެއްގައި އެފަދަ މެންބަރަކު ހުރި ނަމަ އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ 30 ޖޫން 2022 ގެ ނިޔަލަށް އީސީގެ އެމްޑީޕީ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށާއި މެންބަރުން ހިމަނައިގެން އުފައްދާ ގޮފިތަކުގެ ރައީސުންވެސް ވާން ޖެހޭނީ އެ ދަފްތަރުގެ މެންބަރުންނަށް ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ގައުމީ މަޖިލީހުގެ ނިންމުމަށް އިންތިއަށް ތާއީދު ކުރި މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް:

ގައުމީ މަޖިލީހުގެ އެ ނިންމުމާ ބެހޭގޮތުން، އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވީ، ފައްޔާޒު ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމަކީވެސް ސިއްރު ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ސާޅީހަކަށްހާސް މެންބަރުން ވަކި ކުރަން ގަރާރެއް ފާސްކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެއީ އެކަން ކުރެވޭނެ ގޮތެއްނޫން ކަމަށްވެސް ހަސަންލަތީފް ވިދާޅުވިއެވެ.

"ސާޅީހަކަށްހާސް މެންބަރުން ވަކިވާގޮތަށް ސިއްރުން ގަރާރެއް ފާސްކޮށްގެން އެތިބީ، ޕާޓީގެ ގުނަވަންތަކުގައި މަޝްވަރާކޮށްގެނެއްނޫން އެކަން ކޮށްފައިވަނީ،" ގައުމީ މަޖިލީހުގެ ނިންމުން ކުށްވެރި ކުރައްވައި ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއަށްވުރެ ހިތާމަވެރި ދުވަހެއް އެމްޑީޕީއަށް ނާންނަ ކަމަށެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، އާ ޗެއާޕާސަންއާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމާމެދު ކަންބޮޑުވާ ކަމަށާއި، އެނގިގެންވިޔަސް ނޭނގި ވިޔަސް އެ ބައްދަލުވުމުން ފާސް ކޮށްފައި އެވަނީ 100 ދުވަސްތެރޭގައި އެމްޑީޕީގެ އެތައްހާސް މެންބަރުން ޕާޓީން ވަކި ކުރަން ކަމަށެވެ. އޭގެ ތެރޭގައި ޕާޓީ އުފައްދަން މަސައްކަތް ކުރި އިހުލާސްތެރި މެންބަރުންތަކެއް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ ހަސަން އަފީފު ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ހޮވުނީ، ސައްހަނޫން ބަޔަކު ވޯޓުލައިގެންކަން ގައުމީ މަޖިލީހުގެ އެ ނިންމުމުން އެނގޭ ކަމަށެވެ.

"ގޮތުގައި ފައްޔާޒު އިންނަވައިގެން، ސައްހަނޫން ބަޔަކު ލައްވައި ވޯޓު ލައްވައިފައި ތިމަންނަ މީ ޗެއާޕާސަނޭ އެ ބުނަނީ،"

ޗެއާޕާސަން އިންތިހާބުގައި ފައްޔާޒުގެ ވާދަވެރިޔާ، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ވެސް އެ މައްސަލައިގައި ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ. އިންތި ވިދާޅުވީ، ފޯމުގައި ފިންގާ ޕްރިންޓް ނުޖަހާ މީހުންނަކީ ޕާޓީގެ މެންބަރުން ކަމަށް ނުހެދުމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ގާނޫނަށް ގެނައި ކުއްލި އިސްލާހުގެ ސަބަބުން އެފަހަރުވެސް އެމްޑީޕީއަށް ގިނަ މެންބަރުންތަކެއް ގެއްލިގެން ދިޔަ ކަމަށެވެ. ގައުމީ މަޖިލީހުން ނިންމި ނިންމުމަކީވެސް އެ ފަދަ ނިންމުމެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުގެ އެ ނިންމުމަކީ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކުން، ހިތާއި ރޫހުން އެމްޑީޕީގައި ތިބި 39،000 މީހުން ވަކި ކުރަން ނިންމި ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ވަރަށް ދެކޮޅު ހައްދަވާ ކަމެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގއި ބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގައުމީ މަޖިލީހުގެ ނިންމުމަށް ފާޑުކީ މެންބަރުންނަށް ދިން ރައްދު:

ގައުމީ މަޖިލީހުގެ ނިންމުމަށާއި، ފައްޔާޒަށް ފާޑުކީ މެންބަރުންނަށް، ފައްޔާޒަށް ތާއީދު ކުރި މެންބަރުން އިއްޔެ ރައްދު ދެއްވިއެވެ.

އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، ގައުމީ މަޖިލީހުގެ ނިންމުމަށް އޭނާވެސް ވޯޓު ދެއްވި ކަމަށާއި، ނަމަވެސް އެއީ 39 ހާސް މެންބަރުން ވަކި ކުރަންނޫން ކަމަށެވެ.

"އެރޭގެ ބައްދަލު ވުމުގައި ވޯޓުދިނީ އިސީން ވަކިވެފައި ތިބި މެންބަރުން ކުރިއަށް އޮތް 100 ދުވަހުގެ ތޭގައި އަލުން އަނބުރާ ގާނޫނީ ހަމަތަކުގެމަތިން ރަޖިސްޓްރީ ކުރުމަށް، އެގޮތަށް މަސައްކަތް ކުރުމަށް އެއީ އެމްޑީޕީގެ މެންބަރުން ނޫންކަމަށް ހެދުމަށް ވޯޓެއް ނުދެން، އަޅުގަނޑުގެ ދާއިރާއިން ވަކި ކުރި މެންބަރުން 600 އަށްވުރެން މައްޗަށް އަރާ، އެ މެންބަރުންނާއެކު އިތުރު މެންބަރުން ވައްދާނަން،"

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްނޫން ކަމަށާއި، އެއީ ގައުމީ މަޖިލީހުގެ މެންބަރުންނަށް ކިޔައިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި ހުށަހެޅީ އެމްޑީޕީގެ ދަފްތަރު ސާފު ކުރުމަށް ކަމަށާއި، އެކަން އެމްޑީޕީގެ މެންބަރުންނަށް އޮޅުމެއް ނާރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމުވެސް ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށްފަހު، އެއީ ސިއްރު ބައްދަލުވުމެއް ކަމަށް މެންބަރުން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ވަކިކުރަން ނުނިންމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ ކަންތައްތަކާ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ގައުމީ މަޖިލީހުގައި ކަންހިނގައިދިޔަ ގޮތް އޮޅުންފިލުވައިދޭންޖެހޭ ކަމަށް ވިދާޅުވެ، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ޕާޓީގެ މެންބަރުންގެ ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގެ ނިންމުމަށް އޭނާ ތާއީދު ކުރެއްވީ، މެންބަރުން ވަކިވެގެންދާގޮތަށް މާނަ ކުރެވިގެނެއްނޫން ކަމަށެވެ. ފުރަމަ ހުށަހެޅުން އޮތީ މަސްދުވަހުގެ ތެރޭގައި އެ މެންބަރުން ޕާޓީން ވަކިވާގޮތަށް ނަމަވެސް އެކަން އިސްލާހުކޮށް ގައުމީ މަޖިލީހުން ފާސްކުރީ ތިން މަސްދުވަހުގެ ތެރޭގައި އެ މީހުން ޕާޓީއަށް ވެއްދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ ކެމްޕެއިންގައި އެމްޑީޕީގެ ދަފްތަރު ސާފު ކުރުުގެ ވާހަކަ، ފައްޔާޒާއި އިންތިވެސް ދެއްކެވި ކަމަށެވެ. ގައުމަޖިލީހުގެ ނިންމުމަކީ އެގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުގެ އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ނޫން ކަމަށާއި ހަމަ އެކަނި ތަފާތަކީ ޓީވީން ލައިވް ނުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުން ލައިވް ނުުރީ އެކަމަށްޓަކައި އެމްޑީޕީން އެތައް ހަރަދެއް ކުރަން ޖެހޭތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުގައި އޮންނަނީ މެންބަރުން ފިންގާޕްރިންޓް ޖަހަން ޖެހޭ ގޮތަށް ކަމަށާއި އެންމެންވެސް ގާނޫނަށް ބޯލަނބަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި މައްސަލައަކީ މީގެ ކުރިން ޗެއާޕާސަންގެ މަގާމުގައި ހަސަން ލަތީފު ހުންނެވިއިރު، ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުމުން، އޭނާގެ އިހުމާލުން ވެފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެހެން ޕާޓީގެ މެންބަރުން އެމްޑީޕީ ތެރެއަށް ވަދެ އަތްގަދަ ކުރުމުގެ ފުރުސަތު ލިބޭ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރުން ކަށަވަރު ކުރުމަކީ އެ ޕާޓީގެ ހައްގެއް ކަމަށާއި ގައުމީ މަޖިލީހުގެ ނިންމުމަކީ އެކަމަށްޓަކައި ނިންމި ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ވިދާޅުވީ، އެއީ ސިއްރު ބައްދަލުވުމެއް ކަމަށް ބައެއް މެންބަރުން ވާހަކަ ދައްކަވާއިރު، އެއީ އެމްޑީޕީގެ ހުރިހާ ދާއިރާއެއްގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި ބައިވެރިވެގެން ބޭއްވި ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުވުމުގައި ނިންމި ކަންތައްތައް ދާއިރާގެ ރައީސުން އެ ދާއިރާތަކުގެ މެންބަރުންނަށް އޮޅުންފިލުވައިދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ހުށަހެޅި މައްސަލައިގެ ބަސްހުސްވެސް ކުރިއަށް ގެންދިޔައީ ހަމަ މި ގޮތަށް އެއްފަރާތުން އަނެއް ފަރާތް ބަދުނާމު ކުރުމުގައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މައްސަލަ ބަލައި ފަނޑިޔާރުން ވަކި ކުރަން މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާކޮށް، އިންތި މުގައްރިރުގެ ގޮތުގައި އިންނަވާ ޖުޑިޝަރީ ކޮމެޓީން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވީ އެއީ އިޖުރާއަތްތަކާ ހިލާފަށް ޖެއެސްސީން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން އެވެ. ޗެއާޕާސަންގެ އިންތިހާބުގައި އޭނާ ތާއީދު ކުރެއްވީ ފައްޔާޒަށެވެ.

އިއްޔެ މަޖިލިސް ތަޅުމުގައި ކުރި ބަހުސްގައި، ފަނޑިޔާރުން ވަކި ކުރަން ފޮނުވި މައްސަލައިގައި އިންތި ވަނީ ހިސާންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަމަވެސް ހިސާން ވިދާޅުވީ، ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައިފަހުން އެއް އިޖުރާއަތްތަކެއްގެ މައްޗަށް ތަހުގީގުކޮށް ޖޭއެސްސީން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށާއި އިއްޔެގެ މައްސަލަ ފިޔަވައި އެ 99 ރިޕޯޓުގެ ތެރެއިން އެހެން އެއްވެސް ރިޕޯޓެއް އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ކޮމިޓީން ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން މަޖިލިސް ކޮމެޓީން އެންމެނާ ދޭތެރޭ އަމަލުކުރަން ޖެހޭނީ އެއްގޮތަކަށް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އެ މައްސަލައަކީ ޗެއާޕާސަންކަމުގެ އިންތިހާބަށްފަހު ޖޭއެސްސީން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި ފުރަތަމަ މައްސަލައެވެ.

އެހެންކަމުން ބޭރު ފުށުން ހަމަޖެހޭ ކަމަށް ކިތަންމެ ދެއްކި ނަމަވެސް ޗެއާ ޕާސަންގެ އިންތިހާބަށްފަހު، ފައްޔާޒު ރަސްމީ މަސައްކަތާ ހަވާލުވެވަޑައިގަތުމާއެކު، ބަދުނާމު ކުރުމާއި ރައްދު ސިދިމުގެ މައިދާނަކަށް މަޖިލިސް ތަޅުން މިވަނީ ބަދަލު ވެފައެވެ.