އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ކީ އެތައް ފާޑު ކިޔުމެއްގެ އަޑު ނުވެސް ކެނޑެނީސް، ފީފާ އަނެއްކާވެސް އޮތީ ހޫނު ފެނުގައެވެ. ރައީސް ޖިއާނީ އިންފަންޓީނޯގެ އާ ބައެއް ވިސްނުންތަކާއެކުގައެވެ. ވޯލްޑް ކަޕެއް ނިމިގެން ޗެމްޕިއަން ސްޕެއިނުން އުފާފާޅުކުރަމުން ދަނިކޮށް، 64 ޓީމަށް މުބާރާތް ބޮޑުކުރުމުގެ ޕްލޭންގެ ވާހަކަވެސް އިންފަންޓީނޯ ދެއްކެވިއެވެ. އެވާހަކައަށް ހިޔާލު ދީ ނުނިމެނީސް، އިންފަންޓީނޯ އަނެއްކާވެސް އާކަމެއްގެ ވާހަކަ ދައްކަވައިފިއެވެ. ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ވާހަކައެވެ. އެ ވާހަކައާއެކު އަނެއްކާވެސް ފުޓުބޯޅަ ގުޑުވާލައިފިއެވެ.

އެފްއެފްއީގެ ނަމުގައި ފީފާއިން ދާދިފަހުން އިއުލާނުކުރީ ވޯލްޑް ކަޕްވެސް ހިމެނޭހެން އެ އިދާރާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާނެ ޕްލޭނެކެވެ. އެ ޕްލޭންގެ ދަށުން ޖުމުލަ ވިއްސަކަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ފީފާއަށް ހޯދަން ކަނޑައަޅާފައިވެއެވެ. އެ ޕްލޭނަކީ އިންފަންޓީނޯގެ ގާތް މިތުރެއް ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް އެތައް ބަޔަކު ސިފަކޮށްފައިވެއެވެ. ވޯލްޑް ކަޕް މިދިޔަ ޒަމާންތަކުގައި އޮތް ގޮތަށް ބަދަލު އައުން ގާތް ޕްލޭނަކަށް އެ ޕްލޭން ވެފައި އޮތުމާއެކު، އެކަމަށް ޔޫއެފާއިން ވަގުތުން ދެކޮޅު ހަދައި، މިހާރު ކަނޑިއާ ކަނޑިކަން އިއުލާނުވެސް ކޮށްފިއެވެ. އެއީ ފުޓުބޯޅައިގެ މަންޒަރަށް އައި ބޮޑު ބަދަލެކެވެ.

ފީފާގެ ރައީސް އިނަފަންޓީނޯ އެމެރިކާގެ ރައީސް ޓްރަމްޕާއެކު ސެލްފީއެއް ނަގަނީ. ޓްރަމްޕާ ޖެހުނީމާ އިންފަންޓީނޯގެ ރާގު ހުންނަނީ ބަދަލުވެފައި. ---

ފީފާގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ އިންފަންޓީނޯ އެންމެފަހުން އެ މަގާމަށް އިންތިހާބުވީ 2023 ވަނަ އަހަރުއެވެ. އެންމެފަހުން އޮތް އިންތިހާބުގައިވެސް އިންފަންޓީނޯ ވާދަކުރެއްވީ ވާދަވެރިޔަކު ނެތިއެވެ. އެހެންކަމުން 200 އަށްވުރެ ގިނަ ގައުމުތަކުގެ އެންޑޯސްމަންޓާއެކު އޭނާ ގޮނޑި ޔަގީންކުރެއްވީ ފަސޭހައިންނެވެ.

އެހާ ތާއީދު ބޮޑުކޮށް ހުރެ، އިންފަންޓީނޯ އަނެއްކާވެސް މިވަނީ ނުފޫޒުން ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަންވެސް ބޮލުގެ އެއްޗެއް ހައްދަވައިފައެވެ. ޔޫރަޕްގެ ނުރުހުން އޭނާއަށް އޮތް ނަމަވެސް، އިންފަންޓީނޯ އަބަދުވެސް ވިސްނަވަނީ ކުދި ގައުމުތަކުގެ ތާއީދަށެވެ. ހަބަރުތައް ބުނީ މިފަހަރުވެސް އޭނާ އެކުރައްވަނީ އެފަދަ ކަމެއް ކަމަށެވެ. ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 48 އަކަށް އިތުރު ކޮށްގެން އެފްރިކާ، އެމެރިކާ އަދި އޭޝިއާގެ ބޮޑު ތާއީދެއް އިންފަންޓީނޯ ހޯއްދެވި އިރު، އެފްއެފްއީއާއެކު ކުދި ގައުމުތަކަށްވެސް 40 މިލިއަން ޑޮލަރުގެ ފަންޑިންނެއް އަހަރަކު ދޭން ފީފާއިން ވައުދުވެއެވެ.

އިންފަންޓީނޯއަށް އަމާޒުވި ފާޑުކިޔުންތަކާއެކު އެ ޕްލޭނަކީ ފާސްކުރަން މަޖުބޫރު އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެކަމަށް ގޮތް ނިންމަން ދެއްވީ 19 ސެޕްޓެމްބަރާ ހަމައަށެވެ. އަދި އެކަމަށް ގޮތް ނިންމާ ހިސާބުން ފަންޑިންގެ 20 މިލިއަން ޑޮލަރު ގައުމުތަކަށް ދޭން ފީފާއިން ވިސްނާ ކަމަށް ނޫސްތައް ބުނެއެވެ.

ގައުމުތަކުގެ ވެރިންނާ އިންތިހާއަށް ގާތް ގުޅުމެއް އޮންނަ އިންފަންޓީނޯ މިފަހަރު ހައްދަވާ މަކަރަކީ "ފީފާ މުއްސަނދިކޮށްދިން ވަރަކަށް، ދޭ ބައި ބޮޑުކުރާނެ،" ކަމަށް ބުނެ ހަދާ މަކަރެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެހެންކަމުން އެފްއެފްއީގެ ޕްލޭން ފާސްކުރަން ބޭނުންވާ 211 ގައުމުގެ ވޯޓް އިންފަންޓީނޯ ހޯއްދެވުން ގާތް ކަމަށްވެސް ވަނީ ބެލެވިފައެވެ.

މިހާރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ ފަންޑިންއެއް ލިބޭ ކުދި ގައުމުތަކަށް 40 މިލިއަން ޑޮލަރަށް ފަންޑިން ބޮޑުވުން އެއީ އެދޭނެ ކަމެކެވެ. އިންފަންޓީނޯ ހުށަހަޅުއްވަނީ އެގޮތެވެ. ޔޫރަޕުން ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ބުނާ ނަމަވެސް، އެ ވިސްނުމަށް ގިނަ ގައުމުތަކަކުން ތާއީދު ކޮށްފާނެއެވެ.

އިންފަންޓީނޯގެ ޕްލޭން ގުޅެނީ ޓްރަމްޕާ؟

އެމެރިކާގެ ރައީސް ޓްރަމްޕާއި ފީފާގެ ރައީސް އިންފަންޓީނޯ ---

ވޯލްޑް ކަޕްގެ ކުރިންވެސް އެންމެ ބޮޑަށް ދުނިޔޭގެ ފުޓުބޯޅަ ސަޕޯޓަރުން ކަންބޮޑުވި އެއް ކަމަކީ އިންފަންޓީނޯއާއި އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ގުޅުމެވެ. އިރާނާ ދެކޮޅަށް އެމެރިކާ އިސްވެ، އިޒްރޭލާ ގުޅިގެން ބޮޑު ހަނގުރާމައެއް ފެށިތަނާ ޕީސް ޕްރައިޒް ޓްރަމްޕަށް އެރުވުމުން ފެށިގެން ގޮސް، އެމެރިކާ ކުޅުންތެރިޔާ ފޮލާރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަން މައާފުކުރުމާ ހިސާބަށްވެސް ޓްރަމްޕާ އިންފަންޓީނޯގެ ގުޅުމުގައި އޮތީ ކިލަނބުކަމެކެވެ. އޭގެ އިތުރުން ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީހެއް ހުޅުވުމާއި އެހެންގޮސް އެތައް ކަމެއްގައި އިންފަންޓީނޯ ހުރީ ހަޑިވެފައެވެ.

ކުއްލިއަކަށް އެފްއެފްއީގެ ޕްލޭން އިއުލާނުކުރުމުން އެކަމުގެ ތަހުގީގުތައްވެސް ނޫސްތަކުން ހިންގާފައިވާ އިރު، އިންފަންޓީނޯ އިއުލާނުކުރެއްވި ޕްލޭންގައިވާ އިންވެސްޓްމަންޓް ފަންޑު ހިންގަން ނިންމާފައި ވަނީ ތްރައިވް ކެޕިޓަލްއިންނެވެ. އެއީ ޓްރަމްޕްގެ ދަރިފުޅު އިވަންކާގެ ފިރިކަލުން ޖެރަޑްކުޝްނާގެ އެއްބަނޑު އެއްބަފާ ޖޯޝް ކުޝްނާގެ ކުންފުންޏެކެވެ.

އޭގެ އިތުރުން އެފްއެފްއީގެ އެންމެ މުހިއްމު އެއް އެޑްވައިޒަރަކީ ފީފާއިން ބުނާ ގޮތުން ފޯމިއުލާ ވަންގެ ކުރީގެ ރައީސް ގްރެގް މާފޭއެވެ. އެއީ ލިބަޓީ މީޑިއާގެ އެއް ވެރިޔާއެވެ. އޭނާއަކީ ޓްރަމްޕް ކެމްޕޭނަށް އެންމެ ބޮޑަށް ފަންޑުކުރި އެކެކެވެ.

އިންފަންޓީނޯ ހުށަހެޅީ ފީފާ މުއްސަނދިކުރާނެ ގޮތެކެވެ. އެހެން ނަމަވެސް އެ ޕްލޭން ގުޅިފައި ވަނީ ޓްރަމްޕާއެވެ. ހާއްސަކޮށް ޔޫއެފާއިން ބުނެފައިވާހެން "އެއީ ވަކި ބަޔަކަށް ބޮޑު މާލީ މަންފާއެއް ކުރާނެ،" އަޑި ނޭނގޭ ޑީލަކަށް ވުން ގާތެވެ.

ހާއްސަކޮށް ވޯލްޑް ކަޕާއި ފީފާގެ އެހެނިގެން މުބާރާތްތަކަކީ މިހާރުވެސް ފީފާގެ އެންމެ ބޮޑު އާމްދަނީއެވެ. ގާތްގަނޑަކަށް ވޯލްޑް ކަޕާއެކު މިދިޔަ ހަތަރު އަހަރު ފީފާއަށް 13 ވަރަކަށް ބިލިއަން ޑޮލަރު ފައިދާވެފައިވާ އިރު، އޭގެ ތެރެއިން އުފައްދާ 20 ބިލިއަން ޑޮލަރުގެ ސަބްސިޑަރީއާއެކު އެ ނަފާ ބަޔަކަށް ލިބިގެންދާނެއެވެ.

ފީފާއިން އެއްފަހަރާ ބޮޑު ފައިދާއަކަށް؟

އިންފަންޓީނޯއާއި ފީފާއިން މިހާރު ހުށަހަޅާފައިވާ ޕްލޭންގެ ދަށުން އެންމެ ބޮޑު ފައިދާއަކަށްވާނެ ކަމަކީ ބޮޑު ބަޖެޓެއް ކުއްލިއަކަށް ލިބުމެވެ. އެމެރިކާގެ އެންއެފްއެލްއާއި ބާސްކެޓްގެ އިތުރުން ބޭސްބޯލް އަދި އައިސް ހޮކީގައިވެސް އުސޫލަށް ބަދަލު ގެނެސް، މައިނޯރިޓީ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދީފައި ވަނީ އެއްފަހަރާ ލިބޭ ފައިސާއަށެވެ. ލަ ލީގާއާއި ފްރާންސް ލީގުންވެސް މީގެ ކުރިންވެސް ސީވީސީ ކެޕިޓަލް ޕާޓްނާސްއަށް ހިއްސާ ވިއްކާލައި، ފައިސާ ހޯދައިފައެވެ.

ފީފާއިންވެސް މަސައްކަތް ކުރަނީ އެ ޓްރެންޑަށް ފެއްތުމަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެން ނަމަވެސް ފީފާ އުފެދިގެން މިއަދާ ހަމައަށް ހިންގަމުންދަނީ ސްވިޒަލޭންޑްގެ ގާނޫނުތަކަށް ފައްތައިގެން ކަމަށްވީ އިރު، އެ އިދާރާއަކީ ނޮން ޕްރޮފިޓް އިދާރާއެކެވެ. އެއީ ލިބޭ ފައިދާއިން ފުޓުބޯޅައަށް ހަރަދުކޮށް އެއްކޮށް ހުސްކޮށްލަން ޖެހޭ އުސޫލުންނެވެ. އެހެން ނަމަވެސް އާ ޕްލޭނާއެކު އެ ލިބޭ ފައިދާގެ ބައެއް އިންވެސްޓަރުންނަށް ދާނެއެވެ. އަދި ބައެއް ނޫސްތަކުން ތުހުމަތުކޮށްފައި ވަނީ އެ އިންވެސްޓަރުން ދުރުދުރުން ފީފާގެ ރައީސް އިންފަންޓީނޯއަށް އޭގެން ބައި އެޅުން ގާތް ކަމަށެވެ.

ފީފާ ރައީސް އިންފަންޓީނޯ، ވޯލްޑް ކަޕް ތަށްޓާއެކު ---

އެ ޕްރޮޕޯސަލްއަކީ ހިޔާލެއް ކަމަށް އިންފަންޓީނޯ ފާހަގަކުރި ނަމަވެސް، ތަޖުރިބާކާރުންގެ ނަޒަރުގައި އެ ހުށަހަޅަކީ ރީތި ގޮތުގައި ރިޝްވަތެވެ.

"އެންމެ ބޮޑު ސުވާލަކީ، ރަނގަޅު ތަނަށް އެ ލިބޭ ފައިސާ ވާސިލްވާނެތޯ. އަދި ފުޓުބޯޅައިން ބޭރަށް އެ ފައިސާ ގޮސް، ދެން ދާނީ ރަނގަޅު ދިމާލަކަށްތޯ. ފީފާއަކީ މިހާރު ސިޔާސީ ކާޓެލްއެއް. އަދި މިހާރު އެއީ ފައިސާ ބަހައިގެން ޖަރީމާ ހިންގާ އިދާރާއެއް. ގާނޫނުގެ ތެރެއިން ރިޝްވަތު ދެމުން އެދަނީ،" ފީފާގެ ގަވަނަންސް ކޮމިޓީގެ ކުރީގެ ޗެއާމަން މިގޭލް މަޑޫރޯ ވިދާޅުވެފައިވެއެވެ.

މަޑޫރޯ، އިންފަންޓީނޯގެ ވެރިކަމަށް 10 މަސް ހިނގިތަނާ މަގާމު ދޫކޮށްލީ އެ ކޮމިޓީ ހިނގާ ގޮތަށް ހިތްހަމަ ނުޖެހިގެންނެވެ. އޭނާގެ ނަޒަރުގައި އިންފަންޓީނޯ ހައްދަވަން އުޅުއްވަނީ ބޮޑު ގޯހެކެވެ.

ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތަކުގެ ނަފާވެސް އަހަރެއް އަހަރަކަށް ތަފާތު ބޮޑުވަމުން އަންނަ އިރު، އިންވެސްޓްމަންޓް ޕްލޭނާއެކު ބަޔަކަށް ނާޖާއިޒު މަންފާއެއް ލިބުން ގާތް ކަމަށް މާހިރުން ލަފާކުރެއެވެ.

ޔޫރަޕްގެ ކޯޅުން އިތުރު ހަރުފަތަކަށް، އިންފަންޓީނޯ މަޑު ޖެހޭނެ؟

އިންފަންޓީނޯ އަދި ޔޫއެފާ ރައީސް ޗެފެރިން ---

"ވޯލްޑް ކަޕަކީ ވަކި ބަޔަކު އިންވެސްޓްކޮށްގެން ހިންގާ ޕްރޮޑަކްޓަކަށް ހަދައިގެން ނުވާނެ. އެއީ ފުޓުބޯޅައިގެ އެންމެ ބޮޑު ލެގަސީ. އެއީ އެތައް ޖީލުތަކެއްގެ ކުޅުންތެރިންނައި އެތައް ގައުމުތަކެއްގެ އެތައް ސަޕޯޓަރުންނެއްގެ މައްޗަށް ބިނާވެފައި އޮތް މުބާރާތެއް. އޭގެ އެއްވެސް ބައެއް އަމިއްލަ ބައެއްގެ އަތްމައްޗަށް ދިޔަ ދީގެން ނުވާނެ. ވޯލްޑް ކަޕަކީ ވިއްކާ މުދަލެއް ނޫން،" ޔޫއެފާއިން އެންމެފަހުން ނެރުނު ބަޔާނުގައިވެއެވެ.

ޔޫރަޕް ނޫނީ ޔޫއެފާއަކީ އަދިވެސް ފުޓުބޯޅައިގެ އެންމެ ބާރުގަދަ ބައްރެވެ. އެއީ ފީފާއަށްވުރެވެސް މިވަގުތަށް މާލީގޮތުން ވަރުގަދަ އިދާރާއެކެވެ. އެއީ ބޮޑެތި ލީގުތަކުގެ ޓީވީ ރައިޓްސް، ސްޕޮންސާޝިޕްގެ އިތުރުން އެހެނިގެން ވިޔަފާރި ޑީލްތަކުންނެވެ. ޔޫއެފާއިން ބުނެފައިވާ ގޮތުގައި 2024/25 ގެ ސީޒަނަށް އެކަނިވެސް އެ އިދާރާއަށް ވަނީ ފަސް ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

ފީފާއަށް ހަތަރު އަހަރުން 13 ބިލިއަނެއްހާ ޑޮލަރު ފައިދާވާ އިރު، ޔޫއެފާއަށް އެހާ ދުވަހުން ގާތްގަނޑަކަށް 40 ބިލިއަން ޑޮލަރު ފައިދާވެއެވެ. އެއީ ގަދަ ފަސް ލީގުން އެކަންޏެވެ. އެ ބާރަކީ ފީފާއިން ބޭނުންވާ ބާރެއް ނޫންކަން ކުރިންވެސް ސާފުވެއެވެ. ހާއްސަކޮށް އިންފަންޓީނޯއަކީ އެ ބާރާ ދެކޮޅު ބޭފުޅެއްކަން ނޫސްތައް ބުނެފައިވެއެވެ.

ޔޫރަޕްގެ 55 މެންބަރު ގައުމުން އެއްގަލަކަށް އަރައި ފީފާއަށް އިންޒާރު ދިން ނަމަވެސް، ހަގީގަތުގައި އިންފަންޓީނޯ އެކަމާ ޖެހިލުންވާނެ ތަނެއް ނުފެނެއެވެ. ހާއްސަކޮށް އިންފަންޓީނޯގެ ޕްލޭންގައި ޔޫރަޕުން ބޭރުގެ ފުޓުބޯޅަ ހާއްސަކުރާ ކުރުމާއެކު ޔޫރަޕަށް އެކަމުން ލިބޭ ގެއްލުމުގެ ފައިދާ ނަގަން އެހެން ބައްރުތަކުން ތައްޔާރަށް ތިބުން އެއީ އިންފަންޓީނޯ މިހާރު ނުފޫޒު ފޯރުވާ އެއް ސަބަބެވެ. އެހެންކަމުން މިފަހަރުވެސް އިންފަންޓީނޯ އެހެން ބައްރުތަކާއެކު މޮޅު ހޯދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ކޮންމެއަކަސް، ފުޓުބޯޅައަށް ބަދަލު ގެންނަން އިންފަންޓީނޯ ކުރައްވާ މަސައްކަތް ގޮސް ހުއްޓޭ ހިސާބު ގިނަ ބަޔަކަށް ގޯހެވެ. ފައިދާއާއި ނަފާ އިތުރުކޮށް، ކުދި ގައުމުތައް މާލީ ގޮތުން ބާރުވެރި ކުރުވަން މަސައްކަތް ކުރައްވާ ނަމަވެސް، އެއީ ޓްރަމްޕްގެ އަޅުދާސްކަމުގައި ހޯދަން ބޭނުންވާ ބަދަލެއް ނޫނެވެ. އިންފަންޓީނޯ ގޯސްވަނީ އެހިސާބުންނެވެ.