ހެންވޭރުކޮޅުގައި ވަރަށް މަޝްހޫރު ދިމާލެއްގައި ހުރި "ޓޭކްއަވޭ" ކޮފީ ޝޮޕެކެވެ. އެ ތަނަކީ، ދިރިއުޅޭ ގެއާވެސް ކައިރިތަނަކަށްވެފައި ހިތްފަސޭހަ ތަނަކަށްވުމުން ގަވައިދުން އެތަނަށް ކޮންމެ ދުވަހަކުވެސް ދެވެއެވެ. ރެގިއުލާ ކަސްޓަރަކީމެވެ. ގަވައިދުން އެ ތަނަށް ދާތާ މިހާރު އަހަރެއްވަނީއެވެ. އެ ތަނުގެ ވެރިޔަކީ ދިވެއްސެއް ނަމަވެސް ތަން ހިންގުމާ ހަވާލުވެ ހުންނަނީ ބިދޭސީއެކެވެ. "ބޮސް" ކިޔަނީ ދިވެހި މީހާއަށެވެ. ނަމަވެސް ވިކުރާ ފޮތާއި ފައިސާއާއި މުވައްޒަފުންނަށް މުސާރަ ދިނުމާއި އެެހެން ހުރިހާ ކަމެއް ކުރަނީ ބިދޭސީ މީހާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެތަނުން ބަދަލުވި މުވައްޒަފުންގެ އަދަދުވެސް ބުނަން ނޭނގޭހާ ގިނައެވެ. ހަފުތާއަކުން ހަފްތާއަކުން ކަހަލަ ގޮތަކަށް ބަދަލުވެއެވެ. ކޮންމެ ފަހަރަކުވެސް ނޭޕާލް ނުވަތަ އިންޑިއާ ހިސާބުގެ އަންހެނެކެވެ. މާ ގިނަ ދުވަހު ހަރެއް ނުލައެވެ. މިވާ ގޮތެއް ސާފުކޮށްލަން އެ ތަނުގެ ފޭކް އޯނަރު ކަމަށްވާ ބިދޭސީ މީހާ ކައިރިން ދޭތެރެއަކުން އަހާލަމެކެވެ. އޭނާ ދިނީ މޮޅު ޖަވާބެކެވެ. އޭގެ ތެރެއިން ބައެއް މުވައްޒަަފުންނަކީވެސް އެ މީހުންގެ ކޯޓާގައި އެތެރެކުރާ މީހުންނެވެ. އަނެއް ބަޔަކީ މާލެ ތެރެއިން ހޮވައިގެން ގެންނަ މީހުންނެވެ. އޭގެ ތެރެއިންވެސް ގިނައީ ރަހުމަތްތެރީންނާއި އާއިލާގެ މީހުންނެވެ. މި ފަދަ އެތައް އެތައް ބައެއް ރާއްޖޭގައިވެސް އުޅެއެވެ.
ރާއްޖޭގެ އިގުތިސާދީ ނިޒާމުގެ ތެރޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ އާންމުކޮށް ފެންނާން އޮތް އެއް މައްސަލައަކީ، ގާނޫނީ ގޮތުން ދިވެހިންނަށް އެކަނި ކުރެވޭ ގޮތަށް ކަނޑައެޅިފައިވާ ވިޔަފާރިތައް، ދިވެހި ރައްޔިތެއްގެ ނަން މަތީގައި ޕްރޮކްސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހު، އޭގެ އަމަލީ ހިންގުމާއި މާލީ ފައިދާ އެއްކޮށް ބިދޭސީން ނަގަމުންދާ މިފަދަ މައްސަލަތަކެވެ.
މި މޮޑެލްގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކޮށްފައި އޮންނަ ދިވެހި މީހާއަށް މަހަކު ކަނޑައެޅިފައިވާ ވަކި ކުޑަ އުޖޫރައެއް ނުވަތަ ފީއެއް ދިނުމަށްފަހު، އެ ވިޔަފާރީގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ބިދޭސީގެ އަތްމަތީގައެވެ. މިއީ ހަމައެކަނި މާލެ ސަރަހައްދަށް އޮތް މައްސަލައެއް ނޫނެވެ. ރާއްޖޭގެ ބޮޑެތި އާބާދީތައް އޮންނަ ރަށްރަށުގައިވެސް މި އުސޫލުން ވިޔަފާރިތައް ހިންގުން ވަނީ އާދަޔާ ހިލާފަށް އާންމުވެފައެވެ. ފަސޭހައިން ލިބޭ އާމްދަނީއަކަށް ދަހިވެތިވެ، ގިނަ ދިވެހިން ހުދު އެމީހުންގެ އަމިއްލަ ނަން ބިދޭސީންނަށް ވިއްކާލުމުގެ ނަތީޖާއަކަށް ވެފައިވަނީ، މުޅި ގައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސިނާއަތް އެއްކޮށް ބިދޭސީންގެ މުށުތެރެއަށް ދިއުމެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދީ މުސްތަގުބަލު ބިނާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް މިފަދަ ޕްރޮކްސީ ވިޔަފާރިތައް ކަމުގައި އިގުތިސާދީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.
"ހަގީގަތުގައި މީ ވަރަށް ދެރަކަމެއް. މާލޭގެ 90 ޕަސަންޓު ޓޭކްއަވޭ ތަންތަނަކީ ބިދޭސީން ކޮންޓްރޯލްކުރާ ނުވަތަ ހިންގާ ތަންތަން. ދިވެއްސެއް ތަން ނަގައިދެނީ. ދެން އޭނާއަށް ކުޑަ ކަޓެއް ލާފައި ނުވަތަ މަހަކު ވަކި ވަރެއް ދީގެން ބިދޭސީން އެ މީހުން އަތުން މި ނަގަނީ ހިންގަން. މިއީ މައްސަލައަކީ. މިހާރުވެސް ދެތިން ފަހަރަކު އިމިގްރޭޝަނުން އައިސް މިތަން (ޓޭކްއަވޭތަނެއް) ބަންދުކޮށްފި. ދުވަސްކޮޅެއްވާއިރަށް އަނެއްކާ އައިސް ހުޅުވާނެ. ތިބޭނީ އޭރު ތިބި މުވައްޒަފުންނެއް ނޫން. ނޭޕާލުން ނުވަތަ އިންޑިއާއިން ދޮން ކުއްޖަކު ގެނެސް ބަހައްޓާނެ" މާލޭގައި މިހާރުވެސް ކެފޭއެއް ހިނަގަމުން އަންނަ އައްޑު އަތޮޅު ހުޅުދޫއަށް ނިސްބަތްވާ މީހަކު "ވަން" އަށް ބުންޏެވެ.
މިފަދަ ވިޔަފާރިތައް ހިންގުމުގައި ބިދޭސީންނާއި ދިވެހިން ގުޅިގެން ބޭނުންކުރަނީ ގާނޫނީ ނިޒާމުގައި ހުރި ބާގަނޑުތަކެވެ. ގިނަ ފަހަރަށް ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރުމަށްޓަކައި ދިވެހި މީހާގެ ފަރާތުން ބިދޭސީ މީހާއަށް ޕަވާ އޮފް އެޓާނީ ދީފައި އޮވެއެވެ. މީގެ އިތުރުން، ބޭންކު އެކައުންޓުތައް ހިންގުމުގެ ހުއްދަވެސް ބިދޭސީ މީހާއަށް ދީފައި އޮންނައިރު، ވިޔަފާރީގެ އަސްލު ވެރިފަރާތަކީ ކޮބައިކަން ދެނެގަތުމަށް ގާނޫނީ ގޮތުން ކަމާބެހޭ ފަރާތްތަކަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވެއެވެ. ކަރުދާހުގައި ހުރިހާ ކަމެއް ގާނޫނާ އެއްގޮތަށް ފެންނަން އޮތް ނަމަވެސް، ހަގީގަތަކީ އެ ވިޔަފާރިއަކީ މުޅިން ބިދޭސީ މީހާގެ މިލްކެއް ކަމެވެ. މިފަދަ އެއްބަސްވުންތައް ހެދުމުގައި ދިވެހި ގާނޫނީ ވަކީލުންގެ އެހީތެރިކަންވެސް ބިދޭސީންނަށް ލިބެމުންދާކަމީ ހިތާމަހުރި ކަމެކެވެ.
މި މައްސަލަ އެންމެ ބޮޑަށް ފެންނާން އޮތް އެއް ދާއިރާއަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ. މާލޭގެ މަގުތަކަށް ނަޒަރު ހިންގާލުމުން ކޮންމެ ގޯޅިއަކުންހެން ފެންނަން ހުންނަ ގިނަ ޓޭކްއަވޭ ކޮފީޝޮޕްތަކާއި ކުދި ކެފޭތަކާއި އަދި ރެސްޓޯރެންޓުތަކަކީ ސީދާ ބިދޭސީންގެ އިންވެސްޓްމަންޓުން ފަށައި އެމީހުންގެ ފުރިހަމަ ބާރުގެ ދަށުގައި ހިންގަމުންދާ ތަންތަނެވެ. ދިވެއްސެއްގެ ނަމުގައި ކެފޭގެ ހުއްދަ ނަގައި، އިމާރާތުގެ ކުލި ދައްކައި، މުދާ ގަނެ، ކާތަކެތި ތައްޔާރުކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއް ކޮންޓްރޯލް ކުރަނީ ބިދޭސީ ނެޓްވޯކްތަކުންނެވެ. މިފަދަ ތަންތަނުން ލިބޭ ބޮޑު ފައިދާ ސީދާ ގޮސް ވަންނަނީ އެ ބިދޭސީ މީހާގެ ޖީބަށެވެ. މީގެ ސަބަބުން، ހަގީގީ މާނައިގައި ވިޔަފާރިއެއް ފަށައިގެން ކުރިއަށްދާން ބޭނުންވާ ދިވެހި ޒުވާނުންނަށާއި އަމިއްލަ ކުދި ވިޔަފާރިވެރިންނަށް މި ދާއިރާގައި ވާދަކުރުމުގެ ފުރުސަތު ވަނީ އެއްކޮށް ބަންދުވެފައެވެ. ބިދޭސީން އެމީހުންގެ އަމިއްލަ ގައުމުގެ މީހުން ނުހަނު ކުޑަ މުސާރައަކަށް ގެނެސްގެން ލައްވާ މަސައްކަތުގެ ސަބަބުން، ހިދުމަތުގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓި، ދިވެހިންނަށް އެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ނާދިރު ކަމަކަށް ވަނީ ވެފައެވެ. ކޮފީ ތައްޔާރުކުރުމާއި ހެދިކާ ފަދަ އާންމު ކާބޯތަކެތި އުފެއްދުމުގެ މުޅި ސަޕްލައި ޗެއިން އެކީއެކައްޗަކަށް އޮތީ ބިދޭސީންގެ އަތްމަތީގައެވެ.
މީގެ އިތުރުން، ބޯކޮށާ ތަންތަނާއި ކަންމަތީ ފިހާރަތަކަކީވެސް ބިދޭސީން ކޮންޓްރޯލް ނަގަމުންދާ މައިގަނޑު ދެ ދާއިރާއެވެ. މާލޭގައި ހިންގާ ގާތްގަނޑަކަށް ސައްތައިން ސައްތަ ބޯކޮށާ ތަންތަނަކީ ބިދޭސީން ހިންގާ ތަންތަނެވެ. އެތަންތަނުގެ ވެރިންނަށް ތިބޭ ދިވެހިންނަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ނަންތަކެކެވެ. ހަމަ އެފަދައިން، ކޮންމެ މަގަކާއި ގޯޅިއެއްގައި ހުންނަ ކަންމަތީ ފިހާރަތައް ވެސް މިއަދު ހިންގަނީ ބިދޭސީންނެވެ. ކުރީން ދިވެހި އާއިލާތަކުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ހިންގަމުން އައި މިފަދަ ފިހާރަތައް، މިއަދު ވަނީ ބިދޭސީ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. މި ފިހާރަތަކަށް މުދާ ސަޕްލައި ކުރުމާއި ހޯލްސޭލްކޮށް މުދާ އެތެރެކުރުމުގެ ބޮޑު ނެޓްވޯކެއްވެސް ބިދޭސީންގެ ތެރޭގައި އުފެދިފައިވާއިރު، މިއީ ރާއްޖޭގެ ރީޓެއިލް ސިނާއަތް މުޅިން އެހެން ބައެއްގެ އަތްދަށަށް ގޮސްފައިވާކަމުގެ ސާފު ހެއްކެކެވެ. މީގެ ނަތީޖާއަކީ، ދިވެހި ފަރުދުންނަށް ލިބެންޖެހޭ އިގުތިސާދީ މަންފާ ބޭރުވެ، ގައުމުގެ އެތެރޭގައި ދައުރުވާން ޖެހޭ ފައިސާ ބޮޑެތި އަދަދުތަކުން ރާއްޖެއިން ބޭރަށް ދިއުމެވެ. މި ފިހާރަތަކުން މުދަލުގެ އަގު ކަނޑައެޅުމުގައިވެސް ބިދޭސީން އެކަކު އަނެކަކާ ގުޅިގެން ކާޓެލްތަކެއް އުފައްދައި، ބާޒާރުގެ އަގުތައް ދަނީ ކޮންޓްރޯލް ކުރަމުންނެވެ.
މިފަދަ ވިޔަފާރިތަކުގެ އިތުރުން، ދިވެހިންގެ ދިރިއުޅުމާ އެންމެ ގާތުން ގުޅިފައިވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ހާލަތު އޮތީވެސް ހަމަ މިފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. ދިވެހި ދަނޑުވެރިން ހައްދާ ތަކެއްޗާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެންނަ އުފެއްދުންތައް ވިއްކުމަށް ދިވެހިންނަށް ހާއްސަކޮށްގެން ހަދާފައިވާ މި މާރުކޭޓުތަކުގެ ގޮޅިތައްވެސް ހިންގަނީ ބިދޭސީންނެވެ.
"މިތަނުގައި ބިދޭސީން ހިންގާ 14 ވަރަކަށް ގޮޅި އެބަހުރި. ދިވެއްސަކު ލައިގެން އޭނާއަށް މުސާރަ ދީގެން. މިއީ މަނާ ކަމެއް. އެކަމަކު އެކަން ބަލަނީ ކާކު. ދިވެއްސަކަށް ގޮޅި މި ދޫކުރަނީ. ދެން އެ މީހާ ބިދޭސީއަކަށް ބޮޑު އަގުގައި މި ދޫކުރަނީ. އަހަރެމެން މިހާރު އެއްޗެހި ވިއްކަންވެސް މި ޖެހެނީ ބިދޭސީންނަށް. އެންމެ ގިނައިން އެއްޗެހި ގެންނަނީ ތޮއްޑޫން. މިހާރު ބިދޭސީންގެ އުނދަގުލާ ހެދި އެއްޗެތި ލިބުންވެސް ދަތި" ދަތުރުވެރިންގެ މާރުކޭޓުގައި އުޅޭތާ 15 ވަރަކަށް އަހަރުވެފައިވާ ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން މާރުކޭޓުތަކަކީ ދިވެހި އުފެއްދުންތެރިންނާއި ދަނޑުވެރިންގެ ދިރުން ހުރި މާހައުލަކަށް ވީނަމަވެސް، މިއަދު އެތަންތަން ސިފަވަނީ ބޭރު ގައުމެއްގެ މާރުކޭޓެއްގެ ގޮތުގައެވެ. ދިވެހި މީހާ ގޮޅި ކުއްޔަށް ނެގުމަށްފަހު، އެތައް ގުނައެއް ބޮޑުކޮށް ބިދޭސީ މީހާއަށް ކުއްޔަށް ދެނީއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ރަށްރަށުން ގަނެގެން ގެނައުމާއި، މާލޭގައި އެތަކެތި ވިއްކުމުގެ އަގު ކަނޑައެޅުމުގެ ފުރިހަމަ ބާރު މިއަދު އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ދިވެހި ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކަށް ހަމަ އަގު ނުލިބި، މާރުކޭޓުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދަނީ، މި ބިދޭސީ މެދުވެރިން އަމިއްލައަށް އަގުތައް ކޮންޓްރޯލް ކުރާތީއެވެ. މިއީ ގައުމުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ހުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
އިގްތިސާދުގައި ބޮޑު ރެނދެއް!
ބިދޭސީންގެ އަތްމައްޗަށް އިގުތިސާދުގެ ބޮޑު ބައެއް ދިއުމުގެ އެންމެ ހިތާމަވެރި އެއް ނަތީޖާއަކީ ގައުމުން ބޭރުވާ ފައިސާ ނުވަތަ ރެމިޓެންސްގެ އަދަދު އިންތިހާއަށް އިތުރުވުމެވެ. ޕްރޮކްސީ ވިޔަފާރިތަކުން ހޯދާ ބޮޑެތި އާމްދަނީތައް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވުމުގެ ބަދަލުގައި، ކަޅު ބާޒާރު މެދުވެރިކޮށް ޑޮލަރަށް ބަދަލުކުރެވި ގައުމުން ބޭރަށް ދަނީ ފޮނުވަމުންނެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިންތިހާއަށް ބާރުބޮޑުވެ، ޑޮލަރުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި އިގުތިސާދަށް ކުރެއެވެ. ވިޔަފާރީގެ ފައިދާ ގައުމުގެ އެތެރޭގައި އިންވެސްޓް ނުކުރެވި، ބޭރަށް ދިއުމަކީ ދިގު މުއްދަތެއްގައި ރާއްޖެ ފަދަ ކުޑަ އިގުތިސާދެއް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމެކެވެ. ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާއަށްވެސް މަކަރުހަދައި، ރިޕޯޓުނުކޮށް ހިންގާ މިފަދަ ވިޔަފާރިތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މި މައްސަލައިގެ ސަބަބުން ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައްވެސް އިންތިހާއަށް ބޮޑެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ކޮންމެ ގައުމެއްގައިވެސް ޒުވާނުން އިގުތިސާދީ މައިދާނަށް ނުކުތުމަށް ބޭނުންކުރާ އެންމެ ފުރަތަމަ ހަރުފަތެވެ. ނަމަވެސް، ރާއްޖޭގައި މި ހަރުފަތް މުޅިން ކަހަލަ ގޮތަކަށް ވަނީ ބިދޭސީންގެ ބާރުގެ ދަށަށް ގޮސްފައެވެ. އަމިއްލަ މަސައްކަތުން ކެފޭއެއް ނުވަތަ ފިހާރައެއް ހުޅުވައިގެން ކުރިއަށްދާން މަސައްކަތްކުރާ ދިވެހި ޒުވާނާއަށް، ބިދޭސީންގެ ކަޅު ފައިސާއާއި ގަވައިދާ ހިލާފު ނެޓްވޯކްތަކާ ވާދަކުރުމަކީ މުސްތަހީލު ކަމަކަށް ވަނީ ވެފައެވެ. ބިދޭސީން އެމީހުންގެ ވިޔަފާރިތަކުގައި ބިދޭސީން ގެންގުޅޭތީ އާއި، މުދާ ހޯދުމުގައި ބިދޭސީންގެ ނެޓްވޯކްތައް ބޭނުންކުރާތީ، ދިވެހި ވިޔަފާރިވެރިންނަށް އެމީހުން ދޭ ހިދުމަތުގެ އަގާ އެއްވަރަކަށް އަގުތައް ތިރިއެއް ނުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ދިވެހި ވިޔަފާރިތައް ބަނގުރޫޓުވެ، ދިވެހި ޒުވާނުން މާޔޫސްކަމުގެ ތެރެއަށް ވެއްޓިގެން ދެއެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން، ދިވެހިންނަށް ނޭނގި ނަމަވެސް، މުޅި މުޖުތަމައު މިވަނީ ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައެވެ. ދިވެހިންގެ އަމިއްލަ ގައުމުގައި، ދިވެހިންގެ އަމިއްލަ އިގުތިސާދުގެ ތެރޭގައި، އެހެން ބައެއްގެ އަތްދަށުގައި އުޅެން ޖެހުމަކީ މިއަދު ފެންނަން އޮތް އެންމެ ހިތާމަވެރި ހަގީގަތެވެ. ކޮންމެ ދުވަހެއްގެ ފަތިހު ހޭލައިގެން ސައިބޯން ދާ ކެފޭއިން ފެށިގެން، ގޭތެރެއަށް ބޭނުންވާ ސާމާނު ގަންނަ ކަންމަތީ ފިހާރައާއި، މާރުކޭޓުން ގަންނަ ތަރުކާރީއާއި މޭވާއާ ހަމައަށް، ދިވެހިން މުއާމަލާތް ކުރަން މިޖެހެނީ ބިދޭސީ ވިޔަފާރިވެރިންނާއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ މިނިވަންކަން ގެއްލި، ބިދޭސީންގެ ނުފޫޒު މުޖުތަމައުގެ އެންމެ ފުންމިނަށް ވަނީ ވަދެފައެވެ. ވަޒީފާގެ ބާޒާރުގައިވެސް ދިވެހިންނަށް ފުރުސަތު ހަނިވެ، އަމިއްލަ ވަޒަނުގައި ބީރައްޓެހިންގެ ގޮތުގައި އިހުސާސްކުރަންޖެހޭ ހިސާބަށް ކަންކަން ވަނީ ގޯސްވެފައެވެ. މިއީ ހަމައެކަނި އިގުތިސާދީ މައްސަލައެއް ނޫނެވެ. މިއީ ދިވެހިންގެ ސަގާފަތާއި މިނިވަންކަމާއި އިޖުތިމާއީ ފޭރާމަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެކެވެ. މުޖުތަމައުގެ ތެރޭގައި ބިދޭސީންގެ ބާރުވެރިކަން ގަދަވެ، ދިވެހިން އެމީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ.
ވަގު ވިޔަފާރީގެވެސް ނެޓްވޯކުތަކެއް
ވިޔަފާރިތަކުގެ ކޮންޓްރޯލް ބިދޭސީން ނެގުމުގެ އެންމެ ނުރައްކާތެރި އަނެއް ނަތީޖާއަކީ، މީގެ ސަބަބުން ތަފާތު ވަގު ވިޔަފާރިތަކަށާއި ގަވައިދާ ހިލާފު އަމަލުތަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ހުޅުވިގެން ދިއުމެވެ. ދިވެއްސެއްގެ ނަމުގައި ހުންނަ ވިޔަފާރިއެއް ކަމަށް ވުމުން، ގިނަ ފަހަރަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ލޯމަތިން މިފަދަ ތަންތަން ފިލައިގެން ދިއުމަށް ފަސޭހަވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެކަށީގެންވާ ސާފުތާހިރުކަން ނެތި އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދިނުން ވަނީ އާންމުވެފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ފަދަ މުއައްސަސާތަކުގެ މިންގަނޑުތަކާ ހިލާފަށް، އެއްވެސް ސާފުތާހިރުކަމެއް ނެތް ތަންތަނުގައި ކާތަކެތި ތައްޔާރުކޮށް، ބާޒާރަށް ނެރެމުންދާ އެތައް ބަޔަކު އުޅެއެވެ. މިފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސިއްހީ ހާލަތު ނޭނގުމާއި ކާތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ އެތައް ހާދިސާއެއް ދަނީ ހިނގަމުންނެވެ. އަދި ހަމައެހެންމެ، އެއްވެސް ހުއްދައެއް ނުނަގައި، މުޅިން ސިއްރިޔާތުގައި ގޭބިސީތަކުގައި ހިންގާ ބިދޭސީންގެ ވަގު ވިޔަފާރިތައްވެސް ވަނީ އިތުރުވެފައެވެ. މިފަދަ ތަންތަނުން އުފައްދާ ކާބޯތަކެތި މާލޭގެ ބޮޑެތި ކެފޭތަކަށާއި ފިހާރަތަކަށް ސަޕްލައި ކުރަމުންދާއިރު، މިއީ މުޅި މުޖުތަމައުގެ ސިއްހަތާ ކުޅުން ފަދަ ކަމެކެވެ.
"އަދި އަހަރެމެން ހަނދާން ނުނެތޭދޯ ބުޅާ މަސް އަޅައިގެން ސޭންޑުވިޗާއި ޕަނީނީ ހަދައިގެން ބިދޭސީއަކު އަހަރެމެންނަށް ކާންދިން ހަނދާން. މީޑިއާތަކުން ގޮސް އެތަނުގެ ފޮޓޯއާ ވީޑިއޯވެސް ހުރި ނަގާފަ. އެ މީހާ ކާތަކެތި ތައްޔާރުކުރާ ތަނެކޭ ކުނިގޮނޑެކޭ ތަފާތެއް ނެތް" މި ރިޕޯޓަށް މައުލޫމާތު ދިން އާންމު މީހަކު ބުންޏެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީނަށް ނިވައިފަތްގަނޑެއް
މިފަދަ ވިޔަފާރިތަކުގެ ސަބަބުން ގައުމަށް ދިމާވެފައިވާ އަނެއް ބޮޑު މައްސަލައަކީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރާއްޖޭގައި ފަސޭހަކަމާއެކު އުޅެވޭނެ މަގު ތަނަވަސްވުމެވެ. ޕްރޮކްސީކޮށް ހިންގާ ވިޔަފާރިތަކުން ގިނަ ފަހަރަށް ވަޒީފާ ދެނީ ރާއްޖޭގައި އެއްވެސް ލިޔެކިޔުމެއް ނެތި، ފިލައިގެން އުޅޭ ބިދޭސީންނަށެވެ. އެމީހުންނަށް ކުޑަ މުސާރައެއް ދީގެން އެތަންތަނުގައި ގެންގުޅޭއިރު، އެއީ ދިވެހި ދައުލަތަށް އެއްވެސް ޓެކުހެއް ނުވަތަ ފީއެއް ދައްކާ ބައެއް ނޫނެވެ. މީގެ ސަބަބުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އާބާދީ ކޮންޓްރޯލް ނުކުރެވޭ މިންވަރަށް އިތުރުވެ، އެމީހުންނަށް ވަންހަނާވެ ތިބެވޭނެ ހާލިތަކެއް އުފެދެއެވެ. ވިޔަފާރިތައް ހިންގާ ބިދޭސީން އެމީހުންގެ ގައުމުން އިތުރު މީހުން ގެނެސް، ގަވައިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ބޮޑު ވިޔުގައެއް ހިންގަމުންދެއެވެ. މި ނެޓްވޯކްތަކުގެ ތެރެއިން މީހުން ގެނެސް، އެމީހުންގެ ޕާސްޕޯޓުތައް ހިފަހައްޓައި، ގަދަކަމުން މަސައްކަތް ކުރުވުމުގެ އަމަލުތައް ހިންގައެވެ.
މި ހުރިހާ ޖަރީމާއެއްގެ އެންމެ ފުނުގައި އޮތީ، ކޯޓާގެ ނަމުގައި ހިންގަމުންދާ ހިއުމަން ޓްރެފިކިންގެ ބޮޑު ވިޔުގައެވެ. ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އޮންނަ ގޮތުން، ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރެވެއެވެ. ނަމަވެސް، މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަސައްކަތެއް ނުކުރާ ކަރުދާސް ކުންފުނިތައް ހަދައި، އެތައް ސަތޭކަ ކޯޓާއެއް ހޯދުމަށްފަހު، އެ ކޯޓާތައް ބިދޭސީންނަށް ވިއްކާލުމުގެ ބޮޑު ވިޔަފާރިއެއް ދިވެހިންގެ ތެރެއިން ބަޔަކު ދަނީ ކުރަމުންނެވެ. ބޮޑު އަގު ދީފައި ރާއްޖެއަށް އެތެރެވާ ބިދޭސީ މީހާ، އޭނާގެ ދަރަނި އަދާކުރުމަށްޓަކައި މަގުމަތިވެ، އެންމެ ފަހުން ގޮސް ވަންނަނީ ކުރިން މި ދެންނެވި ބިދޭސީން ހިންގާ ވަގު ވިޔަފާރިތަކަށެވެ. މިއީ ސީދާ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ އަމަލުތަކެވެ. ކޯޓާގެ ނަމުގައި ރާއްޖެއަށް މީހުން އެތެރެކޮށް، އެމީހުން ލައްވާ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރުވައި، އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު، މިކަމުގައި ޝާމިލުވާ ދިވެހިންނާއި ބިދޭސީ އެޖެންޓުން ދަނީ މިލިއަނުން ފައިސާ ހޯދަމުންނެވެ. މިފަދަ ނެޓްވޯކްތައް ހިންގާ ފަރާތްތަކުން ގައުމުގެ ގާނޫނީ ނިޒާމުގެ ބާގަނޑުތަކުގެ ބޭނުން ހިފައި، މުޅި މުޖުތަމައު ނުރައްކަލުގެ ތެރެއަށް ވަނީ ވައްޓާލާފައެވެ.
މި މައްސަލައިގެ ސީރިއަސްކަން ބޮޑުވެ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފަހަކަށް އައިސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ގައުމީ ޓާސްކްފޯސް މެދުވެރިކޮށް، ދިވެހި ފުލުހުންނާއި، މޯލްޑިވްސް އިމިގްރޭޝަނާއި އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އަހަރުގެ ކުރީކޮޅާއި ހަމައަށް އައިއިރުވެސް، ބިދޭސީންނަށް ނުކުރެވޭ ގޮތަށް ގާނޫނުން ކަނޑައަޅާފައިވާ ދާއިރާތަކުގައި ވިޔަފާރިކުރާ ގިނަ ތަންތަން ބަންދުކުރުމާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަހުން އަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން، ތިރީހަށްވުރެ ގިނަ ދާއިރާތައް މުޅިން ދިވެހިންނަށް ހާއްސަކުރެވި، އެ ދާއިރާތަކަށް ބިދޭސީންނަށް ނުވަދެވޭނެ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން އެތައް ސަތޭކަ ބިދޭސީންނެއް އަތުލައިގަނެ، ގިނަ އަދަދެއްގެ ވަގު ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނެތި ހިންގަމުން ދިޔަ ގިނަ ކެފޭތަކާއި ފިހާރަތައް ހިމެނެއެވެ.
މިއީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތުން އެކަނި ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ކަށަވަރެވެ. މި ގައުމީ ބޮޑު މައްސަލަ މުލުން ލުއްސާލުމަށްޓަކައި، ގާނޫނީ ފިޔަވަޅުތަކުގެ އިތުރުން ދިވެހި މުޖުތަމައުގެ ވިސްނުމާއި ފިކުރަށްވެސް ބޮޑު ބަދަލެއް އަންނަން ޖެހެއެވެ. ކުޑަ މަންފާއަކަށްޓަކައި އަމިއްލަ ނަމާއި، އަމިއްލަ ގައުމުގެ އިގުތިސާދު ބިދޭސީންނަށް ވިއްކާލުމަކީ، އޭގެ ނޭދެވޭ އަސަރު އަންނަން އޮތް އެތައް ޖީލަކަށް ފޯރާނެ ކަމެކެވެ. ދިވެހިންގެ އަތްމަތިން ވިޔަފާރިތައް ބީވެ، ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ގައުމު ދިއުމަކީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ.
އެހެންކަމުން، ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ކޯޓާ ވިއްކުމާއި ޕްރޮކްސީ ވިޔަފާރިތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމާއެކު، ދިވެހި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ މިއަދު ދިވެހި ދައުލަތުންނާއި ރައްޔިތުން ގުޅިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. ގައުމުގެ އިގުތިސާދުގެ މިނިވަންކަން ކަށަވަރުކުރެވޭނީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމުގެ މުއްސަނދިކަން އަމިއްލަ އަތްމަތީގައި ބޭއްވުމުގެ އަޒުމް ދިވެހިން އާލާކޮށް، ބިދޭސީންގެ ނުފޫޒުން މިންޖުވެގެންނެވެ.
އަލީ ޔާމިން
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ކޮމެންޓް