އެމެރިކާ ސިފައިން މެދުނުކެނޑި ކޮންމެ ރެޔަކުވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާތާ ދެ ހަފުތާވީ ފަހުން ކުއްލިއަކަށް ރައީސް ޓްރަމްޕު ވަނީ ހަމަލާތަކަށް ވަގުތީ މެދުކެނޑުމެއް ގެނެސްފައެވެ. އެގޮތަށް ހިމޭންކަން ދެމިއޮތީ ފަސް ދުވަހަށެވެ. އަނެެއްކާވެސް ހަމަލަތައް ވަނީ އަލުން ފަށައިފައެވެ. މިފަހަރު ކުރިއަށްވުރެވެސް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ގައުމުތަކަށް މި ހަނގުރާމަ މިހާރު ވަނީ ފުޅާވެގެން ގޮސްފައެވެ. އެތަނުން އެއްގައުމަކީ މިސްރެވެ. މިސްރަކީ ގަލްފުގައި އޮންނަ ގައުމެއް ނޫނެވެ. މާދުރުން ރަތްކަނޑުގައި އޮންނަ ގައުމެކެވެ. އެއްފަރާތުގައި ރަތްކަނޑެވެ. އަނެއްފަރާތުގައި މެޑިޓެރޭނިއަން ކަނޑެވެ. މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ މިސްރުގެ ސަހަރެއް ކަމުގައިވާ ދިމްޔާތުގެ ބަނދަރުގައި އޮތް އެމެރިކާގެ ގޭސް ޓޭންކަރަކަށް މިހަފުތާގެ ބުދަދުވަހު ޑްރޯން ހަމަލައެއް ވަނީ އަމާޒުވެފައެވެ. ކޮންބަޔަކު ކޮންތާކުން ފޮނުވައިލި ހަމަލައެއްކަން އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ.

މިހާތަނަށް އެނގިފައިވާ މިންވަރަކީ މި ހަމަލަޔާ ގުޅިގެން ގޭސް ޓޭންކަރުގައި ރޯވެ އެނދިކަމާއި އެ އަލިފާންގަނޑު އެހެން ޓޭންކަރަކަށްވެސް ފޯރައި އެ އުޅަނދުވެސް ހަލާކުވެފައިވާ ކަމެވެ. ނަތީޖާއެއްގެ ގޮތުން ދިމްޔާތު ބަނދަރުގެ ގޭސް ޓާރމިނަލްގެ އޮޕަރޭޝަން ހުއްޓުނުކަމެވެ. ދިމްޔާތަކީ މިސްރުގެ ތެރެއިން ނީލަކޯރު ދެކަފިވެގެން މެޑިޓެރޭނިއަން ކަނޑަށް ދެމިގެންދާއިރު އޭގެތެރެއިން އިރުމަތީ ކަފި ނިމުނުތާ އޮންނަ ބަނދަރެކެވެ. ދިމްޔާތު ހިމެނެނީ ދިޔާގޭސް ނުވަތަ އެލްއެންޖީ އެތެރެކުރުމާއި ބޭރުކުރުމުގައި މިސްރުގެ އެންމެ މުހިންމު ބަނދަރު ކަމުގައެވެ. އެ ބަނދަރުގައި ހަމަލަދީ ހަލާކުކޮށްލެވުނީ އެމެރިކާގެ ޓޭންކަރެކެވެ. އެހެންވީމާ މިއީ އެކްސިޑެންޓެއް ކަމަށް ނުބެލެވެއެވެ. މިއީ ބަޔަކު ގަސްތުގައި ދީފައިވާ ހަމަލައެކެވެ. ދިމްޔާތަށް މި ހަމަލަދިނީ އެމެރިކާއިން އީރާނާ ދެކޮޅު ހަމަލާތައް އަލުން ފެށިދުވަހުއެވެ. އެހެންވީމާ ވަގުތާއި ހާލަތާއި އަމާޒުވިތަނާއި ގެއްލުންތަކަށް ވިސްނާއިރު މިހާރު ހިނގަމުންއެދާ ހަނގުރާމަޔާއި މި ހަމަލަ ގުޅުވައިލެވެއެވެ.

ދިމްޔާތު އޮންނަނީ އީރާނުގެ ބޯޑަރުން ފެށިގެން ގާތްގަނޑަކަށް ސޯޅަސަތޭކަ ކިލޯމީޓަރު ދުރުގައެވެ. އެހިސާބަށް ފޮނުވައިލެވޭ ރާސްތާއެއް ލިބިގެންވާ ޑްރޯން އީރާނުގައި އެބަހުއްޓެވެ. އެކަންވަނީ ކަށަވަރުވެސް ކުރެވިފައެވެ. އެކަން ކަށަވަރުވަނީ ހަނގުރާމައިގެ ކުރީކޮޅު ސައިޕްރަސްގައިވާ އިނގިރޭސި ސިފައިންގެ މަރުކަޒަކަށް އަމާޒުކޮށް މާޗް އެއްވަނަ ދުވަހު އީރާނުން ޑްރޯން ހަމަލާތަކެއް ދީފައިވާތީއެވެ. އެއީވެސް އީރާނުގެ ބޯޑަރުން ފެށިގެން ގާތްގަނޑަކަށް ސޯޅަސަތޭކަ ކިލޯމީޓަރުގެ ދުރުގައިވާ އަމާޒެކެވެ. ކޮންމެއަކަސް މިސްރުގެ ދިމްޔާތަށް އަމާޒުވި ޑްރޯން ހަމަލައިގެ ޒިންމާ އެއްވެސް ބަޔަކު މިހާތަނަށް އުފުލައިފައެއް ނުވެއެވެ. އީރާނަކުންވެސް މިއީ އެމީހުންގެ ކަމެކޭ ނުބުނެއެވެ. ލުބުނާނާއި އިރާގާއި ޔަމަނުގައި އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުންވެސް މިހަމަލައިގެ ޒިންމާ އުފުލައިފައެއް ނުވެއެވެ. މިސްރުގެ އަސްކަރިއްޔާއިން މިހާރު އަންނަނީ ހަމަލަ އައިތަނާއި ބޭނުންކުރި ޑްރޯނުގެ ބާވަތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މިދެންނެވި ތަހުގީގު ނިމުނީމާ އެކަށީގެންވާ ރައްދެއް ދޭނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ. މިސްރަކީ އާދައިގެ ގައުމެއް ނޫނެވެ. އެއީ އަރަބި ދުނިޔޭގައިވާ އަސްކަރީ އެންމެ ބޮޑުބާރެވެ. ސިފައިންގެ އަދަދާއި ހަތިޔާރުންނެވެ. އެހެންވީމާ ދިމްޔާތުގެ ހަމަލަޔަކީ ކޮންބަޔަކު ކޮންތާކުން ފޮނުވައިލި ހަމަލައެއްކަން ޔަގީންވީމާ މިސްރުން އެބަޔަކަށް އަސްކަރީ ރައްދެއް ދޭނެއެވެ. އެކަން ކަށަވަރެވެ. ހަމަލަ އައީ އީރާނުން ކަމަށް ގަބޫލު ކުރެވިއްޖެނަމަ އީރާނާ ދެކޮޅަށެވެ. ހަމަލަ އައީ އީރާނުގެ މަދަދު ލިބޭ ޖަމާއަތެއްގެ މަރުކަޒަކުން ކަމަށް ފެނިއްޖެނަމަ އެ ޖަމާއަތެއްގެ މަރުކަޒުތައް ހުރި ތަނަކަށެވެ. އިރާގުގައި ހަރަކާތްތެރިވާ އައްޝައުބީ ޖަމާއަތުގެ މަރުކަޒުތަކަށް މިހަފުތާގައި ސައޫދީ އަރަބިޔާއިންވެސް ހަމަލަދިން ބީދައިންނެވެ. އިރާގުގައި ހަރަކާތްތެރިވާ އައްޝައުބީ ޖަމާއަތުގެ މަރުކަޒުތަކަށް އެމެރިކާޔާ ގުޅިގެން ސައޫދީ ވައިގެ ސިފައިންވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިރާގުގެ ކަންކޮޅުތަކުގައިވާ ދިހަބާރަ ތަނަކަށެވެ.

ހަމަލަ އަމާޒުކުރި ތަންތަނުގެ ތެރޭގައި އީރާނުގެ އިންގިލާބީ ގާޑުންގެ މުޝީރުން ތިބޭ ތަންތަންވެސް ހިމެނެއެވެ. މި ހަމަލާތަކުގައި ތިރީހަކަށް މީހުން ވަނީ މަރުވެފައެވެ. އީރާނުގެ އިންގިލާބީ ގާޑުންވެސް ހިމެނޭ ގޮތުންނެވެ. މިއީ ސައޫދީ އަރަބިޔާގެ އިރުމަތީ ބިތުގައިވާ ތެޔޮ ކާރުޚާނާތަކަށް ޝައުބީ ޖަމާއަތުން ފޮނުވައިލި ރޮކެޓާއި މިސައިލް ހަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން ސައޫދީން ހިންގި އަސްކަރީ އޮޕަރޭޝަނެކެވެ. އައްޝައުބީއަށް ބައިނަލްއަގުވާމީ މީޑިއާއިން ކިޔާނަމަކީ ޕީއެމްއެފް އެވެ. އެއީ އިރާގުގެ ރަސްމީ ލަޝްކަރުގެ ތެރޭގައި ހިމެނޭ ވަކި ފައުޖެކެވެ. މުސާރަޔާއި ހަތިޔާރު ދެނީ އިރާގުގެ ސަރުކާރުންނެވެ. އެހެންވީމާ ސައޫދީ އަރަބިޔާ އާއި އެމެރިކާ ގުޅިގެން ހަމަލަދީފައި އެވަނީ ސީދާ އިރާގުގެ ސިފައިންގެ މަގާމުތަކަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މި ހަނގުރާމައިގެ ތެރެއަށް އިރާގު ރަސްމީކޮށް ވަނުމަށް މަގުފަހިވީ ކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތެވެ.

އެމެރިކާޔާއި އީރާނުގެ ހަނގުރާމަ ފުޅާކޮށް އިތުރު ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވައްދަން ބޭނުންވާ ބަޔަކު އެބައުޅެއެވެ. އެމެރިކާޔާއި އިޒްރޭލަކީ އެގޮތް ބޭނުންވެގެން އުޅޭ ގައުމުތަކެވެ. އެމެރިކާއިން އެދިގެން ޔުކްރޭނު ވަނީ މިހާރުވެސް ހަގުރާމައިގެ ތެރެއަށް ވަދެފައެވެ. ޖުލައި ފަންސަވީސްވަނަ ދުވަހު ޔުކްރޭނުން ވަނީ ކެސްޕިއަން ކަނޑުގައި އީރާނުގެ އާގުބޯޓަކަށް ހަމަލަދީފައެވެ. މިކަމުގެ ބަދަލު ހިފާނޭކަމަށް އީރާނުން ވަނީ ވައުދުވެފައެވެ. އެމިރޭޓްސް އާއި ސައޫދީއަރަބިޔާ އަދި އޮމާން މި ހަނގުރާމައިގެ ތެރެއަށް ވެއްދުމުގެ ގޮތުން އީރާނުގެ ބޮލުގައި އެޅޭގޮތަށް އިޒްރޭލުން އެގައުމުތަކުގެ ބައެއް ތަންތަނަށް ހަމަލަދިން ކަމުގެ ވާހަކަޔަކީވެސް ގަދަޔަށް ދެކެވޭ ވާހަކައެކެވެ. އެހެންވީމާ މިސްރުގެ ދިމްޔާތަށް އަމާޒުވި ޑްރޯން ހަމަލަޔަކީވެސް އީރާނުގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައި އީރާނާ ދެކޮޅަށް މިސްރު ނެރުމުގެ މަގުސަދުގައި އިޒްރޭލާއި އެމެރިކާއިން ކުރިކަމަކަށް ނުވާނެބާވައެވެ. އެހެންވެސް ވެދާނެއެވެ. ނޫނެކޭ ބުނަން ދައްޗެވެ.