ޚަބަރު

އާގިލުގެ މަރު: ފައިސާ ނުދޭތީ ހަމްދޫނާއި މިޖުވާދުގެ ވަކީލު މައްސަލައިން ތަނާޒުލްވެެއްޖެ

އަލީ ޔާމިން

އޮގަސްޓު 31، 2018 ގައި ވަޅިން ހަމަލާދީ މަރާލި އިބްރާހީމް އާގިލުގެ މަރުގެ މައްސަލައިގައި ދަައުލަތުން ދައުވާ އުފުލާފައިވާ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެއްޖެއެވެ.

އާގިލުގެ މަރުގެ މައްސަލައިގައި ހަމްދޫނާއި މިޖުވާދުގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެކަމަށް އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ހަމްދޫނާއި މިޖުވާދުގެ ވަކީލް މުހައްމަދު ރާގިބް އަހުމަދު އެ މައްސަލައިން ތަނާޒުލްވިކަން އަންގައި ރޭގެ ވަގުތެއްގައި ސިޓީ ފޮނުވާފައިވާ ކަމަށެވެ. ވަކީލް ރާގިބް އެ މައްސަލައިން ތަނާޒުލްވީ، މިޖުވާދުގެ ފަރާތުން އޭނާއާއެކު ވެފައިވާ ފައިސާގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ހަމްދޫނާއި މިޖުވާދުގެ ވަކީލް އެ މައްސަލައިން ތަނާޒުލްވުމުން، އެމީހުންގެ އަޑުއެހުންތައް ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާއެކުގައިތޯ ނުވަތަ ނޫންތޯ ގާޒީ އާދަމް ސާފުކުރެއްވުމުން ދެ މީހުންވެސް ވަނީ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބުނެފައެވެ. އަދި އަމިއްލައަށް ދިހަ ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސާނެ ކަމަށްވެސް އެމީހުން ބުންޏެވެ.

ވަކީލަކާއެކުގައި މައްސަލަ ކުރިއަށްގެންދިއުމާ މެދު، ދައުލަތުގެ ވަކީލުގެ ބަހެއްވެސް ހޯދުމަށްފަހު ދިހަ ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ހަމްދޫނާއި މިޖުވާދަށް ވަކީލު އެންގެވިއެވެ. އަދި އެ މުއްދަތުގައި ވަކީލަކު އައްޔަނު ނުކުރެވިއްޖެ ނަމަވެސް މައްސަލަ ކުރިއަށްގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.