އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ކްލަބު ވެލެންސިއާވެސް ޖާގަ ހޯދައިފިއެވެ.

ވެލެންސިއާއިން ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީންކުރީ ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި 1-0 އިން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ފުރަތަމަ މެޗުން ވެލެންސިއާ ވަނީ 10-1 އިން ދަ ގްރާންޑޭ ބަލިކޮށްފައެވެ. އެ ގްރޫޕްގެ ދެވަނަ މެޗުންވެސް ވެލެންސިއާ މޮޅުވި އިރު، ގްރޫޕްގެ ފަހު މެޗުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރުއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދެވޭނެއެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ވެލެންސިއާ ނުރައްކާތެރިކޮށް ފެނުނު އިރު، އެޓީމުން މެޗު ކާމިޔާބުކުރި ގޯލު، ފަހު ހާފުގައި ޖެހީ އަހުމަދު ހަމްދާން އަޒްލީނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ހަމްދާން އެ ގޯލު ޖެހީ އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ވެލެންސިއާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުންވެސް ވަނީ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީން ޖާގައެއް ޔަގީން ކޮށްފައެވެ. އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު އެނގޭނީ އެ ގްރޫޕުގެ ފަހު ދެ މެޗަށް ފަހުއެވެ. ގްރޫޕް އޭގެ ފަހު ދެ މެޗު ކުޅޭނީ މާދަމާއެވެ. މާދަމާ ހަވީރު ޓީސީ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް (ސަސް) އާއެވެ.