ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން ފްރާންސުން ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުންވެސް އެއްވަރުވެއްޖެއެވެ.
މިއަހަރުގެ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގުރޫޕް އެކެއްގައި ރޭ ކްރޮއޭޝިއާއާ ދެކޮޅަށް އެގައުމުގައި ފްރާންސުން ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ފްރާންސުން ނޭޝަންސް ލީގުގައި ކުޅެފައިވާ ދެ މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ރޭގެ މެޗުން ލިބުނު ޕޮއިންޓެވެ. އޭގެ ކުރިން އެޓީމުން ކުޅުނު މެޗުގައި ޑެންމާކު އަތުންވީ ބައްޔެވެ.
އެ ގުރޫޕުގައި ރޭ ވަނީ ޑެންމާކާއި އޮސްޓްރިއާވެސް ވާދަކޮށްފައެވެ. އޮސްޓްރިއާގައި މެޗު ކުޅުނު އިރު، ސްޓޭޑިއަމްގެ ކަރަންޓް މައްސަލައެއް ދިމާވެ، މެޗު ފެށުމަށް 90 މިނެޓުގެ ލަސްކަމަށް އައިސްފައިވެއެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ޑެންމާކެވެ.
ރޭގެ މެޗަށް ފްރާންސް ނުކުތީ ބޮޑެތި ބަދަލުތަކެއް ފުރަތަމަ 11 އަށް ގެނެސްގެންނެވެ. ޑެންމާކާ ދެކޮޅަށް ނެރުނު 11 އަށް 10 ބަދަލު ގެނެސް ރޭ ފްރާންސުން މެޗަށް ނުކުތީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމަށެވެ. ޑިޑިއޭ ޑިޝޯމްޕް ނެރުނު ފުރަތަމަ 11ގައި ކަރިމް ބެންޒެމާއާއި ކިލިއަން އެމްބާޕޭ އަދި އެންގޯލޯ ކާންޓޭއާއި ގޯލްކީޕަރު ހޫގޯ ލޮރެސް ފަދަ ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކުން އެކަށޭނެ ހަމަލާތަކެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ވިސާމް ބެން ޔެޑާގެ ބޯޅައިން އެޑްރިއަން ރެބިިއޮޓް ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ފްރާންސުން ތިން ޕޮއިންޓަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް 83 ވަނަ މިނެޓުގައި އަންދްރޭޖް ކްރެމަރިޗް ޖެހި ޕެނަލްޓީން ކްރޮއޭޝިއާ ނަތީޖާ ހަމަހަމަކުރިއެވެ.
ރޭގެ މެޗު ވެގެން ގޮސްފައިވަނީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗަށް ހާއްސަ މެޗަކަށެވެ. އެ މެޗަކީ މޮޑްރިޗް ގައުމީ ޓީމަށް ކުޅުނު 150 ވަނަ މެޗު ކަމަށްވުމާއެކު މެޗުގެ ކުރިން ވަނީ އެކަން ފާހަގަކޮށް، އޭނާއަށް ހާއްސަ ހަނދާނީ ޖާޒީއެއް އެރުވިއެވެ.