އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ވަނީ ދެ ގްރޫޕުގެ ދެ މެޗު ކުޅެފައެވެ. އިއްޔެ ހަވީރާއި ރޭ ވެސް ކުޅެފައިވަނީ ހަތަރު ޓީމުން ވާދަކުރާ ގްރޫޕް އޭގެ ދެ މެޗެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3-1 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފުރަަތަމަ މޮޅު ހޯދި އިރު، ރޭ ކުޅުނު މެޗުގައި ޓީސީން ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އޭގައި ކުޅުނު ދެ މެޗުން މޮޅުވެ، ޓީސީ އޮތީ ހަ ޕޮއިންޓާއެކު އެއް ވަނައިގައެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ޔޫވީއެވެ. ތިންވަނައިގައި ދެ މެޗުން އެއް ޕޮއިންޓާއެކު ސަސް އޮތް އިރު، ފުލުގައި އޮތީ ދެ މެޗުން ބަލިވި މާޒިޔާއެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ޔޫވީއާއި މާޒިޔާ ވާދަކުރި މެޗުގެ 14 ވަނަ މިނެޓުގައި އަހުމަދު އަލްތަފް އަޒީމް ޔޫވީއަށް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓުގައި ނާޝިއު އަހުމަދު ޝިހާމް ވަނީ މާޒިޔާއަށް އެއްވަރު ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ދެވަނަ ފަހަރަށް ލީޑު ނެގީ އަހުމަދު އަޒުލާން އަލީ ޖެހި ގޯލުންނެވެ.

ޔޫވީން ދެވަނަ ހާފުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ފުރަތަމަ ގޯލު ޖެހި އަޒުލާނެވެ.

ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ސަސް އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސަސްގެ ގޯލު ޖެހީ ރަޒާން ހަސަނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ނަތީޖާ ހަމަހަމަކުރިއެވެ. ޕެނަލްޓީއަކުން އެ ގޯލު ޖެހީ މުހައްމަދު މާކިން އިބްރާހިމެވެ.

ޓީސީ މޮޅުވި ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔޫސުފް އާއިޝް މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އާއިޝްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ކްލަބު ވެލެންސިއާއެވެ. ވެެލެންސިއާ ވަނީ ތިން ޓީމު ހިމެނޭ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި 10-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.