މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ދ. މާއެނބޫދޫގައި އޮންނަ އީދު ޝޯގައި ބައިވެރިވުމަށް، މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި ސަމާހާ މޫސާ ދީދީ (ސަމާ) އަދި އާމިނަތު ލަމްހާ ލަތީފް (ލަމް) ގެ އިތުރުން އަބްދުﷲ ނާޝިފް (ތާތި) ވެސް އެރަށަށް ދާން ނިންމައިފި އެވެ.
މާއެނބޫދޫގައި މި ފަހަރުގެ އީދު ކުޅިވަރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު "ވަން" ބުނީ މި ފަހަރުގެ ބޮޑުއީދަކީ އެރަށުގައި އިހުގައި އޮތް އީދު ކުޅިވަރުގެ ފޯރި، އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ހަމަ އެ ރޫހާއި ޖޯޝުގައި އަލުން ފެނިގެންދާނެ އީދެއް ކަމަށެވެ. އެ ގޮތުން ސަގާފީ އަންހެން އަދި ފިރިހެން ސަގާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތައް ހިމެނޭ ގޮތުން ގިނަ ހަރަކާތްތަކެއް އިންތިޒާމުކުރުމުގައި ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލު ބުންޏެވެ.
ކުޅިވަރުގެތަކުގެ ފަރިތަކުރުންތައް ކުރިޔަށްދާ އިރު، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިޔުމާއި އެނޫން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށްދާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މާއެނބޫދޫގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ ރަށު ކައުންސިލް އިސްވެ އޮވެގެން ކަމަށާއި ބައެއް ކުޅިވަރުތައް އިންތިޒާމު ކުރުމުގައި ރަށުގެ ރައްޔިތުންނާއި ކުލަބު ޖަމިއްޔާތަކުންވެސް ކައުންސިލާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ މާއެނބޫދޫގައި ކުޅެއުޅުނު ސަގާފީ ކުޅިވަރުތައް އަލުން ދިރުވައި އާލާކުރުމަށްވެސް މި އީދުގައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
"މާއެނބޫދޫއަކީ އީދުކުޅިވަރު ކުލަގަދަކޮށް ކުޅުމާއި އީދު ފާހަގަކުރުމުގައި މުއްސަނދި ތާރީހެއް އޮތް ރަށެއް. ސަގާފީ ކުޅިވަރުތައް ކުޅުމަށް މާއެނބޫދޫ ލަނގިރި ގުރޫޕުތައް ސަރުކާރުގެ ދައުވަތަށް މާލެއަށް ގެނެސް މިނިވަން ދުވަސްތައް ފަދަ ރަސްމިއްޔާތުތަކުގައި ކުޅިވަރު ހުށަހަޅާފައިވޭ. މާއެނބޫދޫއަކީ އަމިއްލަ މިޔުޒިކް ބޭންޑެއް އޮވެ، މަގުމަތީގަ ކޮންމެ އީދަކަށް ވަކީން ކުޅިވަރުގެ އަޅައިގެން ޝޯތައް ބޭއްވި ރަށެއް. މި ފަދަ ޝޯތަކުގައި ހުރިހާ އިންސްޓްރޫމެންޓެއް ލައިވްކޮށް ކުޅުމުގެ އިތުރުން ލަވަ ކިޔުންފަދަ ކަންކަމުގަވެސް ތިބެނީ ރަށު މީހުން. އެހެންވީމަ އީދު ފާހަގަކުރުމުގެ ވަރުގަދަ ތާރީހެއް އެބައޮތް. ރައްޔިތުން ބޭނުންވަނީ މި ފަހަރުގެ އީދާއެކު، އިހުގެ ސަގާފީ ކުޅިވަރުތައް ވެސް އަލުން ދިރުވަން މަސައްކަތް ފަށަން." އޮފިޝަލު ބުންޏެވެ.
އޭނާ ބުނީ މާލެއިންދާ ލަވަކިޔުންތެރީން މާއެނބޫދޫގައި ދެރޭ ޝޯ ދޭނެ ކަމަށާއި އެ ޝޯތައް ކުރިޔަށްދާއިރު، ރަށުގެ ސަގާފީ ކުޅިވަރު އައިޓަމްތައްވެސް ކުރިޔަށްދާނެ ކަމަށެވެ.
- އީދު ވެދުމާ ދިއުން
- އީދު ސަލާމްކުރުން
- ރައްޔިތުންގެ އީދު ބޮޑުސައި
- އީދު ކުލަމަޖާ
- މަސް ރޭސް
- ފިރިހެނުންގެ ލަނގިރި/ދަފި/މާފަތި
- ބޮޑުމަސް ބޭނުން
- ފިރިހެނުންގެ ފުޓުބޯޅަ މުބާރާތް
- އަންހެނުންގެ ވޮލީބޯޅަ މުބާރާތް
- މިޔުޒިކް ދެ ޝޯ
- ޖާދުﷲ ޑާންސް ގުރޫޕުގެ ޑާންސް
- ބަނޑިޔާޖެހުން
- ކުޑަކުދީންގެ ހަވީރު
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު