އާޖެންޓީނާއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އެސްޓޯނިއާ ކޮޅަށް ލިއޮނަލް މެސީ ފަސް ގޯލު ޖަހައިފިއެވެ.

އާޖެންޓީނާގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން އެސްޓޯނިއާ ކައިރީ އެގައުމު މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފަސް ގޯލުވެސް ޖެހީ މެސީއެވެ. މިދިޔަ ހަފުތާގައި ކުޅުނު ފިނަލިސީމާ މެޗުގައި 3-0 އިން އިޓަލީވެސް ބަލިކޮށް ފޯމުގައި އޮތް އާޖެންޓީނާއިން އެންމެފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކާއި ކޮޕާ އެމެރިކާގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

އުމުރުން 34 އަހަރުގެ މެސީ މިހާތަނަށް ދެ ފަހަރެއްގެ މަތިން އެއް މެޗެއްގައި ފަސް ގޯލު ޖަހާފައިވާ އިރު، މީގެ ކުރިން އެއް މެޗެއްގައި ފަސް ގޯލު ޖެހީ ކުރީގެ ކްލަބު ބާސެލޯނާއިން 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެ މެޗު ބާސާއިން 7-1 އިން ކާމިޔާބުކުރި އިރު، މެސީ ފަސް ގޯލު ޖެހިއެވެ. ރޭގެ މެޗުގައި ގައުމީ ޓީމަށް ޖެހި ފަސް ގޯލާއެކު އޭނާ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 86 އަށް އަރައިފައެވެ.

މެސީއަކީ މިހާރު ގައުމީ ޓީމުތަކަށް ހަތަރު ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ރޭގެ މެޗުގައި ޖެހި ގޯލުތަކާއެކު މެސީ ވަނީ 84 ގޯލު ޖަހައިގެން ކުރިން ހަތަރު ވަނައިގައި އޮތް ހަންގޭރީގެ ފްރޭންކް ޕުސްކާސް ފަހަތަށް ޖައްސާލައިފައެވެ. މެސީއަށްވުރެ ގިނައިން ގައުމީ ޓީމުތަކަށް ގޯލު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިންނަކީ މެލޭޝިއާގެ މުހުތާރު ދަހަރީއާއި އީރާނުގެ އަލީ ދާއީ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ޕެނަލްޓީއަކުން މެސީ ޖެހި އިރު، ހާފު ނިމުމުގެ ކުރިން އޭނާ ވަނީ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. ދެވަނަ ގޯލަކީ ހަނި އޭންގަލަކުން މެސީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ތިންވަނަ ގޯލު ޖެހީ ސީދާ މެސީގެ "ޓްރޭޑްމާކް" ކާވް ޝޮޓަކުންނެވެ. ހަތަރު ވަނަ ގޯލު ޖެހީ ޕްލޭ އޮންއެއްގެ ފައިދާ ނަގައި ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ، އެސްޓޯނިއާގެ ގޯލްކީޕަރަށް އޮޅުވާލައިފައި ތިރިތިރީން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ފަސްވަނަ ގޯލު މެސީ ޖެހީ މެޗު ނިމެން 14 މިނެޓު ހުއްޓައެވެ.