ވޯލްޑް ކަޕް ކޮލިފައިން

ޔޫކްރެއިން ރޮއްވާލައި، 64 އަހަރަށްފަހު ވޭލްސް ވޯލްޑް ކަޕަށް

ޔޫރޮޕްގެ ޕްލޭ އޮފް އެންމެފަހު މެޗުގައި ޔޫކްރެއިން ބަލިކޮށް، ވޭލްސްއިން ޒަމާންތަކަކަށްފަހު ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

ވޭލްސް މިރޭ ވޯލްޑް ކަޕުން ފުރުސަތު ހޯދީ 64 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. މިރޭ ކާޑިފްގައި ކުޅުނު ކޮލިފިކޭޝަން މެޗު ވޭލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންއަށް ވަނީ މާޔޫސްކަން ވެރިވެފައެވެ. ކޮލިފިކޭޝަން މެޗުތަކަށް ޔޫކްރެއިން ނުކުތީ ގައުމުން ބޭރުގައި ސްލޮވޭނިއާގައި ކޭމްޕްކޮށް، ތައްޔާރު ވެގެންނެވެ. އެއީ ގައުމުގައި ހަނގުރާމަ އޮތުމުންނެވެ.

ވޭލްސްއިން 1958 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު ފަހުން މިފަހަރު ގަތަރު ވޯލްޑް ކަޕުގައި ކުޅެން ތައްޔާރުވީ މިރޭގެ މެޗުގައި ކެޕްޓަން ގެރެތު ބޭލް ޖެހި

ހިލޭ ޖެހުމުން ވައްދާލި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވޭލްސް ޖެހި ގޯލަކީ ބޭލް ފޮނުވާލި ބާރު ހިލޭ ޖެހުން

އަންދްރޭ ޔާމަލެންކޯ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލުގެ ލީޑު ވޭލްސްއިން ދެމެހެއްޓުމުގައި ގޯލްކީޕަރު، ބާންލީގެ ވޭން ހެނަސީގެ މޮޅު ކުޅުން ފާހަގަ ކޮށްލެވުނެވެ.

މެޗުގައި ހެނަސީ 10 ސޭވް ކޮށްފައިވާ އިރު، ރުސްލާން މަލިނޯވްސްކީގެ ދެ ހަމަލާއަކާއި އަންދްރޭ ޔާމަލެންކޯގެ ހަމަލާތައްވެސް ހެނަސީ ހުށިޔާރު ކަމާއެކު މަތަކުރިއެވެ. އޭގެ އިތުރުން މަލިނޯވްސްކީ ޖެހި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.

ވޭލްސް ވޯލްޑް ކަޕުގައި ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ވޭލްސްގެ އިތުރުން ދެން ހިމެނެނީ އިންގްލެންޑާއި އެމެރިކާގެ އިތުރުން އީރާނެވެ.