ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެ މުބާރާތަށް ކޮލިފައިވި އެންމެ އާބާދީ މަދު ގައުމަކަށް ކެރިބިއަންސް އައިލެންޑްގެ ކިއުރަސާއޯ ވެއްޖެއެވެ.

ކިއުރަސާއޯއިން ރޭ ވޯލްޑް ކަޕް ޔަގީންކުރީ އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް ބީގެ ފަހު މެޗުގައި ޖަމައިކާއާ 0-0 އިން އެއްވަރު ކޮށްގެންނެވެ. އެ ގްރޫޕްގެ އެއްވަނަ ކިއުރަސާއޯއަށް ޔަގީންވީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ނިންމާލި ޖަމައިކާ ޕްލޭ އޮފްއަށް ދިޔައީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ.

މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު އެންމެ އާބާދީ ކުޑަ ގައުމަކީ އައިސްލޭންޑެވެ. އައިލޭންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު އިރު، ކިއުރަސާއޯއަކީ އެއަށްވުރެ މާ ބޮޑަށްވެސް ކުޑަ ގައުމެކެވެ.

ކިއުރަސާއޯގެ އާބާދީއަކީ 150،000 (އެއް ލައްކަ ފަންސާސް ހާސް) އެވެ. އެގައުމުގެ ބޮޑުމިނަކީ 171 އަކަ ކިލޯ މީޓަރެވެ. އެއީ އިނގިރޭސި ކޭމްބްރިޖް ސިޓީއާ އެއްވަރެވެ.

ކިއުރަސާއޯއަކީ ވެނެޒުއޭލާއާ 37 މޭލު ކައިރީގައި އޮންނަ ގައުމެކެވެ. އެގައުމަކީ 2010 ވަނަ އަހަރުން ފެށިގެން ނެދަލޭންޑްސްގެ ކިންގްޑޮމްގެ ދަށުގައި އޮންނަ ގައުމެކެވެ. މީގެ ދެ އަހަރު ކުރިން ކިއުރަސާއޯ އޮތީ ފީފާ ރޭންކިންގެ 150 ވަނައިގައެވެ. މިވަގުތު އެޓީމު އޮތީ 82 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ކިއުރަސާއޯއަށް ކޮލިފިކޭޝަން ފުރުސަތު ލިބުނީ ވޯލްޑް ކަޕުގެ ޖާގަ އިތުރުކުރުމާވެސް އެކުގައެވެ. މިފަހަރު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ ވޯލްޑް ކަޕަކީ 48 ގައުމުގެ ވޯލްޑް ކަޕެކެވެ. މިއީ ވޯލްޑް ކަޕްގެ ޖާގަ އެ އަދަދަށް އިތުރުކުރި ފުރަތަމަ ފަހަރެވެ.

ކިއުރަސާއޯގެ ކޯޗަކީ އުމުރުން 78 އަހަރުގެ ޑިކް އެޑްވޮކާޓެވެ. އޭނާ ވެގެންދާނީ ވޯލްޑް ކަޕުގައި ފެނިގެންދާނެ އެންމެ ދުވަސްވީ ކޯޗަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ 2010 ވަނަ އަހަރު ގްރީސްއަށް ކޯޗުކަން ކޮށްދިން 71 އަހަރު އޮޓޯ ރެހަގެލް އަތުގައެވެ.