އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ހައްވާ ސަނާއަށް އެ އޮފީހުން މިހާރު ލިޔުމުން ދިފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް އޭޖީ އޮފީހަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ހައިކޯޓުުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މަސައްކަތުގެ އަހުލާގީ މިންގަނޑަށް ތަބާ ނުވާ ކަމަށްބުނެ ސަނާއަށް އިސްލާހީ ފިޔަވަޅު އަޅާފައި ވާތީ ސީއެސްސީގެ މައްޗަށް އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން ސަނާއަށް ލިޔުމުން ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އަޅައިފި ނަމަ، ވަގުތުން ވަޒީފާއިން ވަކި ކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށާއި، އެފަދަ އިތުރު ފިޔަވަޅެއް އަޅައިފިނަމަ އެއީ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމަކަށް ވާނެ ކަމަށް ސަނާ ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ ބަލަމުން އަންނައިރު ލިޔުމުން މިހާރު ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އޭނާއަށް އަޅައިގެން ނުވާނެ ކަމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ސަނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދުނެވެ.
ނަމަވެސް ސަނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ބުނެފައިވަނީ، ސަނާގެ ފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ކަމަށް ބުރަވެވެން ނެތް ކަމަށެވެ.
އެހެންކަމުން މައްސަލަ ކުރިއަށްދާއިރު މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މަސްލަހަތަށް ރިއާޔަތް ކުރެވިގެންދާނެ ކަމަށް ބުރަވެވޭތީ، ހައްވާ ސަނާ އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.
ޓްރައިބިއުނަލްގެ އެ ނިންމުމާއެކު ސަނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޓްރައިބިއުނަލްގައި ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް ބާތިލުކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ޓްރައިބިއުނަލަށް ސަނާ ހުށަހެޅި މައްސަލަ މައުލޫއީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ސަނާއާ މެދު އިތުރު ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް އޭޖީ އޮފީހާއި ސީއެސްސީގެ މައްޗަށް އަންގައި އަމުރުކޮށް ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެއެވެ.