"އެ ދުވަހު މެޔަށް ތަދުވެގެން އުޅޭތީ މަރުކަޒަށް ދާންވެގެން އޭނާއާއެކު ދިޔައީ. އެކަމަކު އެތެރެއަށް ވަންނަން ދެކޮޅު ހެދީ. ދެން ވަރަށް އާދޭސް ކުރިން އެކަމަކު ނައި. އެތަނުގަ ތިބި ކުދިންނާ ވާހަކަ ދައްކާފަ ބުނިން ރުޅިގަނޑު އަންނަ ވާހަކަ. ބޭސް ދޭން ބުނީމަ ބުނީ ފިރިމީހާ އައީމައޭ ދެވޭނީ. އެރޭ ނިދަން އެރީމަ ފިރިމީހާ ބުނީ އެކްޓުގަނޑު ކިހިނެއްހޭ."
މިއީ ށ. ފޭދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެމަފިރިންގެ ދެމެދުގައި ހިނގި މާރާމާރީ ފެށުނު ގޮތުގެ ވާހަކަ ހިއްސާކުރަމުން އެ މާރާމާރީގައި އަނިޔާ ލިބުނު އާމިނަތު ހަސީބާ (އައިންތު) "ވަން" އަށް މިއަދު ހިއްސާކުރި ވާހަކަތަކެވެ.
އައިންތު ބުނީ ކައިވެންޏަށް މިހާރު 12 އަހަރުވެފައިވާއިރު މީގެ ކުރިން އޭނާގެ ފިރިމީހާގެ ފަރާތުން އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ޝައްކު ކުރުމާއެކު އަނިޔާވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމަށެވެ.
"އަޅުގަނޑު ކުޑަ ދަރިފުޅު ބަލިވެގެން މާލެ ގޮސްފަ މިއައީ ވަރަށް ފަހުން. ގޮސްފަ އައިތަނުން ބުނީ ތިމަންނަގެ މަންމަ އާއި އައިންތުގެ މަންމަ އުޅެނީ ތިމަންނަ އާއި އައިންތު ދުރުކުރުވާށޭ. އައިންތުވެސް ހަދަނީ އެމީހުން ބުނާގޮތޭ. ދެން މީހުންގަނޑުތެރޭ ވަރަށް ޒުވާބުކޮށް ކަންތައްކުރާނެ. އެކަމަކު އެކަނިވީމަ އެކަން ބަދަލުވޭ. ވަރަށް ރަނގަޅު. ބޯ ސަކަރާތްވެފަ ހުންނަ ގޮތަކަށް އުޅެނީ." ފަސް ދަރިންގެ މަންމަ، އައިންތު ބުންޏެވެ.
އައިންތު ބުނީ މިދިޔަ ބުރާސްފަތި ދުވަހުވެސް މެޔަށް ތަދުވާތީ އުޅުމުން ޑޮކްޓަރަށް ދައްކަން ދާން ބުނުމުން ސިއްހީ މަރުކަޒާ ހިސާބަށް ދިޔަ ކަމަށެވެ. ނަމަވެސް އެތެރެއަށް ވަނުމަށް ދެކޮޅު ހެދުމުން މަރުކަޒުގައި ތިބި ކުދިންނާއި ވާހަކަ ދައްކާފައި އަނބުރާ ގެއަށް ދިޔައީ ކަމަށެވެ. އަދި އެ ރޭ ނިދަން އޮވެފައި ތިމަންނާގެ އެކްޓުކުރުންގަނޑު ރަނގަޅުހެއްޔޭ ފިރިމީހާ އެހި ކަމަށްވެސް އައިންތު ބުންޏެވެ.
"ދެން އަޅުގަނޑު ބުނިން އަޅުގަނޑަށް އެނގެޔޭ ތި އެކްޓުކުރާކަންވެސް މާ ކުރިން. ބުނީމަ ޒުވާބު ކުރަން ފަށާފަ ހިފީ އަޅުގަނޑުގެ ކަރުގަ. ހިފާ ތަދުކޮށްލީމަ އަޅުގަނޑު ބުނިން މިފަހަރު ޕޮލިހަށް އަންގާނަމޭ. ކިޔާފަ އަޅުގަނޑު ފޯނު ނެގީމަ އޭނަ އަޅުގަނޑު އަތުން ފޯނު އަތުލީ. ދެން އަޅުގަނޑު ބުނިން މިގެއަކުވެސް ނުހުންނާނަމޭ ދާނީ މަންމަމެން ގެއަށޭ. ކިޔާފަ އަޅުގަނޑު ނިކުމެގެން ދިޔައިރު އޭރު ހޭލާ ތިބި ދޮށި ދެދަރިން އަޅުގަނޑާއެކު އައި. މަންމަމެން ގެއަށް ދިޔައިރު މަންމައެއް ގެއަކު ނޫޅޭ. ދެން ބޭރަށް ނިކުމެ އެހެން ދިޔަ ކުދިންތަކެއް ގާތު ބުނިން ފުލުހަށް ގުޅާށޭ." އޭނާ ކިޔައިދިނެވެ.
އައިންތު ބުނީ އެކުދިން ފުލުހުންނަށް ގުޅުމުގެ ކުރިން ފިރިމީހާ އެތަނަށް އައިސް ވަރަށް ބާރަށް އަތުގައި ހިފި ކަމަށެވެ. އަދި ތަދުވެޔޭ ބުނުމުންވެސް ދޫކޮށްނުލި ކަމަށް އޭނާ ބުންޏެވެ.
"ދެން މި ދެކުދިންވެސް ބުނެފި އޭނައަށް ތަދުވާ ވަރަށް ނުހިފާ އަތުން ދޫކޮށްލާށޭ. ބުނީމަ ބުނަނީ ތިމަންނަގެ އަނބިމީހާ އޭ. ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ. ބުނީމަ އެކުދިން ބުނެފި އަނބިމީހާއަކަސް ތަދުވާ ވަރަށް ނުހިފާށޭ. ދެން އަތުން ދޫކޮށްލީމަ ގޮސް އެތާ ހުރި ގޮނޑިއެއްގަ އަޅުގަނޑު އިނީ. އޭރު ދެކުދިން ތިބި ދެ ފަރާތުގަ. އެތާ ކައިރީގަ ހުރި މޭޒެއް މަތީގަ އޮތް ވަޅިއެއް ދެން އޭނަ ނެގީ. ބޮޑު މަސްކަނޑާ ވަޅިއެއް. އަޅުގަނޑު ބުނިން ދަރިންގެ ކުރިމަތީގަ ތިހެން ނޫޅޭށޭ. ވަޅި ބާއްވާށޭ. ބުނީމަވެސް ބުނީ މިރޭ ފުލުހުންނާ ކޮންމެ ގޮތެއްވިޔަސް ހަވާލު ކުރާނެޔޭ. އެހެންވީމަ ކަލޭގެ ދުވަސް ދުއްވާލާފައޭ އަހަރެން ދާނީ. ތިއީ ނުލަފާ އަންހެނެކޭ." އޭނާ ކިޔައިދިނެވެ.
އައިންތު ބުނީ އެތަނަށް ފިރިމީހާގެ މަންމަ އައި ކަމަށާއި އަދި ވަޅި ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް ކަލޭތީ ކާކުހޭ ބުނެ މަންމަވެސް ދުރަށްދާން އޭނަ އެންގި ކަމަށް ބުންޏެވެ.
"މަންމަ (ފިރިމީހާގެ މަންމަ) ކައުންސިލަށް ގުޅާފަ ބުނީ އަވަހަށް އާދެބަލާށޭ. އޭރު ވަޅިއެއް ނުހަރާ. ފަހުން ދެ ކުދިން ކުރިމަތީގަ އަޅުގަނޑުގެ ބަނޑަށް ވަޅި ހެރީ. ނަސީބަކުން މާ ފުނަކަށް ނުހެރޭ. އޭރު ފުލުހުންވެސް އައިސްފި. އަޅުގަނޑު ބަނޑުން ލޭ އަންނާތީ އަޅުގަނޑު އެތަނުން ސައިކަލެއްގަ ސިއްހީ މަރުކަޒަށް ފޮނުވާލީ." އޭނާ ބުންޏެވެ.
ފަސް ކުދިންނާއެކު އައިންތު މިހާރު ދިރިއުޅެނީ އައިންތުގެ މަންމަ ގޭގައެވެ. މި ހަމަލާއަށްފަހު އައިންތުއާއި ދެ ދަރިން ތިބީ އަދިވެސް ނަފުސާނީ ކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
އައިންތު ބުނީ އެ ފިރިހެން މީހާ ޝައްކު ކުރާ ވަރުގެ ކަމެއް ދުވަހަކުވެސް ނުކުރާ ކަމަށާއި ނަމަވެސް ބޮޑަށް ގަބޫލު ކުރެވެނީ ބަޔަކު އޭނާގެ ބޮލަށް އެރިގެން ނަސޭހަތްދެނީ ކަމަށެވެ. ނަމަވެސް ދެން އަލުން އޭނާއާއެކު ދިރިއުޅެން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.
އައިންތުގެ ފިރިމީހާ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް