ޚަބަރު

ދެވަނަ ދައުރަކަށް ހޮވުނު ނަމަ ޗައިނާގެ އެހީގައި ތިލަމާލެ ބުރިޖު ހިލޭ އެޅުނީސް: ޔާމީން

އަލީ ޔާމިން

ދެވަނަ ދައުރަކަށް އެމަނިކުފާނު ރާއްޖޭގެ ރައީސަކަށް ހޮވިވަޑައިގަތް ނަމަ، ތިލަމާލެ ބުރިޖު ހިލޭ އަޅައިދޭނެ ކަމަށް ޗައިނާއިން ބުނި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބުރިޖަކީ މާލީ ބޮޑު ބުރައެއް ކަމަށެވެ. އަދި އެ ބުރިޖަކީ އެޅުން ލާޒިމު ބުރިޖެއް ނޫން ކަމަށާއި ބުރިޖު ނުވެސް އެޅޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު އެއަޅާ ބުރިޖަކީ (ސިނަމާލެ ބުރިޖަކީ) ޗައިނާ ސަރުކާރުން ޒީ ޖިންޕިން ޗައިނާގެ ޕްރެޒިޑެންޓް އޮތީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުން ނަމަ ހިލޭ އެ ބުރިޖު ދޭން ބުނެފައި. އެހެންކަމުން ބުރިޖު އަޅާކަށް މިއީ މުނާސަބު ވަގުތެއް ނޫން. މި ސަރުކާރު އިތުރަށް ދަރަނީ. އެހެންވީމާ މި ބުރިޖު އަޅާކަށް ނުޖެހޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ 142 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި އެޅި ސިނަމާލެ ބުރިޖަކީ ދައުލަތަށް މާލީ ބުރައެއް ނޫން ކަމަށެވެ. އެއީ އެ ބުރިޖަށް ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ 68 މިލިއަން ޑޮލަރު ކަމަށާއި މިހާރު އަޅާ ތިލަމާލެ ބުރިޖަށް 400 މިލިއަން ލޯނުގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ބަޔަކު އަދި ބުރިޖު އެޅިޔަސް، ބުރިޖު އަޅާކަށް ނުޖެހޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ތިލަމާލެ ބުރިޖު އަޅަން ގެނައި ސިވިލް މުވައްޒަފުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.