ވޮލީބޯޅަ އެސޯސިއޭޝަން

ކުޅިވަރު ތާރީހުގެ ބޭއްވި ފުރަތަމަ "ސީޒަން ޑްރާފްޓް" އާއެކު ވޮލީ ޓީމުތަކަށް ކުޅުންތެރިން ހަމަޖައްސައިފި

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބޭއްވި ފުރަތަމަ "ޕްލޭޔާ ޑްރާފްޓް" އާއެކު ވޮލީ ބޯޅަ އެސޯސިއޭޝަނުން، ވޮލީ ޓީމުތަކަށް ކުޅުންތެރިން ހަމަޖައްސައިފިއެވެ.

މި އަހަރުގެ ވޮލީ ސީޒަނަށް ގެނައި އާ ބަދަލާއެކު އެކުލަވާލި ބިދޭސީ ކުޅުންތެރިންގެ ޕޫލަކުން، ކުޅުންތެރިން ޓީމުތަކަށް ހޮވާފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ޕްލޭޔާ ޑްރާފްޓަކުންނެވެ. ރޭ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ހާއްސަ ހަފުލާގައި ޕޫލުގައި ހިމެނޭ ކުޅުންތެރިން ކުލަބުތަކާއި ހަވާލުކޮށް ޓީމުތައް ވަނީ ފައިނަލްކޮށްފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑްރާފްޓް އުސޫލުން ކުޅުންތެރިން ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ރާއްޖޭގެ ވޮލީބޯޅައިގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަ ކުލަބަށް ވަނީ ކުޅުންތެރިން ހަވާލުކޮށްފައެވެ. ޓީމުތަކަށް ވީއޭއެމުން ގެނެސްދިން ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކްލަބްތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ.

ޓީމުތަކަށް ޑްރާފްޓް ކުރުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ގެނައި ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީ ލީގުގައި ކުޅޭ، މި ސަރަހައްދުގެ އެންމެ މޮޅެތި ކުޅުންތެރިންނެވެ. ޑްރާފްޓަށް ހުޅުވާލި ޕޫލުގެ ތެރޭގައި ބްލޮކަރުންނާއި ސެޓަރުންގެ އިތުރުން އޮޕޮސިޓް ކުޅުންތެރިން އަދި އެޓޭކަރުން ހިމެނެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ޝަރަފުވެރިކޮށްދެއްވި ރޭގެ ހަފުލާގައި ކޮންމެ ކުލަބަކަށްވެސް އެ ކުލަބުން ބޭނުންވާ މަގާމުތަކަކަށް ތިން ކުޅުންތެރިން ނެގުމުގެ ފުރުސަތު ހަމަހަމަ އުސޫލެއްގެ ތެރެއިން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ދީފައެވެ.

ރޭގެ ޑްރާފްޓުން ދިވެހި ސިފައިންގެ ކުލަބާ ގުޅޭ ތިން ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރު ޝޮން ޓީ ޖޯން، ބްލޮކަރު ކާތިކު އަދި އޮޕޮސިޓް ޕްލޭޔަރުގެ މަގާމަށް ކުޅޭ މަނޫ ޖޯސެފެވެ. ޓީމުގައި ތިބި ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ)، އަހުމަދު ޝާހިދު (ޝާޑު) އަދި އާދަމް ނަސީމް (އެޑަމާ) އެވެ. ސިފައިން ޓީމުގެ ކޯޗަކީ ޖުނައިދު އަބްދުﷲ (މާމަ) އެވެ.

ކުރިއަށް އޮތް ސީޒަނުގައި ޕޮލިސް ކުލަބަށް ކުޅޭނެ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު މުތުސާމީ، އެޓޭކަރު އަނޫ ޖޭމްސްގެ އިތުރުން ބްލޮކަރު އަކިންއެވެ. ޕޮލިހުގެ ކެޕްޓަނަކީ މުހައްމަދު ހަމްދޫނެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އުއްމީދީ ދެ ބްލޮކަރުން ކަމަށްވާ ޝުއައިބް އަބްދުއްލަތީފްއާއި އަލީ ނާފިއު ތިބީ ޕޮލިހުގައެވެ. ޕޮލިހުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

ޑްރާފް ސިސްޓަމްގެ ތެރެއިން ގުޑީސްއާ ގުޅުނު ތިން ކުޅުންތެރިންނަކީ ދެ އެޓޭކަރުން ކަމަށްވާ ރިޔާޒުއްދީންއާއި ވަރުން ޖީއެސްގެ އިތުރުން ބްލޮކަރު މޯހިތު ޝަރާވަތެވެ. ޓީމުގައި ހިމެނޭ މުހިންމު ލޯކަލް ކުޅުންތެރިންނަށް ބަލައި އިރު، ގައުމީ ޓީމުގެ ސެޓަރު ހުސައިން ވިޝާމް (ބުޅިކޭ) އާއި އެޓޭކަރު ހަސަން ނިލާމް (ޕާޓޭ) ފާހަގަކޮށްލެވެއެވެ. މި ޓީމުގެ ކޯޗަކީ ގައުމީ ޓީމްގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ލީޑު ކުރި ސްޕޯޓްސް ކުލަބު ސިޓީން މި ސީޒަނުގައި ފެންނާނެ ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު ހަރްދީޕް ސިންގްއާއި ސެޓަރު، ވިނާޔަކު އަދި އޮޕޮޒިޓް ޕްލޭޔަރު ވިނީތު ކުމާރެވެ. ވިނީތު ކުމާރަކީ މީގެ ކުރިން ފިރިހެން ޑިވިޝަންގެ މޯލްޑިވިއަން ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ޓީމުގެ ކޯޗަކީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ހުސައިން ޝަރީފެވެ.

ކޮލިފިކޭޝަނުން ބުރުން އެއް ވަނަ ހޯދައިގެން ކޮލިފައިވި ވެމްކޯގައި އޮތީ ވެސް ވަރުގަދަ ސްކޮޑެކެވެ. ގައުމީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި އާދަމް ފައިރޫޒް ހިމެނޭ ވެމްކޯ ޓީމާ ގުޅޭ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު ރަންޖީތު ސިންގްއާއި ބްލޮކަރު އަޝްވަލް ރާއީ އަދި އެޓޭކަރު އަމިތު ސިންގްއެވެ. މި ޓީމުގެ ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ނިޒާރެވެ.

އޮފް އެފްސީއާ މި ސީޒަނަށް ގުޅުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު އަމިތު ގޫލިއާއާއި ބްލޮކަރު ޖޯން ޖޯސެފްގެ އިތުރުން ގުރޫ ޕްރަޝާންތެވެ. މި ޓީމުގެ ކެޕްޓަނަކީ ސެޓަރު އަހުމަދު ސިމާއުއެވެ. މީގެ އިތުރުން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) އަކީވެސް މި ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. ޓީމުގެ ކޯޗަކީ މުހައްމަދު ރިޝްވާން (ރިއްޗަޅޭ) އެވެ.

ރޭގެ "ވީއޭއެމް ސީޒަން ޑްރާފްޓް" ހަފުލާގައި ސީޒަންގެ ހާއްސަ ލޯގޯ ލޯންޗުކޮށްފައިވެއެވެ. ލޯގޯ ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ސީޒަންގެ މުހިންމު މުބާރާތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ކަޕްގެ ގުރުއަތުލުންވެސް ރޭ ބާއްވާފައިވެއެވެ. އެސޯސިއޭޝަން ކަޕް ކުރިއަށްދާނީ ވާދަކުރާ ހަ ޓީމުގެ މެދުގައި ރޮބިން ރައުންޑެއް ކުޅެ، އެއްވަނަ ޓީމު ފައިނަލަށްދާ ގޮތަކަށެވެ. ދެން ފައިނަލަށް ދާ ޓީމު ކަނޑައަޅާނީ ޕްލޭ އޮފް ތިން މެޗެއް ކުޅެގެންނެވެ. ޕްލޭ އޮފްއަށް ދަނީ ދެވަނަ ޓީމުން ފެށިގެން ގޮސް، ފަސްވަނަ ހޯދާ ހަމައަށެވެ.

އެސޯސިއޭޝަން ކަޕް މިމަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އޭގެ ފަހުން ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތްވެސް މިއަހަރުގެ ވޮލީ ސީޒަންގައި އޮންނާނެއެވެ.