ދުނިޔޭ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރު، ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ވާދަކުރި ފައިނަލިސީމާ މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލިސީމާ މެޗުން އާޖެންޓީނާ މޮޅުވީ އިޓަލީ ކައިރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ ފައިނަލިސީމާއަކީ ދެ ބައްރުގެ ޗެމްޕިއަނުން ވާދަކުރަން ކުޅުނު ތިންވަނަ މެޗެވެ. މީގެ ކުރިން ދެ ބައްރުގެ ޗެމްޕިއަނުން ވާދަކުރުމަށް ކުޅުނު މެޗަށް ދީފައިވާ ނަމަކީ އާޓެމިއޯ ފްރާންޗީ ކަޕެވެ. މީގެ ކުރިން 1985 ވަނަ އަހަރާއި 1993 ވަނަ އަހަރު ދެ ބައްރުގެ ޗެމްޕިއަނުން ވާދަކުރި މެޗު ކުޅެފައިވާ އިރު، މިފަހަރުގެ މެޗު ކުޅުނީ 29 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
އެންމެ ފުރަތަމަ ކުޅުނު މެޗުގައި 1985 ވަނަ އަހަރު ފްރާންސުން އުރުގުއޭ ބަލިކުރި އިރު، 1993 ވަނަ އަހަރުގެ މެޗު ކާމިޔާބުކުރީވެސް މިފަހަރު މެޗު ކާމިޔާބުކުރި އާޖެންޓީނާއެވެ. އެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ ޑެންމާކު ކައިރީ ޕެނަލްޓީ ޖަހައިގެންނެވެ. އެފަހަރު އާޖެންޓީނާއަށް ތަށި އުފުލައިލަދިނީ ކެޕްޓަން ޑިއޭގޯ މަރަޑޯނާ އެވެ. މިފަހަރުގެ ތަށި ކެޕްޓަން މެސީ އުފުލައިލި އިރު، އެ ވަގުތުކޮޅުވީ ތާރީހީ ވަގުތު ކޮޅަކަށެވެ.
މެޗުގައި އާޖެންޓީނާ މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނުނު އިރު، ރޭގެ މެޗުވީ ދެ ގައުމުގެ ބައެއް ލެޖެންޑަރީ ކުޅުންތެރިން ގައުމީ ޓީމަށް އަލްވަދާއުކީވެސް މެޗަކަށެވެ. އިޓަލީގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗަށް ނުކުތް ޖޯޖިއޯ ކިއެލީނީގެ އިތުރުން އާޖެންޓީނާ އަށް މެޗުގައި މުހިއްމު ކުޅުމެއް ދެއްކި އެންހޭލް ޑިމަރިއާވެސް ރޭގެ މެޗަށްފަހު ވަނީ ގައުމީޓީމަށް ކުޅުން ހުއްޓައިލައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް އާޖެންޓީނާއިން ދެ ގޯލު ޖެހިއެވެ. ފުރަތަމަ ގޯލު މެސީ ތަނަވަސްކޮށްދިން ފުރުސަތުގައި ލައުޓާރޯ މާޓިނޭޒް ޖަހައިދިން އިރު، ދެވަނަ ގޯލަކީ ޑިމަރިއާ ޖެހި ހިތްގައިމު ޗިޕެކެވެ. އާޖެންޓީނާއިން ދެވަނަ ހާފަށް ނުކުމެވެސް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ.
ހާފުގެ ކުރީކޮޅުގައި ޑިމަރިއާ އާއި މެސީ ޖެހި ބާރު ހަމަލާތައް އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، އާޖެންޓީނާގެ ތިންވަނަ ގޯލު، މެސީ ތަނަވަސްކުރި ފުރުސަތެއްގައި ޖަހައިދިނީ ބެންޗުން އެރި ޕައުލޯ ޑިބާލާ އެވެ. ޑިބާލާ އެ ގޯލު ޖެހީ މެޗު ނިމެން ކުޑަ ވަގުތު ކޮޅެއް އޮއްވައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް މެސީ ހޮވުނު އިރު، އޭނާގެ ދެ އެސިސްޓް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ