އިނގިރޭސި އެންމެ ބޮޑު އެއް ކްލަބު، ޗެލްސީ ވިއްކާލުމުގެ ކަންކަން ނިމި، ކްލަބުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އާވެރިން ކަމަށްވާ ޓޮޑް ބޯލީގެ ކޮންސޯޓިއަމްއަށް މިއަދު ރަސްމީކޮށް ހަވާލު ކޮށްފިއެވެ.

ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗެލްސީއާއި ކްލަބާ ގުޅުން ހުރި ހުރިހާ ކުންފުންޏެއް ރަޝިއާގެ ބިލިއަރު ރޯމަން އަބްރަމޮވިޗް، ޓޮޑް ބޯލީއާއި ކްލިއާލޭކް ކެޕިޓަލް އެކުވެ އުފައްދާފައިވާ ގްރޫޕަކަށް ވިއްކާލާފައިވާ ކަމަށެވެ. އެކަން ފުރިހަމަ ކޮށްފައިވަނީ މިދިޔަ ހަފުތާގައި ޕްރިމިއާ ލީގާއި އިނގިރޭސި ސަރުކާރުންވެސް ހުއްދަ ދިނުމުންނެވެ.

އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްވެ ހުރެ އުފެއްދި ހާއްސަ ކޮންސޯޓިއަމަކަށް ޗެލްސީ ވިއްކާލަން ނިންމާފައި ވަނީ 4.25 ބިލިއަން ޕައުންޑަށެވެ. އެއީ ޗެލްސީ ވިއްކާލުމުގެ ޖުމުލަ ހަރަދެކެވެ. ޗެލްސީ ވިއްކާލުމުގެ ހަރަދަކީ 2.5 ބިލިއަން ޕައުންޑެވެ. ދެން ހިނގާނެ 1.75 ބިލިއަން ޕައުންޑުގެ ހަރަދަކީ 10 އަހަރުގެ ތެރޭގައި ކްލަބަށް އާ ވެރިން އިންވެސްޓް ކުރަން ޖެހޭ އަދަދެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އޭނާއަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިއަކަށްވާތީއެވެ.

ޗެލްސީއަށް އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، ކްލަބު ހިންގަން ހުއްދަ ދީފައިވަނީވެސް ވަކި ލައިސަންސެއްގެ ދަށުންނެވެ.

ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ކުޅުންތެރިން ގެންދިއުމާއި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އަބްރަމޮވިޗް މަސައްކަތް ކުރަމުންދިޔައީ ރަނގަޅު ބިޑަކަށް އަވަހަށް ކްލަބު ވިއްކާލުމަށެވެ. ކްލަބު ވިއްކާލުމުގައި ބަލަންޖެހޭ ކަންކަން ބަލައި، އެކަން ކުރިއަށް ގެންދަން އަބްރަމޮވިޗް ހަވާލުކުރީ އެމެރިކާގެ ރައިނޭ ގްރޫޕާއެވެ.

ޗެލްސީ ވިއްކާލުމުގެ ކަންކަން ނިމުމަކަށް އައިސްފައިވުމާއެކު އެޓީމަށް އަނެއްކާވެސް ހިންދެމިލެވޭނެއެވެ. އެގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ، ކުޅުންތެރިންގެ ސޮއި ހޯދުމާއި، އެއްބަސްވުންތައް އާކުރަންވެސް ފެށޭނެއެވެ. އެއާއެކު މެގަ ސްޓޯރުގެ ވިޔަފާރިތައްވެސް އަލުން ކުރަން ފެށި، ކްލަބަށް ފައިދާވާނެ ޕްރޮޖެކްޓަކަށްވެސް ފުރުސަތުތައް ލިބިގެން ދާނެއެވެ.

ފެބްރުއަރީ 24: ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ފެށުން

ފެބްރުއަރީ 26: ރޯމަން އަބްރަމޮވިޗް ޗެލްސީގެ ހިންގުން، "ސްޓެވާޑްޝިޕް އެންޑް ކެއާ" ގެ ބާރު ހިލޭ ސާބަހަށް މަސައްކަތް ކުރާ ފައުންޑޭޝަނަކަށް ދިނުން

މާޗު 2: ޗެލްސީ ވެރިޔާ އަބްރަމޮވިޗް، އެ ކްލަބު ވިއްކާލާނެ ކަމަށް ބުނުން

މާޗު 10: އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް ރަސްމީކޮށް ފިޔަވަޅު އެޅުން

މެއި 5: އަބްރަމޮވިޗް ޗެލްސީއަށް ހަރަދުކުރި 1.5 ބިލިއަން ޕައުންޑުގެ ލޯނު، އަނބުރާ ނުހޯދާނެ ކަމަށް ބުނުން

މެއި 7: ޗެލްސީ ގަތުމަށް ޓޮޑް ބޯލީ 4.25 ބިލިއަން ޕައުންޑުގެ އެއްބަސްވުމަކަށް ދިޔުން

މެއި 16: ސަރުކާރުގެ ތެރެއިން ޗެލްސީ ޑީލް "ފަނިވުމާ" ގާތަށް

މެއި 24: ޕްރިމިއާ ލީގުން ޗެލްސީ ޑީލަށް ހުއްދަ ދިނުން

މެއި 25: ސަރުކާރުން ޗެލްސީ ޑީލަށް އާން ބަސް ބުނުން

މެއި 30: ވިއްކާލުމުގެ ހުރިހާ ކަމެއް ނިމި، ކްލަބާ އާވެރިން ހަވާލުވުން