ފުލުހުން ނެގި "އިންޑީއާ އައުޓް"ގެ ކޮންމެ ބެނާއެއްގެ އަގު 75،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށާއި އެ ބެނާތައް ފުލުހުން ނައްތާލައިފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަަމަށް ތުހުމަތުކޮށް، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމުން، ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން، ފުލުހުން ގެންދިޔަ ބެނާތައް ނެގުމަށް ފުލުހުންގެ މައި މަރުކަޒަށް މިއަދު ވަނީ ވަޑައިގެންފައެވެ.
އެއަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، ބެނާއެއްގެ އަގު 75،000- 100،000 ރުފިޔާއަށް އަރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާގެ އަގު 500،000 ރުފިޔާއަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއައީ، އެ ބެނާއާ އެނޫންވެސް މިގޮތަށް ނަގާފައިވާ ބެނާތައް ބަލައި. އައިސް އަޅުގަނޑުމެން މިތަނަށް ސިޓީ ހަވާލު ކުރީމާ އެބޭފުޅުން ދެއްކެވި ވާހަކަތަކަށް ބަލާއިރު ލަފާކުރެވެނީ އެހެން އެ ނެގި ހުރިހާ ބެނާތަކެއް ނައްތާލައިފައިވާ ކަމަށް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ކޯޓުގެ ނިންމުމުން ސާފުވީ "އިންޑިއާ އައުޓް" ހަރަކާތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތްކަން ކަމަށެވެ. އެހެންވެ، އެ ހަރަކާތް ކުރިއަށް ވުރެ ފުޅާކޮށް ވަރުގަދަކޮށް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު