ޚަބަރު

ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން 883 މިލިއަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ރިފާ ހަލީލު

ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އިންޑިއާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ހޮސްޕިޓަލްތައް ޑިޒައިންކޮށް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ، ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާއެވެ.

އެ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ހޮސްޕިޓަލްތަކަކީ ހއ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ރ. އަލިފުށި ހޮސްޕިޓަލެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޓީސީއައިއެލްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (ސިވިލް) އަތުލް ކުމާރު ޖެއިންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ.

ޖުމުލަ 57.23 މިލިއަން އެމެރިކާ ޑޮލަރު (883 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ، ކުޑަހުވަދޫ އަދި ވިލިނގިލީގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަލިފުށިގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.