ބިމު ކުލި ނުދައްކާ ރިސޯޓުތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ބިމު ކުލި ނުދައްކާ ރިސޯޓުތަކާމެދު އަމަލުކުރާ ގޮތާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކުލި ނުދައްކާ ރިސޯޓުތަކާ ދޭތެރޭގައި އަމަލު ކުރަން އޮންނަ އުސޫލުން، 18 ރިސޯޓަކަށް މިހާރު ނޯޓިސް ދީފައިވާނެ ކަމަށެވެ. އެއަށްފަހު ކުލި ނުދައްކާ ރިސޯޓިތަކުގެ ލައިސަންސް ހިފެހެއްޓުމާއި ރިސޯޓު ބަންދުކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ އިހުތިޔާރެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައްޖޭގެ މުޅި އިގުތިސާދަށް ވިސްނާއިރު، އެއީ އެންމެ ރަނގަޅު ހައްލު ކަމަށް ނުވިސްނޭތީ، އެތަންތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާ ނުގެއްލޭ ގޮތަށް އެތަންތަނާ މަޝްވަރާ ކޮށްގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް ފައިސާ ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދައުލަތަށް ލިބޭ ފައިސާ ނުލިބެންޏާ އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ ހައްގުގައި، ދައުލަތުގެ ހައްގުގައި އަޅަންޖެހޭނެ، އެހިސާބަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރިއަށް ގެންދާނަން.. މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރިސޯޓު ބަންދުނުކޮށް އެތަނުގައި ވަޒީފާ އަދާކުރާ މީހުންގެ ވަޒީފާ ނުގެއްލޭގޮތަށް އެެހެން ނަމަވެސް ދައުލަަތަށް ލިބެންހުރި ފައިސާ ލިބެމުން އަންނަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމުން ކަމަށާއި އެ ފައިސާ ނުލިބޭނަމަ ފަހަރަކު ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމް ސިޔާސި ހަތިޔާރަކަށް ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު