އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ހ. ދޫވެއްސަށް ވަދެ، އެގޭގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޝުއޫރެއް ފާޅުކުރުން ކަމަށް ބުނެ، ކުރިމިނަލް ކޯޓުން ކުރި އަމުރަކާއެކު ފުލުހުން، ރައީސް ޔާމީންގެ ގެކޮޅަށްވަދެ އިންޑިއާ އައުޓް ބޮޑު ބެނާ ނެގީ ހުސްވި އޭޕްރީލް މަހުގެ 21 ގައެވެ.
އެ މައްސަލައިގައި އެ ކޯޓު އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވިއެވެ.
މި މައްސަލައިގެ ހުކުމް ކުރުމަށް ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ފުރަތަމަ ރައުޔު އިއްވެވީ، މައްސަަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހަސަން ޝަފީއުއެވެ. ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.
ރައުޔު އިއްވަވަމުން ފަނޑީޔާރު ޝަފީއު ވިދާޅުވީ، ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރާމެދު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުވާލު އުފައްދާފައި ވަނީ އެ އައުމު ނެރުމަށް ނިންމި ނިންމުމާމެދުގައި ކަމަށެވެ.
ބަލައި ފާސްކުރުމުގެ ކޯޓު އަމުރަކީ އާއްމު ތަނެއްގައި ފަރުދުންގެ ދުސްތޫރީ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަމެއް ކުރުމަށް ގާނޫނު ތަންފީޒުކުރާ ފަރާތަށް (ފުލުހުންނަށް) ފަނޑީޔާރަކުދޭ އަމުރެއް ކަމަށެވެ. އެއީ ބަލައި ފާސް ކުރުމަށާއި މުދާ ހިފަހައްޓަން ޖެހިއްޖެ ހާލަތެއްގައި މުދާ ހިފެހެއްޓުމުގެ ހުއްދަ އޮންނަ އަމުރެއް ކަމަށްވެސް ވިދާޅުވިއެވެ.
އެފަދަ އަމުރަށް އެދެވެނީ ފުލުހުންނަށް އެކަނި ކަމަށާއި ފުލުހުން އެކަމަށް އެދި ހުށަހެޅުމުން އެކަމާބެހޭ އަޑުއެހުމެއް ބާއްވަނީ، އެ އަމުދު ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި ހަމައެކަނި ފުލުހުންގެ ހުށަހެޅުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.
ކޯޓު އަމުރެއް ހުށަހަޅާ އިރު، އެކަށީގެންވާ ސަބަބެއް ފުލުހުން ބަޔާން ކޮށްދޭން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫގައި ބުނާ ކަމަށްވެސް ފަނޑީޔާރު ވިދާޅުވިއެވެ. ނަމަވެސް އެކަށީގެންވާ ސަބަކީ ކޮބައިކަން ކަޅާއި ހުދުން ބަޔާންކުރާ ފޯމިއުލާއެއް ނުވަތަ މިންގަނޑެއް ނޯންނަ ކަމަށާއި އެހެންކަމުން އެކަށީގެންވާ ސަބަބަކީ ކޮބައިކަން އެމައްސަލަ އާއި އަނެއް މައްސަލަ ތަފާތު ވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަށީގެންވާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ދެނެގަންނާނީ އެ މައްސަލައެއްގައި ހިމެނޭ ކުށާއި ނުވަތަ ހެތްކާއި ތުހުމަތުރާ ކަންތައްތަކުގެ މައްޗަށް ބަލައި މުޅި ޖުމްލަ އެހާލަތަށް ރިއާޔަންކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ބަލައި ފާސްކުރުމުގެ އަމުރު ނެރުމުގައި ކޯޓުން ބަލަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މިންގަނޑުގެ ބޭނުމަކީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާއި މިނިވަން ކަމަށް އެއްވެސް ބެލުމެއްނެތި ހަމައެއް ލަމައެއްނެތި ހިތު ހުރިހާ ގޮތަކަށް ބަލައިފާސް ކުރުމުގެ އަމުރު ކޯޓުން ދޫ ނުކުރާނެކަން ކަށަވަރު ކުރުން ކަމަށާއި އިންސާނީ ހައްގުތަކާއި މިނިވަންކަމަށް އަރައި ނުގަންނާނެ ކަން ކަށަވަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ މީހެއްކަމަށްވިޔަސް ތަފާތު ކުރުމެއްނެތި ކޯޓުތަކުން އެ ރައްކާތެރިކަން ކަށަވަރު ކޮށްދޭންވާނެ ކަމަށްވެސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.
އެހެންކަމުން، ބަލައި ފާސްކުރުމުގެ އަމުރަކީ ހަމައެކަނި ފޯމަލިޓީއަކަށް ވެގެން ނުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ އަމުރަކީ އެއްވެސް ސުވާލެއް ނެތި، ސަބަބު ބަޔާންކުރުމެއް ނެތި، އޮޓޮމެޓިކުން ދެވޭ ހުއްދައެއް ނޫން ކަމަށްވެސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.
ޔާމީންގެ ގެކޮޅު ބަލައި ފާސްކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެދިން އިރު، އެ އަމުރު ނެރެދޭ ސަބަބެއް، ގޮތެއް ނުވަތަ ހަމައެއް ބަޔާންކޮށްފައި ނެތް ކަމަށާއި ބަލައި ފާސްކުރުމުގެ އަމުރެއް ނެރެދޭ އިރު، އެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ގޮތް ސާފުކޮށް އެނގެން ޖެހޭނެ ކަމަށްވެސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.
އިންސާފުވެރިކަމާ އެކު ކުރި ހުކުމެއްކަން ކަށަވަރު ކުރެވޭނީ، މައްސަލައިގައި ހުރި ހެކިތަކަކީ ކޮބައި ކަމާއި ހެކި ވަޒަންކުރި ގޮތާއި ހުކުމަށް ވާސިލުވި ގޮތް ބަޔާންކޮށްފައި އޮވެގެން ކަމަށެވެ. އެހެންކަމުން އެ އަމުރު ބާތިލުކުރަން ޖެހޭ ކަމަށް ދެކެވަޑަައިގަންނަވާ ކަމަށްވެސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.
ފަނޑީޔާރު ނިޔާޒުގެ ރައުޔު އިއްވަވަމުން ވިދާޅުވީ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކަމަކީ ކުށަކަށް ވީގޮތެއް އަމުރަށް އެދި ހުށަހެޅި އިރު އެނގެން ނެތް ކަމަށެވެ.
އެ ބެނާއަކީ ކުށަކާ ގުޅިފައިވާ ހެއްކެއް ކަން އެނގެން ނެތް ކަމަށާއި އިންޑިއާއާ ދެކޮޅު ކަމެއް ކަމަށް ބުނެ ފުލުހުން ނަގަން ބޭނުންވީ ހަމައެކަނި އެ ބެނާ ކަމަށާއި އެކަމާ ގުޅުންހުރި ޓީޝާޓެއް ވެސް ހޯދަން އެދިފައި ނެތް ކަމަށާއި އެކަމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ބެނާއަކީ ދޫވެހީގެ ބޭރުގައި ހުރި ހޮޅިތަކެއްގައި، މައި މަގަކަށްވާ ގޮތަށް ނަގާފައި ހުރި ބެނާއެއް ކަމަށާއި ފުލުހުން ބޭނުން ނަމަ ޔާމީންގެ ގެކޮޅަށް ނުވަދެ ވެސް ބެނާ ނައްޓާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނުން ތަޖުރީމުކޮށްފައިވާ ކުށެއްގެ މައްޗަށް ނުފެތޭ ހާލަތެއްގައިވާ އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފަނޑީޔާރު ނިޔާޒު ވިދާޅުވިއެވެ.
އެހެންކަމުން، ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ކުރިމިނަލް ކޯޓުން ނެރުނު ބާތިލް ކަމަށް ހުކުމް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު