އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއަށް އިންޒާރު ދެއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެކަން ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
"އެކަން އޮންނަ އުސޫލަކީ ސޯޝަލް މީޑިއާގައިވެސް އަދި ޕޯޑިއަމެއްގައި ނަމަވެސް ފަނޑިޔާރަކަށް އަމާޒުކޮށް އެއްވެސް ފަރާތަކުން އިންޒާރުދީފި ނަމަ، ޖޭއެސްސީން އެކަން ފުލުހަށް ހުށަހަޅާނެ، އެ އުސޫލުނުް ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންްޒާރު ދެއްވި މައްސަލަވެސް ވާނީ ފުލުހުންނަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަޑައިގަންނަވަން ޖެހޭނީ ގެއަށް ނޫނީ ޖަލަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން އިންޒާރު ދެއްވީ، މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައެވެ.
އެ ޖަލްސާގައި ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިޔެން ޖެހޭނެކަން ފާހަގަކުރައްވައި ޔާމީން ވަނީ، މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ހުކުމްކުރެއްވީ، އެ ހުކުމް ކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އަލީ ރަޝީދަށް ވެސް ވިސްނެން ވާނެ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީނދެވޭނެކަން. ވަކި ކަމެއް، ވަކި ބަޔަކު އެދުނު ގޮތަށް ކޮށްދިނީމަ ހެދުނު ޖަމްޕެއް ތިއީ،" ޔާމީން ވިދާޅުވިއެވެ.
ފަނޑިޔާރު ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ ތަޖުރިބާތަކެއް ނޫނީ އެހެން ގޮތަކުން އޭނާ މޮޅުވެގެން ނޫން ކަމަށާއި ސަރުކާރާ ގުޅުންހުރި ބޭފުޅުން ބޭނުންވާ ގޮތަށް ހުކުމްކުރަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.