ޔޫއެފާ ޗެމްޕިއަންސް ލީގު

ރެއާލް އަނެއްކާވެސް ޔޫރަޕްގެ ރަސްކަމަށް، ރެކޯޑު 14 ވަނަ ތަށި!

ފްރާންސްގެ ޕެރިހުގައި މިރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި 1-0 އިން ލިވަޕޫލް ބަލިކޮށް، ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް ޔޫރަޕްގެ ކްލަބު ފުޓުބޯޅައިގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ތާރީހީ ގޮތުންވެސް ޔޫރަޕްގެ ރަސްކަން ކުރަމުން އަންނަ ޓީމަކީ ރެއާލް މެޑްރިޑެވެ. މެޗަށް ނުކުތް އިރު ރެއާލްއިން ޔޫރަޕްގެ ތަށި ރެކޯޑު 13 ފަހަރަށް ނަގާފައި އޮތް އިރު، ލިވަޕޫލުން އޮތީ ހަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމެވެ.

ރެއާލްއިން ފައިނަލަށް ދިޔައީ އާދަޔާ ހިލާފު ނަތީޖާތަކެއް ނެރެފައެވެ. ވަރުގަދަ ބާރުތައް މުބާރާތުން ކަޓުވާވެސް ލައިފައެވެ. ރެއާލްއިން ނޮކްއައުޓް ބުރުގައި ޕީއެސްޖީ އާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީވެސް ކަޓުވާލާފައި ދިޔަ އިރު، ލިވަޕޫލް ފައިނަލާ ހަމައަށް ދިޔައި ވިލަރެއާލް އާއި އިންޓަ މިލަނާ އަދި ބެނިފީކާވެސް ކަޓުވާލައިފައެވެ.

ލިވަޕޫލާއި ރެއާލް ވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެ މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ލިވަޕޫލާއި ރެއާލް ވަނީ ޕެރިހުގައިވެސް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފައެވެ. އެއީ 1981 ވަނަ އަހަރުގައެވެ. އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ތާރީހީ ޔޫރަޕްގެ ގަދަ ދެ ބާރު މިރޭގެ މެޗަށް ނުކުތީ އަނެއްކާވެސް ޔޫރަޕްގެ ރަސްކަމަށް އެރުމަށެވެ.

މެޗުގެ ކުރިން ދެޓީމުގެ ސަޕޯޓަރުންވެސް ދިޔައީ ޕެރިހުގެ މަގުތަކުގައި އުފާފާޅުކުރަމުންނެވެ. ސަޕޯޓަރުންނާ ހެދި ޕެރިހުގެ މަގުތައްވެސް ފުރި ބާރުވެފައި އޮތުމުން ލިވަޕޫލްގެ ޓީމު ބަހަށް ދަނޑަށް ދިޔުމަށްވެސް އުނދަގޫތަކަކާ ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ފެށުން 36 މިނެޓު ފަސްކުރަން ޖެހުނެވެ.

ދެޓީމުން މިރޭގެ މެޗަށް ނެރުނީ އާންމުކޮށް ސީޒަނުގައި ނެރެމުންދާ ފުރަތަމަ 11 އެވެ. ލިވަޕޫލްގެ ކުރިން މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ލުއިސް ޑިއާޒް ފެނިގެން ދިޔަ އިރު، ރެއާލްގެ ފޯވަޑް ލައިން ލީޑުކުރަން ނުކުތީ ކަރިމް ބެންޒެމާ އާއި ވިނީޝިއަސް ޖޫނިއާއެވެ. ބެންޒެމާއަކީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ފޯމު ރަނގަޅު ކުޅުންތެރިޔާއެވެ. ފައިނަލަށް ނުކުތްއިރުވެސް އޭނާ ވަނީ 15 ގޯލު މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖަހައިފައެވެ.

މެޗު ފެށިގެން ފުރަތަމަ 20 ވަރަކަށް މިނެޓުގައި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. ފުރަތަމަ ކޮޅުގައިވެސް ފެނުނީ ލިވަޕޫލްގެ ހަމަލާތަކެވެ. ރެއާލްއަށް ކުރިއަށް ޖެހިލަންވެސް ވަގުތެއް ނުދީ ލިވަޕޫލުން ފުލުފުލުގައި ހަމަލާތައް އުފެއްދި އިރު، ސަލާހުގެ ދެ ހަމަލާއެއް މަތަކުރީ ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޝުއާއެވެ. އެލެކްސެންޑްރާ އާނޯލްޑަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، މާނޭ އޭރިއާ ތެރެއަށް ޖެހި ބާރު ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތީ ކޯޝުއާގެ މޮޅު ސޭވްއަކާ އެކުގައެވެ.

ލިވަޕޫލުން ފުރަތަމަ ކޮޅުގައި ހަމަލާތައް އުފައްދަމުން ދަނިކޮށް، ހާފުގެ ފަހުކޮޅުގައި ރެއާލްއިން މަޑުމަޑުން މެޗު ތެރެއަށް ވަންނަމުން ދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރެއާލްގެ ބެންޒެމާ ޖެހި ބޯޅައެއް ގޯލަށް ވަންވެސް މެއެވެ. އެއީ ގޯލެއް ނޫން ކަމަށް ނިންމީ ބޯޅަ ޖެހި އިރު ބެންޒެމާ އޮފްސައިޑު މަގާމެއްގައި ހުރުމުންނެވެ. ބެންޒެމާ އޮފްސައިޑު ކަމަށް ރެފްރީ ނިންމީ މިނެޓެއް ހާއިރު ވަންދެން ވީއޭއާރް ބެލުމަށް ފަހުއެވެ.

ދެވަނަ ހާފު ރެއާލްއިން ފެށީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކޮށެވެ. ފުރަތަމަ ހާފަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލްއިން ހާފު ފަށައި، ފުރަތަމަ ނުރައްކާތެރި ހަމަލާއާއެކު މެޗުގެ ލީޑުވެސް ނެގިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްއަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އަރިމަތިން ފެޑަރީކޯ ވަލްވާޑޭ ކުރިއަށް ޖެހި ނެގި ހުރަސް، އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ގޯލަށް ވައްދާލީ ވިނީޝިއަސްއެވެ.

ރެއާލްގެ ގޯލާއެކު މެޗުގެ އޮއިވަރު ރެއާލް ކޮޅަށް ކޮންމެވެސް ވަރަކަށް އެނބުރު ނަމަވެސް ދެންވެސް ފެނުނީ ލިވަޕޫލްގެ ނުރައްކާތެރި ދެ ހަމަލާއެކެވެ. ދެ ހަމަލާވެސް ފެނުނީ ސަލާހުގެ ފަރާތުންނެވެ. ސަލާހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގެ އިތުރުން އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކޯޝުއާއެވެ.

އެ ހަމަލާތަކަށް ފަހުވެސް މެޗުގައި ގޯލު ޖަހަން ލިވަޕޫލަށް އިތުރު ފުރުސަތުތައް ލިބުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީވެސް މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބެލްޖިއަމްގެ ގޯލްކީޕަރު ކޯޝުއާއެވެ. ސަލާހު އަރިމަތިން ޖެހި ބާރު ހަމަލާއެއްގެ އިތުރުން ބަދަލަކަށް މެޗަށް ނުކުތް ރޮބާޓް ފިރްމީނޯ ޖެހި ބޯޅަވެސް ސޭވްކުރީ ކޯޝުއާއެވެ.

ރެއާލްއިން މެޗުގެ ފަހު ކޮޅުގައި ކައުންޓާއަށް ބޮޑަށް ވިސްނައިގެން ކުޅުނު އިރު، ލިވަޕޫލުން ގޯލަކަށް ބުރަކޮށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.