ރިޕޯޓް

ކުނި ފަރުބަދައިގެ މަތިން ތިލަފުށި: ފެނުނު މަންޒަރާއި ހުރި ތަފާތު

ރިފާ ހަލީލު

ތިލަފުށްޓޭ ބުނީމަ އެންމެންގެ ހިތަށްވެސް އަންނަނީ އެތަނުން އަރާ ކަޅުދުމާއި، ކުނީގެ ވަހެވެ. މެހިތަކާއި ޗަކަތަކެވެ. ބޮޑު ކުނި ފަރުބަދައިން އަރާ ބޯދުމުގެ ސަބަބުން ނޭވާލާން އުނދަގޫވުމެވެ. އެކަމަކު އެއީ މީގެ ހަތަރު ފަސް ވަރަކަށް އަހަރުގެ ކުރި އެވެ. މާޒީ އެވެ.

ވަން ގެ ނޫސްވެރީން ތިލަފުށްޓަށް ގޮސް އަރައިލުމުން ބޮޑު ކުނި ފަރުބަދަ އެންމެ ފުރަތަމަ ލޮލުގައި އަޅައިގެން ނަމަވެސް އެތަނުން އަރާ ދުމެއް ނުފެނެ އެވެ. ތަރުތީބުން ކުނި ވަކި ކުރުމުގެ މަސައްކަތުގައި އަވަދިނެތި ބަޔަކު އުޅޭތަން ފެނެއެވެ. ބޮޑެތި ކުނި ކުދިކޮށް، ކުދިނުވާބައި ވަކިކޮށް ޗަސްކުރާތަނެވެ. ކުދި ކުރާ މެޝިނުން ކުދިކޮށް ނިމުމުން އެ ކުނިތައް އެހެން މެޝިަނަކަށްލައެވެ. އެ މެޝިނުން ކުރާ ކަމެއް ބަލައިލަން ކައިރިއަށް ޖެހިލުމުން ފެނިގެންދަނީ ކުނިތައް ޗަސްކޮށް ފިއްތާ މަންޒަރެވެ. ވަރަށް ޝައުގުވެރި މަންޒަރެކެވެ. މިއީ ކުނިތަކުގެ ތެރެއިންވެސް ބައެއް ކުނިތަކެވެ.

މިއީ އިއްޔެ ނޫސްވެރިންނާއެކު ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަނާއި އެންވަޔަރަމަންޓު މިނިސްޓްރީން ތިލަފުއްޓަށް ކުރި ދަތުރުގެ ތެރެއިން ފެނުނު ބައެއް މަންޒަރުތަކެވެ.

ގޭގައި ތިބެ ދޮރުމައްޗަށް ކުނިކޮތަޅު ނެރެލުމުން ވެމްކޯގެ ހީވާގި މުވައްޒަފުން ކުނި އުކައިދެ އެވެ. އެ ކުންޏާއި ދޭތެރޭ އަމަލު ކުރަނީ ކިހިނެއްތޯ އެއްވެސް މީހަކު ބަލައެއް ނުލައެވެ. ބަލަން ބޭނުމެއްވެސް ނުވެ އެވެ. އަބަދުވެސް އިވެމުންދާ ވާހަކައަކީ އުފުލިތަކުގައި ކުނި ގެންގޮސް ތިލަފުށިގައި ހުންނަ ފަރުބަދައަށް އަލައިލާ ވާހަކައެވެ. އެއީ މީގެ ކުރިން އަމަލު ކުރިގޮތެވެ. އެކަމަކު ޒަމާނަށް އައި ބަދަލާއެކު މީހުންގެ ވިސްނުންވެސް ބަދަލުވާންޖެހެ އެވެ. ކުނި ނައްތާލެވެނީ ރައްކާތެރިގޮތުގައިތޯ ބަލަން އެބަޖެހެ އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ވެމްކޯ އިން ކުނި ނައްތާލަނީ އަލިފާން ބޭނުން ނުކޮށެވެ. އަންދައިގެނެއް ނޫނެވެ. ބޮޑެތި މެޝިނަރީތަކުގައެވެ. ކޮންމެ ލޮރީއަކުންވެސް ގެންދަނީ ކިތަށް ޓަނުގެ ކުނިތޯ ބަލައި ކިރައިފައެވެ. ވެހިކަލް ނަންބަރުންފެށިގެން ކުނީގެ އަދަދާއި ގެންދަނީ ކޮންކަހަލަ ކުނިތަކެއްތޯވެސް ރިކޯޑު ކުރުމަށްފަހުގަ އެވެ. ޒަމާނުއްސުރެ އޮންނަ ކުނި ފަރުބަދަ މައްޗަށް އިތުރަށް ކުންޏެއް ނާޅަ އެވެ. މިހާރު އެތަނަށް އަޅަނީ ހަމައެކަނި ގޭބިސީތަކުގެ ބަދިގޭގައި އުފެދޭ ކުނި އެކަންޏެވެ. އެކަމަކު އެކަންވެސް ކައިރި މުސްތަގުބަލެއްގައި ހުއްޓާލާނެ އެވެ.

ކުނި މެނޭޖުކުރުމަށް ސަރުކާރުގެ ސިޔާސަތު:

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ މާލެ ސަރަހައްދުން އުކާލާ ކުނި ނައްތާލައި، އެއިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށައިފައެވެ. އެ މަޝްރޫއަށް ދީފައިވާ ނަމަކީ "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" އެވެ. އެ މަޝްރޫއު ނިމޭއިރު ތިލަފުށިން ފެންނަން ހުންނަ ކުނީގެ ފަރުބަދަ ގެއްލި ތިލަފުށީގެ މަލަމަތި ރީތިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެއީ ކުނި އަންދާލުމުގެ ބަދަލުގައި ކުނިން މެނޭޖުކޮށްގެން އެއިން ހަކަތާ އުފައްދެއްމުގެ މަޝްރޫއެކެވެ.

ގްރޭޓާ މާލޭ އޭރިއާގެ ސަރަހައްދުން ތިލަފުއްޓަށް ދުވާލަކަށް 500 ޓަނާއި 700 ޓަނާ ދެމެދުގެ ކުނި ޖަމާކުރެއެވެ. "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" ޑިޒައިންކޮށްފައިވަނީ އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ޕްލާސްޓިކް ކުނި ރީސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ތިލަފުށީގައި ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ރެޕްކޮށް ރައްކާތެރި ގޮތުގައި ގުދަން ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ނޫސްވެރިންނާއެކު އިއްޔެ، ކުނިފަރުބަދައިގެ އެންމެ އުހަށް އަރައިލުމުން ފެނިގެންދިޔައީ މި ބޭލިން މެޝިނުން ހުއްޓާނުލައި މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަދި ރެޕްކޮށް ގުދަންކޮށްފައިވާ ކުނިތައްވެސް ފެނިގެންދިޔަ އެވެ. މިއިން ހާމަވެގެންދަނީ މި ސިޔާސަތަކީ ދޯހަޅި ނުވަތަ ހަމަ އެކަނި ސުރުހީ އަޅައިލުމަށް ހިންގާ ސިޔާސަތެއް ނޫންކަމެވެ. އަމަލުން އެކަން ފެނިގެން ދިޔުމަކީ ރައްޔިތުންނަށްވެސް ލިބޭނެ ބޮޑުލުޔެކެވެ. އަދި ކުނީގެ ސަބަބުން ދިމާވާ ސިއްހީ އެތައް ބައްޔަކުން ސަލާމަތްވުމުގެ ފުރުސަތުވެސް މިކަމުގެ ސަބަބުން ބޮޑުވެގެންދެ އެވެ.

ދެ ފިޔަވެއްސަކަށް ބަހާލައިގެން ކުރިއަށްދާ މި ޕްރޮޖެކްޓަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އޭޑީބީގެ ހިލޭ އެހީ އާއި ކޮންސެޝަނަލް ލޯނު އަދި އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާނު ފަންޑްފޯ ޕަވަޓީރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ސަރުކާރުންނެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާންސްޓްރަކްޗާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގެ ބޮޑު ކުނިގޮނޑު އޮތްތަނުން އެއްފަރާތްކޮށް އެތަނުގައި ހާބަރެއް ހަދައި، ތިލަފުށްޓަށް ކުނި ގެންގޮސް ބައިލާނެ ސަރަހައްދު ތަރައްގީކޮށް އެކި ބައިބަޔަށް ކުނި، ވަކި ކުރުމުގެ އިންތިޒާމު ގާއިމު ކޮށްފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި، ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމުކޮށް، މަރާމާތު ކުރެވޭނެ ކަމަށާއި، ކުނި މެނޭޖު ކުރުމަށް އެރަށްރަށަށް އުޅަނދާއި، އެކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންފާ ސްޓޭޝަނެއް ގާއިމު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތްތަކާބެހޭ ކޮންޓްރެކްޓްގައި މިހާރު ސޮއިކޮށްފައިވާނެ ކަމަށާއި، މި ސަރަހައްދުތަކުގެ ކުނި ތިލަފުއްޓަށް ގެންދިއުމަށް ބޭނުންވާ އުޅަނދުފަހަރު ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ގްރޭޓާ މާލެ އެންވަޔަރަމަންޓު ޕްރޮޖެކްޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު ޖަލީލް ވިދާޅުވީ ރަށްރަށުން ނައްތައިނުލެވޭ ކުނި ގެންނާނީ ކޮންޓެއިނަރު ތަކުގައި ކަމަށެވެ. އަދި މި ކޮންޓެއިނަރުތައް އުފުލުމަށް ހާއްސަ އުފުލިތައް ބަނުމަށް މިހާރުވެސް އިއުލާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހީގައި ހިމެނެނީ ވޭސްޓް އެނާޖީ ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކަމަށާއި، އެކަމަށް، ސްޕެއިންގެ މަޝްހޫރު އުރުބާސާ ކުންފުންޏާއެކު ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ ދަށުން އެކުންފުނިން އެތަން އޮޕަރޭޓް ކުރާނީ 15 އަހަރުގެ މުއްދަތަށް ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް 8.5 މެގަވޮޓާ ހަމައަށް ކަރަންޓް އުފެއްދޭނެ އެވެ. އެ ޕްރޮޖެކްޓުގެ ފެސިލިޓީ އޮޕަރޭޓް ކުރުމަށް ހިންގާ ހަރަދު ހޯދުމަށް ހަމަޖެހިފައި ވަނީ، ކުނިން އުފައްދާ ކަރަންޓް ވިއްކައިގެންނާއި، ކުނި އަންދައިގެން ލިބޭ އަޅި ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނެން ގޮތްގޮތުންނެވެ. އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން ކަމަށާއި، 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ 60 އިންސައްތަ ކުނީގެ މައްސަލަ ހައްލުކުރުމެވެ.

ދުން އެރުން ހުއްޓާލީ ކިހިނެތް؟

މާލޭގެ ކުނި ތިލަފުށްޓަށް ފުރަތަމަ ގެންދެވުނީ ހަތެއް ޖެނުއަރީ 1992 ގައެވެ. މާލޭގައި (މާލެ،ވިލިނގިލި،ހުޅުމާލެ) އުފެދޭ ކުނި ތިލަފުށްޓަށް އުފުލަމުންދަނީ ސަރުކާރުގެ ހަރަދުގައި 15 ޓަނުގެ ޑަމްޕް ޓްރްކުގައި ކޮޅުވެއްޓީގެ އެހީގައެވެ. އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކުން ތިލަފުށްޓަށް ކުނި އުފުލަނީ އެފަރާތްތަކުގެ އަމިއްލަ ހަރަދުގައި ދޯނިފަހަރާއި ބާޖުގަ އެވެ.

ތިލަފުށީގައި ކުނި ނައްތާލުމަށްޓަކައި ފަރަތަމަ ބޭނުންކުރިގޮތަކީ ތިލަފަޅުމަތީގައި 50 ފޫޓު ދިގު 50 ފޫޓް ފުޅާ ވަޅެއް 15 ފޫޓް އަޑިއަށް ކޮނެ ލިބޭ ވެލިތަކުން ވަޅުގެ ވަށާފާރު 20 ފޫޓް ފުޅާކޮށް ތައްޔާރުކުރުމަށްފަހު ވަޅުގަނޑުގެ އެތެރެއަށް ކުނި އަޅަމުންގޮސް ފުރުމަށްފަހު ވަޅުގެ މައްޗަށް ގާކުނޑި އަޅައި އެއްވަރުކޮށް ރީތި ބިމަކަށް ހަދާލަނީ އެވެ. ތިލަފުށްޓަށް ކުނި ގެންދަންފެށިތާ ކުރީކޮޅު މާލޭގައި ޖަމާވެފައިވާ ކުނީގެ އަދަދު ބޮޑުކަމުން ހުރިހާ ވައްތަރެއްގެ ކުންޏެއް އޮތީ ވަރަށްބޮޑަށް އެކުވެ އެކައްޗަކަށްވެފައެވެ. އެދުވަސްވަރު ކުނީގެ ބާވަތްތައް ވަކިކުރާނެ ވަގުތާއި ޖާގަ ނެތުމުން ތިލަފުށީގައި ހެދުނު ވަޅުގަނޑުތަކަށް ތިލަފުށްޓަށް ގެންދެވޭ ކުނި އަޅަމުން ގެންދިޔައީ ހުރިގޮތަށެވެ.

މިގޮތަށް ކުނި އަޅަމުން ގޮސް ކުނި ނައްތާލުމަށް ކުރާ ހަމައެކަނި ކަމަކީ އެންދުމެވެ. އަބަދުވެސް ހުންނަނީ ރޯވެފަ އެވެ. ކަޅު ދުން އަރައަރަ އެވެ. ކުނި އަޅާވަރަކަށް އަލިފާންގަނޑު ބޮޑުވެ އަނދަނީ އެވެ. އޭރު މާލެ ކައރީގެ ރަށްތަކުގައްޔާއި ރިސޯޓުތަކަށް މި ދުމުގެ އަސަރުކޮށްގެން ޝަކުވާ ކުރެވެ އެވެ. ހުއްޓުވަން ކުރެވުނު ކަމެއް ނެތެވެ. ނަމަވެސް މިހާރު އެ ޝަކުވާގެ އަޑެއް ނީވެ އެވެ.

ދުން އެރުން ހުއްޓުވަން ސަރުކާރާއި ވެމްކޯއިން ކުރި މަސައްކަތުން އެ ތަން ރީތި ފެހި ތަނަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދުން އެރުން ހުއްޓުވުމަށް ތަފާތު އެކި ކަހަލަ މެޝިނަރީޒް ބޭނުން ކުރި އެވެ. ކުނިތައް ކުދިކޮށް ކޮމްޕްރެސްކޮށް ރެޕްކޮށް ގުދަން ކުރަނީ އެވެ. މި ކުނިތައް އެއްކޮށް ނައްތާލަން އިތުރު މެޝިންތައް ރާއްޖެ ގެނެސް ކުރިއަށް އޮތްތާނގައި މިއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ވައި ތަގައްޔަރުވެފައިވާ މިންވަރު ކުޑަވެ، މީހުންނަށް ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެއެވެ.

ކުނި ފަރުބަދަ ރީތި ފެހި ބަގީޗާއަކަށް ހެދުމުގެ އަމާޒު!

މީގެ ކުރިން ކުނިފުންޏާ 10 ފޫޓަށްވެސް ކައިރިއެއް ނުވެބެއެވެ. އެކަމަކު މިއަދު ހުރިހާ އެންމެންވެސް އެރީ ކުނި ފުނީގެ އެންމެ މައްޗަށެވެ. ބޮޑު ފަރުބަދައެއްގެ މައްޗަށެވެ. 30 އަހަރު ވީ ބޮޑު ކުނިފުނިން ދުން އެރުން ހުއްޓުވުނީ ގްރޭޓާ މާލެ ވޭސްޓު މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ކުރި މަސައްކަތުނެވެ.

ކުނިފުންޏަށް ދެން ހަދާނީ ކިހިނެއްތޯ އަހާލުމުން އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މި ކުނިފުންޏަށް އެއްވެސް ގޮތެއް ނަހަދާނެ ކަމަށެވެ. އަދި އެތަން ސާފުކުރުމަށްފަހު އެތަން ފެހިކޮށް ރީތި ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތާނގައި ފެށިގެންދާނެ ކަމަށެވެ.

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓުގެ ދަށުން ތިލަފުށީގެ މި ކުނިފަރިބަދަ ފެހި ކުރުމަށް ހަދާފައިވާ ޕްލޭންވެސް ހިއްސާކުރެއްވިއެވެ.

ގޭގައި އުފެދޭ ކުނި ވަކި ކުރަނީ ކީއްވެ؟

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ހުރިހާ ބާވަތެއް މަސްހުނިކޮށްގެން ނެރެމުން އަންނަ ކުނި ވަކިކޮށްގެން ނެރުމަށް ވޭސްޓުމެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެ ކޯޕަރޭޝަނުން ބުނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ.

އެ މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނެއުމަށްޓަކައި، އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ކުނިވާޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅީގެން އިތުރުން އެހެނިހެން ބާވަތްތަކުގެ ކުނި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެރެންޖެހޭނީ ވަކި ކޮށްގެންނެވެ.

މިގޮތަށް ކަންތައް ކުރުމުން ގޭބިސީތަކުން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީންނާއި ވެމްކޯއިންވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ދެން އުފެދޭ ސުވާލަކީ ގޭގެއިން ކުނި ވަކި ކޮށްގެން ނެރެންޖެހެނީ ކީއްވެ ހެއްޔެވެ؟

"ހަގީގަތަަށް ބުނާނަމަ ބައެއް މީހުން ހިތަށް އަރާނެ ތިމަންނާ ގޭގެ ދޮރުމައްޗަށް ކުނި ކޮތަޅު ނެރުނީމަ އެ ހިފައިގެންގޮސް ތިލަފުއްޓަށް އެއްލާލަނީ އޭ. އެކަމަކު އެހެނެއް ނޫން އަޅުގަނޑުމެން ކަންތައް މި ކުރަނީ. އެ ކުނިކޮތަޅުތެރެއިން ޕްލާސްޓިކާއި ދަގނަޑާއި ބިއްލޫރި ވެސް އެބަ ވަކި ކުރަންޖެހޭ. މިހުރިހާ ކަމެއް ކުރަންޖެހޭނީ އަޅުގަނޑުމެން މުވައްޒަފުން. އެހެންވީމަ މި ހުރިހާ މަސައްކަތެއް ކުރަން މުވައްޒަފުން ހޯދަންވެސް އަޅުގަނޑުމެންނަށް އެބަ ދަތިވޭ. އެހެންވެ ކުނި ވަކި ކޮށްގެން ނެރުނީމަ އަޅުގަނޑުމެންނަށްވެސް ލުއި ފަސޭހަވެގެންދޭ." ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މެޝިނަރީޒްތައް ހުރި ނަމަވެސް މިއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެމްކޯގެ ބޭފުޅުން ވިދާޅުވި އެވެ. އަދި މިހުރިހާ ދުވަހު އެމީހުން ކުނިތައް ވަކި ކުރަމުންދިޔައީ އަތުން ކަމަށާއި މެޝިނެއް ލިބުނީ ވަރަށް ފަހުން ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ވެމްކޯއިން ބުނީ ރާއްޖޭގެ ކުނިމެނޭޖް ކުރުމާބެހޭ ގަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އަންނަ މަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ވެމްކޯ އިން ބުންޏެވެ.

އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށާއި މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައި ކަމަށެވެ. ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައި ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.