ދަރަނީގެ މައްސަލަތަކުގެ ސަބަބުން އެފްއޭއެމް އާއި ފީފާގެ ފަރާތުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައި އޮތް، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް، އަހުމަދު ވާސިފް ރޭ އިންތިހާބުކޮށްފިއެވެ.
ނިއުގެ މަސައްކަތް އަލުން ފެށުމަށް ރޭ ވަނީ ހާއްސަ އާންމު ޖަލްސާއެއް ބާއްވައިފައެވެ. ރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ޝީ ބިލްޑިންގައެވެ. ނިއުގެ އާ ބޯޑަށް ރޭ މީހުން އިންތިހާބު ކޮށްފައި ވަނީ ފެންނަ ނުފެންނަ ވޯޓު ލައިގެންނެވެ. އެއީ މަގާމުތަކަށް ކުރިމަތިލީ އެކަށީގެންވާ އަދަދަށް ކަމަށްވާތީއެވެ.
ނިއުގެ އާ ބޯޑުން ފެނިގެން ގޮސްފައި ވަނީ ދާދި ފަހުން ވުޖޫދުކުރި ކްލަބް, ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ބޯޑުގައިވެސް ހިމެނޭ ގިނަ ފަރާތްތަކެކެވެ. އެގޮތުން ޗެއާމަނަކަށް އިންތިހާބުވި، ވާސިފްއަކީ ރޭޑިއަންޓްގެވެސް ޗެއާމަނެވެ. އަދި އޭނާއަކީ އެންމެފަހުން އުވިދިޔަ ނިއުގެ ބޯޑު މެމްބަރެއްވެސް މެއެވެ.
ވާސިފްގެ އިތުރުން ނިއުގެ މަގާމުތަކަށް އިންތިހާބުވެފައިވަނީ، ވައިސް ޗެއާމަންގެ ދެ މަގާމަށް އިސްމާއިލް ރަޝީދު، ޒަހީނުއްދީން ސައީދު، ސެކްރެޓަރީ އަކަށް ސާއިދު އަލީ ދީދީ (މޫސާ ސާއިދު)، ހަޒާންދާރަކަށް އަހުމަދު ހުސެއިނެވެ. މީގެ އިތުރުން ބޯޑުގައި ދެން ތިބި ހަތަރު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ މުހައްމަދު ޔޫސުފް، ލުއައްޔު އާދަމް، އާސިމް ރިޒާ އަދި މުހައްމަދު މާލިކެވެ.
އެންމެންވެސް ނިއު ބޯޑަށް ރޭ އިންތިހާބުވީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތު ލިބިގެންނެވެ.
ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިން މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.
ނިއުގެ ރޫހު އަލުން ގެނައުމަށް ރާވައި، ސަޕޯޓަރުން އިސްވެ، ދާދި ފަހުން ވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމުގައި ނުލާއި ހުދުގެ ކްލަބެއް ވުޖޫދު ކޮށްފައެވެ. އެއީ ވާސިފް އިސްވެ ހުރެ އުފެއްދި ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ ކްލަބަށް ކުރިއަށް ނުދެވުނީ އެ ކްލަބަކީ ނިއުގެ "ސްޕޯޓިން ސަކްސެސާ" ގޮތުގައި އޭއެފްސީން ކަނޑައެޅުމުންނެވެ. ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ބެލޭ މިންގަނޑަކީ ދަރަންޏެއް އޮތުމުގެ ސަބަބުން ސަސްޕެންޝަނެއްގައި އޮތް ކްލަބެއްގެ މަސްލަހަތު އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިވެގެން އެހެން ކްލަބެއް ވުޖޫދުކުރުމެވެ.
ނިއުއަށް އަލުން ފުޓުބޯޅަ ތެރެއަށް ވަދެވެން އޮތީ ކްލަބުގައި އޮތް ދަރަނިތައް ދައްކައިގެން ކަމަށްވީ އިރު، އާ ބޯޑަށް އޮތް ފުރަތަމަ މަރުހަލާއަކީ ދަރަނިތައް ދެއްކުމެވެ. ރޭގެ ޖަލްސާއަށްފަހު ދެއްކި ވާހަކައިގައި އާ ޗެއާމަން ވާސިފް ފާހަގަކުރެއްވީ ސަރުކާރާ މަޝްވަރާކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެވެސް އެހީފުޅާއެކު އެކަންކަމަށް ހައްލު ހޯދަވަން މަސައްކަތް ކުރާ ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު