Close
ރިޕޯޓް

ކޮވިޑަށް ފަހު ކުޅިވަރުގެ މައިދާނުން ރައީސް ސޯލިހުގެ ފުރަތަމަ ފެނިލުން، އާދަޔާއި ހިލާފު ޖޯޝަކާއި ފޯރިއެއް

އަލީ ޔާމިން

އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)

ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ވިޔަވަތި ކޮންފަރެންސް"އަށް މިރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. މެދުރާއްޖެތެރޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން މި ކޮންފަރެންސަށް މިރަށަށް އައިސްފައިވާއިރު، ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މިރަށަށް ވަޑައިގެންފައެވެ.

ރައީސް ސޯލިހު މިރަށަށް ވަޑައިގަތުމުން ބަނދަރުމަތިން އެމަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެ ތިއްބެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ހިނިތުންވުމެވެ. ރައްޔިތުންނާއި ސަލާމްކުރެއްވުމަށް ފަހު، ރައީސް މިސްރާބު ޖެއްސެވީ ރަށުގެ ދެކުނު ފަރާތުގައި އޮތް ފަސްގަނޑަށެވެ. އެއީ މިރަށުގެ ރީތިކަމުގެ ރަމްޒެވެ. ދޮންވެލި ސާލެއްހެން ދެމިލާފައި އޮތް ނަލަ ދޮންވެލިގަނޑާއި ހަމައަށް ވަޑައިގެންނެވުނުއިރު، އެކިއެކި ކުޅިވަރުތައް ކުޅެން އެސަރަހައްދު އޮތީ ތައްޔާރުކޮށްފައެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާއިރު، ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓުބުރިއެއް ތުރުކުރައްވައިގެން ބޮލުގައި ކަޅުކުލައިގެ ތޮތްޕެއް އަޅުއްވައިގެން ކުޅިވަރު ހެދުމުގައި ރައީސްވެސް އެ ސަރަހައްދަށް ވަޑައިގެންނެވީއެވެ. ލައުޑް ސްޕީކަރުން، ކުޅިވަރުތަކުގެ ޓީމްތަކުގެ ނަންތަކާއި ކުޅިވަރުތައް ކިޔަމުން ދިޔައިރު، ރައީސް ސޯލިހުގެ މާލިމީ ކަމުގައި ފުރަތަމަ ކުޅުނު ކުޅިވަރަކީ ވާ ދެމުމެވެ.

ވާދެމުމުގައި ރައީސްގެ ޓީމުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒްވެސް ހިމެނިވަޑައިގެންނެވިއެވެ. ވަލުގައި، ދެއަތުން ބާރަށް ހިފަހައްޓަވައި، ވަލަށް ވާންވުމާއެކު، ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔައީ އާދަޔާ ހިލާފު ޖޯޝެކެވެ. މޮޅުވުމަށް ކަށިން ހިތްވަރުނެރެ ކުރި މަސައްކަތެވެ. ލީޑަޝިޕްގެ ކުޅަދާނަ ކަމެވެ. އެ މެޗުން މޮޅުވީ، ރައީސްގެ ޓީމެވެ. ވަލުގައި ހިތްޕެވިލެއް ބާރުކަމުން ރައީސްގެ އަތުން ކޮންމެވެސް ވަރަކަށް ހަންމަށައިގެންވެސް ދިޔައެވެ.

ވާދެމުން ނިންމުމަށް ފަހު، ދެން އޮތީ، ގޯލަށް ބޯޅަ ޖެހުމުގެ މުބާރާތެކެވެ. ކޮންމެ ބައިވެރިޔަކަށްވެސް އެއް ފުރުސަތު ލިބޭއިރު، އެ މުބާރާތްވެސް ކުރިއަށްގެންދިޔައީ ގްރޫޕްތަކަށް ބަހާލައިގެންނެވެ. އެ ކުޅިވަރުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ގޯލަށް ބޯޅަ ޖެހުމުގެ މުބާރާތަށް ފަހު ދެން ކުރިއަށްގެންދިޔައީ ވޮލީ މުބާރާތެކެވެ. ރައީސްގެ މާލިމީކަމުގައި، ޓީމު ރުކުރުވާލައި، ވޮލީވެސް ފޯރީގައި ކުޅުއްވިއެވެ. އެއަށްފަހު، "ރިލެކްސް" ކޮށްލުމުގެ ގޮތުން ރައީސް އެރިވަޑައިގެންނެވީ މޫދަށެވެ. މޫދުގައިވެސް ބައެއް ކަހަލަގެ މޫދު ކުޅިވަރުތައް ކުޅުއްވިއެވެ. އަދި އެކުގައި މޫދަށް އެރިވަޑައިގެންނެވި ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނާއެކު ސަމާސާކޮށް އުޅުއްވިއެވެ.

ކުޅިވަރު ފެސްޓިވަލުގައި ބައިވެރިވެވަޑައިގަންނަވައި މިރަށުގެ ރައްޔިތުންނާއި އަދި މެދުރާއްޖެތެރޭގެ ކައުންސިލަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ރައީސް ހުންނެވީ ވަރަށް ހިތްޕުޅުހަމަޖެހިފައެވެ. މިއީ ކޮވިޑަށް ފަހު ކުޅިވަރު ހަރަކާތެއްގައި އަމަލީ ގޮތުން ރައީސް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރުވެސް މެއެވެ.

"އަޅުގަނޑަށް މިކުރެވެނީ ވަރަށް އުފާވެރި އިހްސާސްތަކެއް، ކޮވިޑާއި ހެދި މިކަހަލަ އިވެންޓެއް ނުބޭއްވި ވަރަށް ގިނަދުވަސްތަކެއްވެގެން މިދިޔައީ. އަޅުގަނޑުމެން އިންތިޒާމުކޮށްފައި ހުރި ކަންތައްތަކެއް މިއީ. އެހެންނަމަވެސް ޑިލޭވެގެން ދިޔައީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެކުވެރި މާހައުލެއްގައި ބައްދަލުވެ މިކަހަލަ އިވެންޓްތަކެއް އަޅުގަނޑުމެން ކުރިއަށްގެންދާނަން." މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު އިއްޔެ ހަވީރު މިރަށު ފަސްގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ ކުޅިވަރުތަކުގައި މިރަށަށް ޒިޔާރަތްކުރި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ބައިވެރިވެލެއްވިއެވެ. އެ ކުޅިވަރުތަކަކީ މިއަދު ހެނދުނު ފަށާ ވިޔަވަތިި ކޮންފަރެސްގެ ކުރީން އެންމެން އެކުގައި ވަގުތު ހޭދަކޮށްލައި، މަޖާކޮށް ދެކެފަރިތަވެލުމަށް ބޭއްވި ކުޅިވަރު ފެސްޓިވަލެކެވެ. ކުޅިވަރުގެ ފެސްޓިވަލް ނިންމާލީ ހަވީރުގެ ސައިފޮދަކުންނެވެ.

މިއަހަރުގެ ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅެކެކެވެ. އެ ފެސްޓިވަލް ކުރިއަށްދާނީ މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށެވެ.