ކުޅިވަރު

ގަތަރު ވޯލްޑްކަޕް 2022: މިއީ މެސީގެ ފަހަރުތަ ނޫނީ ރޮނާލްޑޯގެ ފަހަރުތަ؟

އިމާދު ލަތީފު

1

ދުނިޔޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުހޭ އަހައިފިނަމަ އެއްބަޔަކު ބުނާނެއެވެ. އެއީ އާޖެންޓީނާގެ ލިއޯ މެސީއެވެ. އަނެއް ބަޔަކު ބުނާނެއެވެ. އެއީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ކޮންމެއަކަސް އެންމެންވެސް ބުނާނީ މި ދެމީހުންގެ ވާހަކައެވެ. މި ލިސްޓަށް ތިންވަނަ މީހަކު ނާންނާނެއެވެ. މިއީ ދެ މީހުންގެ ލީގެކެވެ. އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ވޯލްޑްކަޕް މި ދެ މީހުންކުރެ މީހަކަށް އުފުލައިލެވިފައެއް ނުވެއެވެ. އެތައްފަހަރަކު ކުޅެފިއެވެ. އެކަމަކު ތަށްޓާހަމަޔަށް ނުދެވެއެވެ. މިފަހަރު ގަތަރުގައި މިކުޅޭ ވޯލްޑްކަޕަކީ ދުނިޔޭގެ ތަށީގައި އަތްލުމަށް މިދެމީހުންނަށްވެސް ލިބޭނޭ އެންމެ ފަހު ފުރުސަތެވެ. މިފަހަރު ލިބުނިއްޔާ ލިބުނީއެވެ. ނުލިބުނިއްޔާ ދެން ހަޔާތުގައިވެސް އެކަން ނުވީއެވެ.

ފަހުގެ ތާރީޚުގައި ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ ރިކޯޑުތަކެއް މުގުރަމުން އައުކުރަމުން ގެންދާ މި ދެކުޅުންތެރިން ވޯލްޑްކަޕަކުން ފެންނާނެ މިއީ އެންމެ ފަހު ފަހަރުކަމަށް ޔަގީން ކުރެވެނީ ދެމީހުންގެ އުމުރުވެސް ސާޅީހާއި ގާތްކޮށްފައިވުމުންނެވެ. މިފަހަރުގެ ވޯލްޑްކަޕް ލިބުނަސް ނުލިބުނަސް ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުން ވޯލްޑްކަޕް ނިމުމާއެކު ބައިނަލްއަގްވާމީ ފުޓްބޯޅައިން ދެމީހުންވެސް ރިޓަޔަރ ކުރާނެއެވެ. އެހެންވީމާ މިހާރުވެސް ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ މެސީއާއި ރޮނާލްޑޯގެ ވަދާއީ ވޯލްޑްކަޕް ކަމުގައެވެ. ވަދާއީ ވޯލްޑްކަޕުގައި ކަށިން ހިތްވަރުނެރެ ހެދުނު އެއްޗެއް ހަދަން ދެމީހުންވެސް ބޭނުންވާނެއެވެ. ރަންއަކުރުން ނަން ފަވާލަން ލިބޭ ފަހު ފުރުސަތުގައި އެކަންކުރެވޭތޯ ގަދައަޅާނެއެވެ.

މެސީގެ އާޖެންޓީނާ އާއި ރޮނާލްޑޯގެ ޕޯޗުގަލްއަށް ވިސްނައިލާއިރު ފޯމުގެ ގޮތުން ރަނގަޅު ހާލަތެއްގައި މިވަގުތު އޮތީ އާޖެންޓީނާކަމަށް ބުނަންޖެހެއެވެ. ވާދަވެރިކަމުގެ މެޗަކުން އާޖެންޓީނާ ބަލިނުވާތާ ތިންއަހަރު ވެއްޖެއެވެ. އެންމެފަހުންވެސް އެކަހަލަ މެޗަކުން ބަލިވީ 2019 ވަނަ އަހަރު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ބްރެޒިލް އަތުންނެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން 2021 ގައި އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ. މެސީއަކީ އެ މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ. މެސީގެ ކްލަބްކަމަށްވާ ޕީއެސްޖީގައި މާއެދެވޭ ކުޅުމެއް މިވަގުތު ނުކުޅެވުނަސް ގައުމީ ޓީމުގައި މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފާއިތުވި ދެތިން އަހަރަށް ބަލާއިރު ޕޯޗުގަލްގެ ދަތުރު އެހާ އޮމާނެއް ނޫނެވެ. މިފަހަރުގެ ވޯލްޑްކަޕަށްވެސް ކިރިޔަކިރިޔާ ކޮލިފައިވީއެވެ. ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ނުވަތަ ޔޫރޯ 2016 ކާމިޔާބުކުރި ފަހުން ޕޯޗުގަލް ފެންނަނީ އޮއްސެމުންދާ ޓީމެއްގެ ގޮތުގައެވެ. ގިނަ މެޗުތަކުގައި ޓީމު ސަލާމަތްކޮށްދެނީ ރޮނާލްޑޯގެ ހިތްވަރުންނެވެ. ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްގައިވެސް ހެދި އެއްޗެއް ހަދައިދިނީ ރޮނާލްޑޯއެވެ. ކަރުދާހުގައި ޕޯޗުގަލް ކިތަންމެހާވެސް ވަރުގަދައެވެ. ބްރޫނޯ ފެނާންޑެޒް ކަހަލަ އެތައް ބަޔަކު އެބަތިއްބެވެ. އެކަމަކު އަދިވެސް ބަރޯސާވެވެނީ އުމުރުން 37 އަހަރު ވެފައިވާ ރޮނާލްޑޯއަށެވެ. މިގޮތް ބަދަލުވެ ހުރިހާ ސިލިންޑަރުތަކުންވެސް ދުންއަރާން ފަށައިފިއްޔާ ޕޯޗުގަލްއަކީވެސް ތަށި ހޯދިދާނެ ޓީމެކެވެ. އެފެންވަރާއި އެހުނަރާއި ތަޖުރިބާވެސް ހުރި ޓީމެކެވެ.

ކެރިއަރުގެ ފަހުބައިގެ ދުވަސްތައް ގުނަމުންދާ ދެމީހުންކަމަށްވިޔަސް ރޮނާލްޑޯއަކީވެސް އަދި މެސީއަކީވެސް މެޗެއްގެ ނަތީޖާ އަނބުރައިލުމުގެ ކެރިކުޅަދާނަކަން އަދިވެސް ލިބިގެންވާ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް ރޮނާލްޑޯއަކީ އަދިވެސް ލަނޑުޖެހުމުގައި އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެކެވެ. އޭނާގެ ހަށިގަނޑުން އަދިވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ފިޓްކަމެވެ. ޒުވާންކަމެވެ. ގްރޫޕް ފިޔަވަހީގައި ރޮނާލްޑޯގެ ޕޯޗުގަލްއަށް އޮތީ އެހާ އޮމާން އަމާން ރާސްތާއެއް ނޫނެވެ. ދެކުނު އެމެރިކާގެ އުރުގުއާއީ އެބައޮތެވެ. އެފްރިކާގެ ގާނާ އެބައޮތެވެ. އަދި އޭޝިއާގެ ދެކުނު ކޮރެޔާވެސް އެބައޮތެވެ. އެހެންވީމާ ޕޯޗުގަލްއަށް ގްރޫޕް ފިޔަވަހީގައިވެސް އޮތީ ތަފާތު ތިން ކޮންޓިނެންޓެއްގެ މުޅިން ތަފާތު ތިން ވައްތަރެއްގެ އިމްތިހާނެކެވެ. ކޮންމެ މެޗެއްވެސް އެހާ ބޮޑެވެ.

ރޮނާލްޑޯއާ ޚިލާފަށް އާޖެންޓީނާގައި މެސީއަކީ ފޯވާޑުންނަށް ބޯޅަ ދީގެން ޓީމުލައްވައި ކުޅުވާ މީހާއެވެ. ރަނގަޅު ތަންތަނަށް ބޯޅަ ސަޕްލައިކުރާ މޭސްތިރިއެވެ. ދޭތެރެޔަކުން ކޮށްޓާފައި ވަދެ ގޮތްގޮތް ހަދައިލިއަސް އެއީ ޕްލޭމޭކަރެވެ. ގްރޫޕް ފިޔަވަހީގައި އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ބިރަކީ ރޮބަރޓް ލެވަންޑޯސްކީގެ ޕޮލެންޑެވެ. ދެން މެކްސިކޯއާއި ސައުދީ އަރަބިޔާއެވެ. މީގެ ތެރެއިން މެކްސިކޯއަކީ އާޖެންޓީނާއަށް އަބަދުވެސް ވާންކުރާ ޓީމެކެވެ. ސައުދީ އަރަބިޔާއަކީ ގޮތްނޭނގޭ ޓީމެކެވެ. ގަތަރުގެ މާހައުލަކީ ސައުދީންނަށް އަމިއްލަ ގައުމުގައި ކުޅުންކަހަލަ މާހައުލެކެވެ. އެހެންވީމާ ގްރޫޕް ފިޔަވައްސަކީ އާޖެންޓީނާއަށް ފަސޭހަކޮށް ނެގެން އޮތް ފިޔަވައްސެއް ނޫނެވެ. އެފިޔަވަހި ކަޑައްތު ކުރުމަށްޓަކައިވެސް މެސީއާއި އެންމެހައި ކުޅުންތެރިންގެ ފަރާތުން ސައްތައިން ސައްތަ ބޭނުންވާނެއެވެ.