ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ފްލެޓުތަކަށް ސެޕްޓެމްބަރު މަހު ކަރަންޓު ދެވޭނެ: އެޗްޑީސީ

މުހައްމަދު އިޝާން

ސަރުކާރު ކުންފުނިތަކުގެ ފްލެޓުތަކަށް ސެފްޓެމްބަރު މަހު ކަރަންޓު ދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ހަވީރު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ ދެ ވަނަ ފޭސްގައި ގާއިމްކުރަމުންދާ ކަރަންޓު ނެޓްވޯކަކީ އެ ކުންފުނިން، ބްރައުންސް-ސީއެމްއީސީއަށް ކޮންޓެރެކްޓް އުސޫލުން ހަވާލުކޮށް ސްޓެލްކޯގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލައިފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށެވެ. ސްޓެލްކޯއިން މިހާރު ކުރަމުންދަނީ އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިން ބަލައިފާސް ކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމާއެކު ވަގުތީ ގޮތުން ކަރަންޓު ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު މަޝްވަރާކުރި ކަމަށެވެ. އަދި ފޭސް ދޭއްގައި ހުރި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކަށް ސްޓެލްކޯ އާއި އެފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވަގުތީ ގޮތުން ކަރަންޓު ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެބެ.

އެގޮތުން އެޗްޑީސީގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި އެކުންފުނިން ހަރަދުކޮށް ސްޓެލްކޯ އާއި ބްރައުންސް-ސީއެމްއީސީއަށް ހަވާލުކޮށްގެން ކަރަންޓު ނެޓްވޯކު ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި އެ އުސޫލުން ސްޓެލްކޯއާ ގުޅިގެން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށް ދިނުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ، ކަރަންޓު ފޯރުކޮށް ދިނުމަށް އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުގައި ހުރި ދަތިތަކާ ހެދި ސަރުކާރު ކުންފުނިތަކަށް ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ލަސްވެފައިވީ ނަމަވެސް، އެ ފްލެޓުތަކަށް ސެފްޓެމްބަރު މަހު ކަރަންޓު ދެވޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ތެރެއިން ސަރުކާރު ކުންފުނިތަކަށް ފްލެޓު އިމާރާތް ކުރުމަށް ބިން ދޫކޮށްފައިވާ އިރު، ސްޓެލްކޯ އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވަނީ ފްލެޓު އިމާރާތްކޮށްފައެވެ.