ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް އެމްޑީޕީން "ބާކީ ނުވޭ" ކެމްޕެއިން ފަށައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން "ބާކީ ނުވޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފިއެވެ.

އިންޑިއާ އައުޓްއަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ މުޅި ދުނިޔެއާ އެކަހެރިކޮށް، ބާކީ ކޮށްލާފައިވާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ގެންދަނީ އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަމުންނެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ހޭޝްޓެގް ބޭނުން ކުރައްވައި މިއަދު ޓުވީޓް ކުރައްވައިފައެވެ.

އެޓްވީޓުގައި ސިޔާސީ ބޭނުމަށްޓަކައި، ދިވެހިން ބާކީކޮށް ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ވަނީ ގޮވާލައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށާއި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކެމްޕެއިނެއް ނޫން ކަމަށެވެ. އެކަމުގައި ބައިވެރިވާ މީހުންގެ މަދުކަމުން އެއީ ރައްޔިތުންގެ ތާއީދު ނެތް ކަމެއްކަން ސާބިތުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް އިސް ފަރާތްތަކުންވެސް ދަނީ އެ ކެމްޕެއިންގައި، އެކި ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އެގޮތުން އިންޑިއާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުމާއި އިންޑިއާއިން ރާއްޖެއަށްދޭ އެހީތެރިކަމާއި، ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި ދިން އެހީތެރިކަމާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުންތަކާބެހޭ ގޮތުންވެސް ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، ގާނޫނުތަންފީޒު ކުރާ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.

އެކަމާ ގުޅިގެން އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގަ އާއި އެކި ތަންތަނުގައި ދެމި އިންޑިއާ އައުޓް ބެނާތައްވެސް ފުލުހުން ވަނީ ނަގައިފައެވެ.

ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެ ގަރާރު ގާނޫނާ ހިލާފު ކަމަށާއި އެ ގަރާރާ ގުޅިގެން އިންޑިއާ އައުޓް ބެނާތައް ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ނިމިފައިވާ އިރު، ދެން އޮންނާނީ ހުކުމް އިއްވުމެވެ.