މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މީގެ ކުރިން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމުމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު 10 ދުވަސް ޖަހައިފައެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

އިއްޔެގެ ބަންދުގެ މަޖިލީހުގައި އޭނާ ވަނީ، އޭނާއާ ދެކޮޅަށް ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ އޭނާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބައެއް ކަމަށް ބުނެފައެވެ. އަދި އޭނާ ކުއްޔަށް ދީފައިވާ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށާއި އޭނާއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

އަހުމަދު ހުސައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފުލުހުން ހޯދި މަސްތުވާތަކެތި ފެނިފައިވަނީ އެންމެންނަށް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށާއި އެއީ އޭނާއާ ދެކޮޅު ފަރާތަކުން ދެރައެއް ދިނުމަށް ކުރިކަމެއް ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ، އެ މައްސަލައާ ގުޅިހެން ފުލުހުންނަށް ފިލުމަށްޓަކައި އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯނު ނަންބަރު ބަދަލުކުރުމުގެ އިތުރުން ފޯނުވެސް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.