ޚަބަރު

ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާ ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް: ހައިކޯޓް

އިބްރާހިމް ޒަކީ

އުމުރުން ނުވަ އަހަރުން ފެށިގެން ކުއްޖަކަށް ޖިންސީގޯނާ ކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި އާދަމް ރަޝީދު އަހުމަދު ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އިޖުރާއަތްތަކާ ހިލާފު ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއީ އާދަމް ރަޝީދު އަހުމަދު އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖާގެ އުމުރުން ނުވަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދައްކައި، ކުއްޖާއަށް ބިރު ދައްކާ، ބްލެކް މެއިލް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

މި މައްސަލައިގައި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީއާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގައި އެދުނެވެ.

އެ ހުށަހެޅުމާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އާދަމް ރަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް 10 އޭޕްރީލްގައި ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެދުމުން އެދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

އެ އަމުރުގެ މުއްދަތު ހަމަވާތީއާއި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާދަމް ރަޝީދު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި 9 މެއިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

އެ ހުށަހެޅުމާ ގުޅިގެން އާދަމް ރަޝީދުގެ ވަކީލުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށް، އެ ހުށަހެޅުމާ އެކު ކޮމިޝަނަރު އޮފް ޕޮލިސް ސޮއިކުރި ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ބުނެ، ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރުމަށް އިއުތިރާޒުކުރިއެވެ. އަދި އެ އިއުތިރާޒު ކޯޓުން ބަލައިގަނެ، ޝަރުތުތަކާއެކު އާދަމް ރަޝީދު ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލައަކީ ކުރިިމިނަލް ކޯޓުގެ އެ ނިންމުން ޕީޖީ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެވެ. އިސްތިއުނާފުގައި ޕީޖީން ހުށަހަޅާފައިވަނީ، އިތުރަށް ބަންދަށް އެދޭއިރު ކޮމިޝަނަރު އޮފް ޕޮލިސްގެ އާ ސިޓީއެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި އާދަމް ރަޝީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން މި މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އާދަމް ރަޝީދު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ އިޖުރާއަތްތަކާ ހިލާފު އިޖުރާއަތެއްގެ މައްޗަށް ނެރެފައިވާ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.