ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ޓްރާންސްފާއާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާއަށް އަމާޒުވި ފާޑުކިޔުންތަކަށް އެ އިދާރާގެ ރައީސް އެލެކްސެންޑްރާ ސެފެރިން ރައްދު ދެއްވައިފިއެވެ.
އެމްބާޕޭ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރީ ސްޕެއިންގެ ގަދަ ބާރު، ރެއާލް މެޑްރިޑާ އެކުވެސް އެއްބަސްވުމަކަށް ދިއުމަށްފަހު، "ޔޫ ޓާން" އެއް ނަގައިފައެވެ. އެކަމުގެ ސަބަބުން ރެއާލްގެ ސަޕޯޓަރުންނާއި ސްޕެއިންގެ ފުޓުބޯޅަ ލީގު، ލަލީގާގެ ނުރުހުންވެސް އެމްބާޕޭއަށް ވަނީ އަމާޒުވެފައެވެ. ލަލީގާއިން ބުނެފައިވަނީ ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އާކުރުވީ ކުޅިވަރުގެ އާންމު އުސޫލުން ބޭރުން ކަމަށާއި ޕީއެސްޖީން ހިންގީ ބޮޑު ޖަރީމާއެއް ކަމަށެވެ.
އެ މައްސަލަ ލަލީގާއިން ވަނީ ރަސްމީކޮށް ޔޫއެފާއަށްވެސް ޖައްސައިފައެވެ. ލަލީގާއިން ޔޫއެފާއަށް މައްސަލަ ޖެއްސީ އެއްބާޕޭގެ އެއްބަސްވުމުގައިވާ ހުށަހެޅުންތައް ޔޫއެފާއިން ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުން ބޭރުވާ ކަމަށް ބުނެއެވެ. އެގޮތުން ލަލީގާއާއި ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ އެމްބާޕޭއަށް ޕީއެސްޖީން ހުށަހެޅި އާ ކަންކަން ހުށަހެޅީ ސީދާ ވެރިޔާ ނާސިރު އަލް ހެލައިފީ ކަމަށެވެ. ނާސިރު ޕީއެސްޖީ ފަރާތުން އެމްބާޕޭއަށް އެއްބަސްވުން އާކުރުމުން ބޮޑު ބޯނަސް ފައިސާއެއް ދިނުމުގެ އިތުރުން ކްލަބުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވޭނެ ބާރު ދިން ކަމަށްވެސް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ.
އުމުރުން 23 އަހަރުގެ އެމްބާޕޭގެ ޓްރާންސްފާ ކަންކަމުގައި ރެއާލްއިން ޔޫއެފާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައިވަނިކޮށް، އެ އިދާރާގެ ރައީސް ސެފެރިން ވިދާޅުވީ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލަކީ ހަރުކަށި އުސޫލެއް ކަމަށާއި އެ އުސޫލުގެ ބޭރު ނުވާ ގޮތަށް ހިނގާ ޓްރާންސްފާގެ ކަންކަން ބަލައިގަންނާނެ ކަމަށެވެ. އަދި އެ އުސޫލު ވަކި ކްލަބަކަށް އިސްތިސްނާ ނުވާނެ ކަމަށްވެސް ސެފެރިން ފާހަގަކުރެއްވިއެވެ.
"ޔޫއެފާއިން އެއްވެސް ކްލަބަކަށް ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުން ބޭރުވާން ފުރުސަތު ނުދޭނެ. އަހަރެމެންގެ އުސޫލަށް އިހުތިރާމް ކޮށްފިނަމަ ބޮޑެތި ޓްރާންސްފާތައްވެސް ހިންގިދާނެ. އެކަން ބަލައިވެސް ގަންނާނަން. ރެއާލް މެޑްރިޑަކަށްވެސް ޔޫއެފާ ކަންކުރަންވި ގޮތެއް ބުނެއެއް ނުދެވޭނެ. އަހަންނަށް އެނގިފައި އޮތީ ޕީއެސްޖީން ހުށަހެޅި ހުށަހެޅުންކަން ހަމަ ރެއާލްވެސް އެމްބާޕޭއަށް ހުށަހެޅީ،" 2016 ވަނަ އަހަރުން ފެށިގެން ޔޫއެފާ ރައީސްގެ މަގާމު އަދާކުރައްވަމުންދާ ސެފެރިން ވިދާޅުވިއެވެ.
ސެފެރިން ފާހަގަކުރެއްވީ އެކިއެކި ކްލަބުތަކުގައި ތިބީ ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ވެރިން ކަމަށާއި ވަކި ގައުމަކަށް، ވަކި ނަސްލަކަށް ނިސްބަތްވާ ވެރިއަކަށް ވެގެން ވަކި ގޮތެއް ޔޫއެފާއިން ދުވަހަކުވެސް ނުހަދާ ކަމަށެވެ. "ސާބިތު ނުހިފޭ، އެއްވެސް ހެއްކެއް ނެތް،" ވާހަކަތައް ޔޫއެފާއާ ގުޅުވައިގެން ދައްކާތީ އެކަމަށް މިހާރު ވަރުބަލި ވެއްޖެ ކަމަށްވެސް ސެފެރިން އިއްޔެ ވިދާޅުވިއެވެ.
ޕީއެސްޖީ ހިންގަމުންދަނީ ގަތަރުގެ ވެރިކަންކުރާ ޝާހީ އާއިލާ ހިއްސާ އޮންނަ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާގެ ދަށުންނެވެ. ޕީއެސްޖީއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުލަބަށްވާ އިރު، އެ ކްލަބާއެކު ޔޫއެފާއިން ހާއްސަ ގުޅުންތަކެއް ބާއްވާ ކަމަށް މީގެ ކުރިންވެސް ބައެއް އެހެން ކްލަބުތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ