ނައިފަރު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެ ރަށުގައި ފްލެޓް ހެދުމަށް ކުރިއަށް ގެންދިޔަ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސޮއިކޮށް ނިންމާފައިވާ މަޝްރޫއެއް ކަމަށް ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، އެ މަޝްރޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެއްކަމަށް ވިދާޅުވެ އެ މަޝްރޫއާ ބެހޭގޮތުން ޕީޕީއެމްގެ މެންބަރު، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލާ ބެހޭގޮތުންނެވެ.
މިނިސްޓަރު އަސްލަމާ ސުވާލު ކުރައްވަމުން މެންބަރު ޝިޔާމު ވިދާޅުވީ، ނައިފަރުގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް ޔާމީންގެ ޒައާމަތުގައި އިއުލާނު ކުރި ބޯހިޔާވަހިކަމުގެ މަޝްރޫއު ނިންމައި ފެބްރުއަރީމަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގެ ކޮމަންއޭރިއާ ބެލެހެއްޓުން ރަށު ކައުންސިލާ ހަވާލުކޮށްފައިވާއިރު، އެކަމަަށް މިނިސްޓްރީން ފައިސާ ނުދީގެން އެކަންތައްތައް ކައުންސިލަށް ނުބެލޭކަން ފާހަގަކޮށް ކައުންސިލުން ބަޔާނެއް ނެރެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަނުގައި ހުރި އިތުރު ފްލެޓްތައް ދިނުމުގައި މިނިސްޓްރީގެ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަންތައް ކުރަމުންދާތީ ރަށުތެރޭގެ މަސްލަހަތު ގެއްލެމުންދާކަން ކައުންސިލުން ފާހަގަ ކޮށްފައިވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމަށް މިނިސްޓަރު ދެއްވި ޖަވާބުގައި، އެހެން ބަޔަކު ކުރި މަސައްކަތެއްގެ ކްރެޑިޓް މި ސަރުކާރުން ނަގަމުން ނުގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ މި ސަރުކާރުން ސޮއިކުރި މަޝްރޫއެއް ކަމަށެވެ. އަދި އެތަނުގެ މަރާމާތު ފައިސާ އަކީ، މަހުން މަހަށް ނަގާ އަަގުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށާއި، އެ ފައިސާ ކައުންސިލަށް ލިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފައިސާ ކައުންސިލަށް ނުލިބޭކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެގޮތަށް ދޭތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް، ސަރުކާރުން އެރަށުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓްގެ ތަޅުދަނޑި އެރަށު ކައުންސިލާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.
ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް ކުރުމުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ 2021 އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
މިއީ 1000 އަކަފޫޓުގެ ތިންކޮޓަރީގެ އެޕާޓްމެންޓްތަކެކެވެ. މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރި މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު