އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ހިޔާލު ހޯދުމަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އެ ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އައިޓީއެފްސީއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގުތިސޯދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.
އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުމާއި އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން ހިމެނެއެވެ.
މީގެ އިތުރުން މެމްބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ލެޓާ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި އާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް އާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން ހިމެނެއެވެ.
އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތް ނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައިއެސްޑީބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ.
އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިން އެހީ ރާއްޖެއަށް ލިބިފައިވެއެވެ. އެންމެފަހުން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެސްޓީއޯއަށް ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެކެވެ. އަދި މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބުނު ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ހިމެނެއެވެ.